ދެއްވަދޫގައި ބައްޕައަކު އަންހެން ދަރިއަށް ހަމަލާދިން މައްސަލައެއް ބަލަނީ

ދެއްވަދޫގައި ބައްޕައަކު އަންހެން ދަރިފުޅަށް ހަމަލޭދޭ މަންޒަރު ދައްކުވައިދޭ ވީޑިއޯގެ ސްކްރީން ޝޮޓެއް ---

ގއ. ދެއްވަދޫގައި ބައްޕައަކު އޭނާގެ އަންހެން ދަރިފުޅަށް ހަމަލާ ދިން މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

ފިރިހެނަކު ލަޓިބުރިއަކުން އަންހެން ކުއްޖަކަށް ހަމަލާ ދޭ މަންޒަރު ފެންނަ ވީޑިއޯއެއް ސޯސަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ. ރުޅިގަދަވެފައިވާ އެ މީހާ ލަޓިބުރިން ހަމަލާ ދިނުމުން އަންހެން ކުއްޖާ ރޯ އަޑު އިވެއެވެ. އަދި ގޭގައި ހުރެފައި އަންހެން ކުއްޖާ ދުވެ ބޭރަށް ނުކުތުމުން ވެސް އެ ފިރިހެން މީހާ އަންހެން ކުއްޖާއަށް ލަޓިބުރިން ހަމަލާ ދޭ މަންޒަރު އެ ވިޑިއޯއިން ފެނެއެވެ.

ފިރިހެން މީހާ އެތަނުން ދުރުކޮށްފައި ވަނީ އިތުރު އެހެން ފިރިހެނެއް އައިސްއެވެ.

އެނގިފައިވާ ގޮތުގައި އެ ފިރިހެން މީހާ ހަމަލާދީފައި ވަނީ މި މަހު 18 އަހަރު ފުރުނު އޭނާގެ އަންހެން ދަރިއަށެވެ. ބައްޕައާ ދަރިފުޅާ ދެމެދު މައްސަލަ އުފެދުނީ ބައްޕަގެ ހުއްދައާ ނެތި އެހެން ފިރިހެނަކަށް ނަންބަރު ދިނުމުން ކަމަށް އެކަމުގެ މައުލޫމާތު އެނގޭ ފަރާތަކުން ކިޔައިދިނެވެ.

ދެއްވަދޫގައި ބައްޕައަކު އަންހެން ދަރިފުޅަށް ހަމަލާ ދިން މައްސަލަ ބަލަމުން އަންނަ ކަން ފުލުހުން ވަނީ ކަށަވަރުކޮށްދީފައެވެ. ނަމަވެސް އަދި އެ ފިރިހެން މީހާ ހައްޔަރުކޮށްފައެއް ނުވެއެވެ.

comment ކޮމެންޓް