ޒުވާނުންގެ ފުޓްސަލް މުބާރާތް، ޒުވާނުންގެ ސަހަރުގައި ބަޑިބޭހުގެ ކުޅިވަރާއެކު ފަށައިފި

ޔޫތު ސިޓީ ފުޓްސަލް ކަޕް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ ޔޫތު ސިޓީ ފުޓްސަލް ކަަޕް

ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު އަދި އެންމެ ބޮޑު ފުޓްސަލް މުބާރާތް، އެޗްޑީސީ ކަޕް ނުވަތަ ޔޫތު "ސިޓީ ފުޓްސަލް ކަޕް 2018" ރޭ ފަށައިފިއެވެ.

ކުލަގަދަ ރަސްމިއްޔާތަކާއެކު ރޭ ހުޅުމާލޭގައި ފެށިގެން ދިޔަ މުބާރާތް ފައްޓަވައިދެއްވީ ރާއްޖޭގެ ފަސްޓް ލޭޑީ މެޑަމް ފާތުމަތު އިބްރާހީމެވެ.

ޖުމަލަ 136 ޓީމާއެކު މުބާރާތް ފަށައިފައިވާ އިރު، ފިރިހެން 120 ޓީމު، އަންހެން 16 ޓީމު މުބާރާތުގައި ވާދަކުރާނެއެވެ.

ޔޫތު ސިޓީ ފުޓްސަލް ކަޕް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ ޔޫތު ސިޓީ ފުޓްސަލް ކަަޕް

ހުޅުމާލޭގައި ގިނަ އަދަދެއްގެ ބަޔަކާއެކު ރޭ ބޭއްވި ކުލަގަދަ ރަސްމިއްޔާތުގައި ހާއްސަ މުނިފޫހިފިލުވުމުގެ ހަރާކަތްތަކެއް ފެނިގެން ގޮސްފައިވާ އިރު، ރާއްޖޭގެ ފަސްޓް ލޭޑީ މެޑަމް ފާތުމަތު އިބްރާހީމް މުބާރާތް ފައްޓަވައި ދެއްވުމާއެކު ބަޑީބޭހުގެ ކުޅިވަރުތައް ފެނިގެން ގޮސްފައިވެއެވެ.

މުބާރާތް ފެށުމުގެ ރަސްމިއްޔާތުގައި އެޗްޑީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަހްމަދު ބުންޔާމީންވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

ރޭގެ ހަފްލާގައި މުބާރާތުގެ ތީމް ލަވަ ލޯންޗުކޮށްފައިވެއެވެ. އެގޮތުން ފްރީސްޓައިލްގެ ހަރަކާތްތަކާއެކު ލަވަ ލައިވްކޮށް ހުށައަޅާދިނީ މިދިޔަ އަހަރު މޯލްޑިވިއަން އައިޑަލްއިން ވިދާލި އަބްދުﷲ ހިޝާން އާއި ރާއްޖޭގެ ރެޕް އާޓިސްޓް ޔެސީއެވެ.

ޔޫތު ސިޓީ ފުޓްސަލް ކަޕް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ ޔޫތު ސިޓީ ފުޓްސަލް ކަަޕް

މުބާރާތް ހުޅުވުމުގެ ގޮތުން ފުރަތަމަ ކުޅެފައި ވަނީ އަންހެން ޑިވިޝަންގެ މެޗެކެވެ.

އަންހެން ޑިވިޝަން ގްރޫޕް އެކެއްގައި ދިވެހި ސިފައިންގެ ކްލަބާއި ޒެނިތު ސްޕޯޓްސް ކްލަބު ވާދަކުރި މެޗު، 1-0ގެ ނަތީޖާއަކުން ކާމިޔާބުކުރީ ޒެނިތު ސްޕޯޓްސް ކްލަބެވެ.

މެޗުގެ ހަމައެކަނި ގޯލް ޒެނިތު ސްޕޯޓްސް ކްލަބަށް ކާމިޔާބުކޮށްދިނީ ގައުމީ ޓީމަށް ގިނަ ދުވަސްތަކެއް ވަންދެން ކުޅެ ރިޓަޔާކޮށްފައިވާ މަރިޔަމް މިރުފަތެވެ.

މުބާރާތުގައި ރޭ ކުޅުނު ފިރިހެން މެޗުގައި ދާ އެޅުން ޕްރޯއާއި ޑެސްޕަރާޑޯ އެފްސީ ވާދަކުރި މެޗު ފެނިގެން ދިޔައީ ފޯރި ގަދަކޮށެވެ. އެގޮތުން މެޗުގެ ފުރިހަމަ ވަގުތު ހަަމަވިއިރު ނަތީޖާ 2-2 ން އެއްވަރުވެފައި އޮތުމުން މެޗުގެ ނަތީޖާ ނެރެން ޖެހުނީ ޕެނެލްޓީ ޖަހައިގެންނެވެ.

ޕެނެލްޓީ ޖަހައިގެން 5-4ގެ ނަތީޖާއަކުން މެޗު ކާމިޔާބުކުރީ ޑެސްޕަރާޑޯ އެފްސީއެވެ.

މިރޭވެސް މުބާރާތުގެ ކުޅުން ކުރިއަށްދާނެއެވެ.

މިރޭގެ މެޗުތައް:

20:00 (އަންހެން ޑިވިޝަން) އެފްސީ ރަނިން - ޕްރިޒަން ކްލަބު/ ގްރައުންޑް 2

20:00 (ފިރިހެން ޑިވިޝަން) ކްލަބު އެސްޑީޒެޑް - ޓީމު އެޗްއެފްސީ/ ގްރައުންޑް 1

21:00 (ފިރިހެން ޑިވިޝަން) މެޖިސްޓާ އެފްސީ - އެފްސީ ވަކަރުގެ/ ގްރައުންޑް 1

21:00 (ފިރިހެން ޑިވިޝަން) ޔަންގް ސްޓާސް - އެސްއީއެސް އެފްސީ/ ގްރައުންޑް 2

22:00 (ފިރިހެން ޑިވިޝަން) ޕްރޯ ފްރެންޑްސް - އެފްސީ ގޭމްލޭންޑް/ ގްރައުންޑް 1

2:00 (ފިރިހެން ޑިވިޝަން) ޓީމު އާރްސީސީ - މައްޗަން ގޯޅި ޒުވާނުންގެ ގުޅުން/ ގްރައުންޑް 2

comment ކޮމެންޓް