މީރާގެ ބްރާންޗެއް ހުޅުމާލޭގައި ހުޅުވައިފި

މީރާގެ ހުޅުމާލެ ބްރާންޗު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ސީޖީ ޔަޒީދު ވާހަކަ ދައްކަވަނީ--- ސަން ފޮޓޯ

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ބްރާންޗެއް ހުޅުމާލޭގައި ހުޅުވައިފިއެވެ. މި ބްރާންޗް ހުޅުވައިދެއްވީ މިއަދު މީރާ ހުޅުމާލޭ ބްރާންޗުގައި ބޭއްވި ރަސްމިއްޔާތެއްގައި ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ޔަޒީދު މުހައްމަދެވެ.

ހުޅުމާލޭގައި ދިރިއުޅޭ ޓެކްސް ދައްކާ ފަރާތްތަކާ ވީހާވެސް ގާތުން ޚިދުމަތް ފޯރުކޮށްދިނުމަށް މީރާ އިން ހުޅުމާލޭގައި ހުޅުވި ބްރާންޗް ހުންނާނީ ހުޅުމާލެ ހޮސްޕިޓަލު ކުރިމަތިން އޮންނަ ކޮމާޝަލް ބްލޮކް ގައެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޔަޒީދު ވިދާޅުވީ ޓެކްސް ދައްކާ ފަރާތްތަކާ ވީހާވެސް ގާތުން ޚިދުމަތް ފޯރުކޮށްދިނުމަކީ ޓެކުހުގެ ގާނޫނުން މީރާ އަށް ލާޒިމު ކުރާ ކަމެއް ކަމަށާއި ހުޅުމާލޭގައި މީރާގެ ބްރާންޗެއް ހުޅުވި މަގްސަދަކީ އެއީ ކަމަށެވެ.

ހުޅުމާލެއަކީ ވިޔަފާރިތަކަށް މިހާރު އެންމެ ފަހި ތަން ކަން ފާހަގަ ކުރައްވައި ޔަޒީދު ވިދާޅުވީ އެރަށުގައި ޓެކްސް ދައްކާ 2159 ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ކަމަށާއި އޭގެ ތެރޭގައި ޓެކްސް ދައްކާ 1526 ފަރާތް އެބަތިބި ކަމަށެވެ. ޓެކްސް ދައްކާ ފަރާތްތަކުގެ ތެރޭގައި 100 އެއްހައި ގެސްޓްހައުސް ހިމެނޭކަން ސީޖީ ޔަޒީދު ފާހަގަ ކުރެއްވިއެވެ.

ޔަޒީދު ވިދާޅުވީ އޮންލައިން ކޮށް ޓެކްސް ދެއްކުމަށް ބާރު އެޅިނަމަވެސް އެކަން ނުކުރެވޭ ނުވަތަ އޮންލައިންކޮށް ޓެކްސް ދައްކަން އުނދަގޫ ފަރާތްތަކަށް މީރާގެ ބްރާންޗުތަކުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.

ރާއްޖޭގެ 12 ސަރަހައްދެއްގައި މީރާގެ ގޮފިތައް މިހާރު އެބަހުއްޓެވެ.

comment ކޮމެންޓް