ޑޮކްޓަރުކަން ކިޔަވަން ހުޅުވާލި ފުރަތަމަ ދުވަހުވެސް 40 ދަރިވަރުން ކުރިމަތިލައިފި

25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލަށް: މެޑިކަލް ސްކޫލް ގާއިމް ކުރާނީ އެ ހޮސްޕިޓަލުގެ ދެ ބުރިއެއްގައި --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޑޮކްޓަރުކަން ކިޔެވުމަށް ރާއްޖޭގައި އަލަށް ފަށާ ކޯހުގައި ބައިވެރިވާން ހުޅުވާލި ފުރަތަމަ ދުވަހު ވެސް 40 ދަރިވަރުން ކުރިމަތިލާފައިވާ ކަމަށް ރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)އިން ބުނެފިއެވެ.

އަންނަ ޖުލައި މަހު ތެރޭގައި ފަށަން ތައްޔާރުވާ އެމްބީބީއެސް ޕްރޮގްރާމުން 50 ދަރިވަރުންނަށް ޖާގަ ހުޅުވާލައި، އެމްއެންޔޫއިން އިއުލާންކުރީ މިމަހުގެ ނުވަ ވަނަ ދުވަހު އެވެ.

އެ ކޯހަށް އެދޭ ފޯމު ބަލައިގަންނަން ފެށީ އިއްޔެއެވެ. އަދި މުއްދަތު ހަމަވާނީ އަންނަ ޖޫން މަހުގެ 14 ވަނަ ދުވަހު އެވެ.

އެމްއެންޔޫގެ ރަޖިސްޓްރާ ޑރ. ސައުދުﷲ އަލީ މިއަދު ވިދާޅުވީ، އެމްއެމްބީއެސް ކޯހަށް ކުރިމަތިލާން ހުޅުވާލި ފުރަތަމަ ދުވަހުވެސް 40 ދަރިވަރުން ކުރިމަތިލާފައިވާ ކަމަށާއި އެއީ ބޮޑު ތަރުހީބެއް ކަމަށެވެ.

ނަމަވެސް ކޯހަށް އެދޭ ދަރިވަރުން ނިންމާނީ އެކަމުގެ އެވަލުއޭޝަން އަށްފަހު ނަމަވެސް ބާކީ އިން 10 ފުރުސަތަށް ވީހާ ވެސް އަވަހަށް ކުރިމަތިލެއްވުމަކީ ޔުނިވާސިޓީގެ އެދުމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ޑރ. ސައުދުﷲ ވިދާޅުވީ، ޔުނިވާސިޓީގެ އުސޫލުތައް އޮންނަ ގޮތުން ކޮންމެ ކޯހަކަށް ވެސް ފުރުސަތު ދެވޭނީ ފުރަތަމަ ފޯމް ހުށަހަޅާ ދަރިވަރުންނަށް ކަމަށާއި ނަމަވެސް ފޯމް ބަލައިގަތުމުގެ ސުންގަޑި ހަމަވަންދެން ފޯމް ބަލައިގަންނަމުން ދާނެ ކަމަށެވެ.

ފަސް އަހަރުގެ މުއްދަތަށް ކުރިއަށްގެންދާ އެމްބީބީއެސް ޕްރޮގްރާމަށް އެދުމުގެ ޝަރުތުތަކުގެ ތެރޭގައި، އޭލެވެލްގައި ބަޔޮލަޖީ، ކެމިސްޓްރީ، ޕިޒިކްސް އަދި ހިސާބުން ފާސްވުމާ އެކު އޯ ލެވެލް އިމްތިހާނުގައި މަދުވެގެން ފަސް މާއްދާއިން ފާސްވުން ހިމެނެއެވެ. އަދި އިނގިރޭސި މާއްދާއިން މަދުވެގެން ސީ ފާސް ލިބިފައި އޮންނަންޖެހޭ ކަމަށް ޔުނިވާސިޓީން ބުންޏެވެ.

އަންނަ ޖުލައި މަހުގެ ތެރޭގައި އެމްބީބީއެސް ފެށުމަށް އެމްއެންޔޫއިން ތައްޔާރުވަމުންދާއިރު، އެ ކޯސްތައް ހިންގަން ނިންމާފައިވަނީ އައިޖީއެމްއެޗާ ޖެހިގެން މިހާރު ހަދަމުން އަންނަ 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލްގެ ދެ ތަނެއްގައެވެ.

އަދި އެތަނަށް ބޭނުންވާ ސާމާނު ހޯދުމުގެ މަސައްކަތް ވެސް އެމްއެންޔޫއިން ދަނީ ކުރަމުންނެވެ.

ޑޮކްޓަރުކަން ކިޔެވުމަށް ރާއްޖޭގައި އަލަށް ފަށާ ކޯހުގައި ބައިވެރިވާ ދަރިވަރުންނަށް ޑިޕާޓްމެންޓު އޮފް ހަޔާ އެޑިއުކޭޝަން (ޑީއެޗްއީ) އިން ލޯނަށް އެދުމުގެ ފުރުސަތު ވެސް ހުޅުވާލިއެވެ.

comment ކޮމެންޓް