މަންމައިންނަށްޓަކައި "ރަފީ"އިން ޚާއްސަ ޕްރޮގްރާމެއް މިރޭ ފަށަނީ

ކ.ހިންމަފުށީ ހިއްގައިމު މާހައުލެއްގައި އަންހެނަކު އިލޮށި މަށަނީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އުމުރުން 45 އަހަރުން މަތީގެ މައިންނަށް ޚާއްސަކޮށްގެން ރީޖަނަލް އެލަޔަންސް ފޯރ ފޮސްޓަރިންގް ޔޫތު (ރަފީ)އިން ޚާއްސަ ޕްރޮގްރާމެއް މިރޭ ފެށުމަށް ތައްޔާރުވެއްޖެއެވެ.

"މަދަރ ކުއީން"ގެ ނަމުގައި ފަށާ މި ޕްރޮގްރާމާ ގުޅޭގޮތުން، ރަފީ ޖަމިއްޔާގެ ރައީސާ ޑރ. އާއިޝަތު ރަފިއްޔާ "ސަން"އަށް ވިދާޅުވީ، މި ޕްރޮގްރާމުގެ މަގްސަދަކީ މުޖުތަމައުގެ ތެރެއަށް މާ ގިނައިން ނުކުމެ ނޫޅޭ މަންމައިންނާއި ހަރު އުމުރުގެ އަންހެނުންނަށް މައުލޫމާތުދީ، ކަންކަމުގައި ބައިވެރިކުރުން ކަމަށެވެ.

"ލައިފްގެ އެސްޕެކްޓްތައް ކަމުގައިވާ، ރޫހާނީ، ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަމާ ބެހޭގޮތުން މައުލޫމާތު ދެވޭނެ. އަދި ސިއްހަތާ ގުޅޭ ޓިޕްސްއާއި، ނަފްސާނީ ހަމަޖެހުމާއި ހާސްކަން ފިލުވާނެ ގޮތްތަކާއި، އެއް އުމުރުގެ މީހުންނާއި ދަރީންނާވެސް އެކު ގުޅުން ބަދަހިކޮށް އުޅުމާ ބެހޭގޮތުން ވާހަކަ ދެކެވޭނެ،" ޑރ. ރަފިއްޔާ ވިދާޅުވިއެވެ.

ޑރ. ރަފިއްޔާ ވިދާޅުވީ މި ޕްރޮގްރާމު މެދުވެރިކޮށް އުފައްދަން ބޭނުންވަނީ 45 އަހަރުން މަތީގެ އަންހެނުން ހިމެނޭ ނެޓްވޯކެއް ކަމަށެވެ.

މިރޭ ސޯޝަލް ސެންޓަރުގައި ފަށާ މި ޕްރޮގްރާމަކީ ނުވަ ދުވަހުގެ މުއްދަތަށް ކުރިއަށްދާ ޕްރޮގްރާމެކެވެ. ޕްރޮގްރާމް ނިންމުން އޮންނާނީ، މަންމައިންގެ ދުވަސް ފާހަގަކުރާ، މެއި މަހުގެ 13 ވަނަ ދުވަހުއެވެ.

މި ޕްރޮގްރާމުގައި ކްލާސްތައް ނަންގަވައިދެއްވާ ބޭފުޅުންގެ ތެރޭގައި މަޝްހޫރު މޯޓިވޭޝަނަލް ސްޕީކަރުން މަސްއޫދު އަލީ އަދި މުހައްމަދު ޝިހާބު (ދަމާސް ޝިހާބު)، މަޝްހޫރު ކެއްކުންތެރިޔާ ޖުވޭރިޔާ ވަޖުދީ އަދި ސްކިން ކެންޑީގެ ވެރިޔާ ލުބްނާ މުހައްމަދު ޒާހިރު ހުސައިން ހިމެނެއެވެ.

ރަފީ ޖަމިއްޔާއިން ބުނީ، "މަދަރ ކުއީން" ޕްރޮގްރާމުގައި ބައިވެރިވާން އެދޭ، އުމުރުން 45 އަހަރުން މަތީގެ އަންހެނުންނަށް އެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށެވެ. އެގޮތުން 9997239 ނަމްބަރަށް ގުޅައި، ނުވަތަ އެ ނަމްބަރަށް އެސްއެމްއެސްގެ ޒަރިއްޔާއިން މައުލޫމާތު ފޮނުވައިގެންވެސް ބައިވެރިވާން އެދެވިދާނެކަމަށް ރަފީ ޖަމިއްޔައިން ބުނެއެވެ. މި ޕްރޮގްރާމުގައި ބައިވެރިވުމަށް އެއްވެސް އަގެއް ނުނަގާނެއެވެ.

ރަފީ ޖަމިއްޔާގެ "މަދަރ ކުއީން" ޕްރޮގްރާމުގެ ޕޓްނަރުންނަކީ ލައިފް ސަޕޯޓް، ކެކްޓަސް، ކޮކާ ކޯލާ، ލިންޗްޕިން އަދި ސްކިން ކެންޑީއެވެ.

comment ކޮމެންޓް