އެމްއެންޔޫގެ ޑިޖިޓަލް ޕޯޓަލްއިން އަމިއްލަ ލިޔުންތެރިންގެ ލިޔުންތައްވެސް މިހާރު ލިބޭނެ!

ރާއްޖެއާ ބެހޭ ތަފާތު މައުލޫމާތު ޑިޖިޓަލްކޮށް އެއްތަނަަކުން ލިބޭނެ ޑޭޓާބޭސް އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: ގައުމީ ޔުނިވާސިޓީ

ރާއްޖޭއާ ބެހޭ ތަފާތު މައުލޫމާތު ޑިޖިޓަލްކޮށް އެއްތަނަކުން ލިބޭނެގޮތް ހެދުމަށްޓަކައި ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އިން "ސަރުނަ" އިގެ ނަމުގައި ދާދި ފަހުން ތައާރަފުކުރި ޑިޖިޓަލް ޕޯޓަލްއިން އަމިއްލަ ލިޔުންތެރިންގެ ލިޔުންތައްވެސް މިހާރު ލިބޭނެ ކަމަށް ގައުމީ ޔުނިވާިސިޓީން ބުނެފިއެވެ.

ޕީއެސްއެމްއިން ރޭ ގެނެސްދިން "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އެމްއެންޔޫގެ ޗީފް ލައިބްރޭރިއަން ހުސެއިން ހަލީމް ވިދާޅުވީ އެ ޔުނިވާސިޓީން މިހާރު އެންމެ އިސްކަންދެނީ ތަފާތު ގިނަ ވައްތަރުގެ ލިޔުންތައް "ސަރުނަ" އިން ލިބޭނެގޮތް ހެދުމަށް ކަަމަށެވެ.

" އަޅުގަނޑުމެން މިހާރު އެންމެ އިސްކަންދީގެން ކުރެވޭ މަސައްކަތަކީ ސަރުކާރުގެ އެކިއެކި ދާއިރާތަކުގައި މިހެން ހުރި އެކިއެކި ލިޔުންތައް ހޯދުމަށް ކުރަން ޖެހޭ މަސައްކަތްތައް. މިގޮތުން އެކިއެކި ފަރާތްތަކަށް އަޅުގަނޑުމެން ސިޓީގެ ޒަރިއްޔާއިން އެދުމާ އަދި އަޅުގަނޑުމެން ބައްދަލުކޮށްގެން މި ތައާރަފްކޮށްދިނުމާ އަދި އާޓިކަލްސްތައް ހޯދުމާ މިބާވަތުގެ ކަންތައް އެބަކުރަމުން ދަން،" ސަލީމް ވިދާޅުވިއެވެ.

ސަލީމް ވިދާޅުވީ ޕޯޓަލްގައި އިތުރު ލިޔުންތައް ހޯދުމުގެ ގޮތުން އެކި ލިޔުންތެރިންނާ ވަކިވަކިންވެސް މިހާރު ބައްދަލުކުރަމުންދާ ކަމަށެވެ.

" އޭގޭ ބޭނުން އެގުނީމަ ވަރަށް ގިނަ މުސައްނިފުން އެބަ ލިޔުންތައް އެބަ ދެއްވާ. ބައެއް ބޭފުޅުން އެބަހުރި 500 އަދި 600 ލިޔުން އެއްބޭފުޅަކު ލިޔުއްވާފައި ލިޔުންތައް ވެސް ދީފައި. އަނެއްބައި ބޭފުޅުން 100 އިން. އަނެއްބައި ބޭފުޅުން 50 އިން ދެއްވާފައި އެބަހުރި،" ސަލީމް ވިދާޅުވިއެވެ.

"ސަރުނަ" ވެބްސައިޓުގައި ހިމެނޭ ބައިތަކުގެ ތެރޭގައި، ސްކޭން ކޮށްފައިވާ ފޮތްތަކާއި، އެކަޑެމިކް އާޓިކަލްސްތަކުގެ އިތުރުން ދިވެހި ބަހާ ގުޅޭގޮތުން ލިޔެފައިވާ އާޓިކަލްސްތައް ވެސް ހިމެނެއެވެ. އަދި ރާއްޖެއާ ގުޅޭ އެކިއެކި ފޮޓޯތަކާ "ޕޮޑްކާސްޓް" ތަކުގެ އިތުރުން ގައުމީ ޔުނިވާސިޓީގެ ދަރިވަރުން ހަދާފައިވާ ތީސީސްތަކާއި އަދި ޔުނިވާސިޓީން ނެރޭ މަޖައްލާތައްވެސް ވެބްސައިޓުގައި ފެންނާނެ ގޮތް ވަނީ ހަދައިފައެވެ.

comment ކޮމެންޓް