އިންޑިއާގެ އުއްތަމަ ފަނޑިޔާރު ވަކިކުރަން ހުށަހެޅި ޕެޓިޝަން ބޭރުކޮށްލައިފި

އިންޑިއާގެ އުއްތަމަ ފަނޑިޔާރު ދީޕަކް މިސްރާ ---

އިންޑިއާގެ އުއްތަމަ ފަނޑިޔާރު ދީޕަކް މިސްރާ މަގާމުން ވަކިކުރުމަށް އެދި، އެ ގައުމުގެ އިދިކޮޅު ފަރާތްތަކުން ގާނޫނު ހަދާ މަޖިލީހަށް ވެއްދި ޕެޓިޝަން އެ މަޖިލީހުގެ މަތިގެއިން ބޭރުކޮށްލައިފި އެވެ.

އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ މަތިގެ، ރާޖްޔާ ސަބާގެ ޗެއާމަނަކީ އެ ގައުމުގެ ނައިބު ރައީސް ވެންކައިއާ ނައިޑޫއެވެ. އިދިކޮޅު ފަރާތްތަކުން ހުކުރު ދުވަހު ހުށަހެޅި ޕެޓިޝަން މަޖިލީހުން ބޭރުކޮށްލައްވައި، ނައިބު ރައީސް އަދި މަތިގޭގެ ޗެއާމަން ނައިޑޫ ވިދާޅުވީ އުއްތަމަ ފަނޑިޔާރާ ދެކޮޅަށް ކުރާ ތުހުމަތުތަކަކީ ގަބޫލުކުރެވޭނެ ކަންކަމެއް ނޫން ކަމަށެވެ.

"މި މައްސަލާގައި ކުރެވޭ ތުހުމަތުތަކަކީ އިންޑިއާގެ ގާނޫނު އަސާސީގެ މައި އަސާސު ކަމުގައިވާ ފަނޑިޔާރުގޭގެ މިނިވަންކަން ނިގުޅައިގަންނަ ފަދަ ތުހުމަތުތަކެއް،" ނައިބު ރައީސް ނައިޑޫ ވިދާޅުވި އެވެ.

https://sun.mv/104431

އެހެންކަމުން، އެ މައްސަލަ މަޖިލީހަށް ބަލައިގަތުމަކީ ގާނޫނީ ގޮތުން ވެސް އެންމެ ރަނގަޅު ގޮތް ކަމަށް ފެނިވަޑައިނުގަންނަވާތީ، އެ މައްސަލަ ބަލައިނުގަތުމަށް ނިންމެވީކަމަށް ނައިބު ރައީސް ނައިޑޫ ވިދާޅުވި އެވެ.

އުއްތަމަ ފަނޑިޔާރު މިސްރާއާ ދެކޮޅަށް ޕެޓިޝަން ހުށަހެޅީ 2014 ވަނަ އަހަރު ފަނޑިޔާރު ބްރިޖްގޯޕާލް ހަރްކިޝަން ލޯޔާ އަވަހާރަވީ ގުދުރަތީ ސަބަބުތަކާ ހެދި ކަމަށާއި އެ މައްސަލައިގެ މިނިވަން ތަހުގީގެއް ކުރުމުގެ ބޭނުމެއް ނެތް ކަމަށް ސުޕްރީމް ކޯޓުން ބުރާސްފަތި ދުވަހު ނިންމި ނިންމުމަކާ ގުޅިގެންނެވެ. އެ މައްސަލަ ނިންމި ބެންޗުގައި އިސްކޮށް އިންނެވީ އުއްތަމަ ފަނޑިޔާރު މިސްރާ އެވެ.

ލޯޔާ އަވަހާރަވީ އިންޑިއާގެ ވެރިކަން ކުރާ ޕާޓީ ބާރަތިޔާ ޖަނަތަ ޕާޓީ (ބީޖޭޕީ)ގެ ރައީސް އަމިތު ޝާހްއާ ގުޅުން ހުރި، މަރުގެ މައްސަލައެއް ބައްލަވަމުން ދަނިކޮށެވެ. ލޯޔާ ނިޔާވީ ހާޓްއެޓޭކެއް ޖެހިގެން ކަމަށް ކޯޓުން ނިންމި ނަމަވެސް އޭނާގެ އާއިލާގެ މެމްބަރުން ވަނީ އެމައްސަލައިގެ ޝައްކުކުރެވޭ ކަންތައްތަކެއް ހުރި ކަމަށް ބުނެފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް