ސްކޫލްތަކުން ހޮވާ ބެސްޓް އޯލްރައުންޑް ދަރިވަރަށް ރައީސްގެ ފަރާތުން ހަނދާނީ ފިލައެއް

ސްކޫލްތަކުން ކޮންމެ އަހަރަކު ހޮވާ ބެސްޓް އޯލްރައުންޑް ސްޓޫޑަންޓަށް، މިއަހަރުން ފެށިގެން ހާއްސަ ރައީސް ދެއްވައި ހަނދާނީ ފިލާ އިފްތިތާހް ކުރުމުގެ ގޮތުން ސީއެޗްއެސްސީން މިދިޔަ އަހަރު ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ހޮވުނު މަލްހާއަށް ފިލާ، ރައީސް ހަވާލުކޮށްދެއްވަނީ --- ފޮޓޯ/ ރައީސް އޮފީސް

ސާނަވީ އަދި މަތީ ސާނަވީއަށް ކިޔަވައިދޭ ސްކޫލްތަކުން ކޮންމެ އަހަރަކު ހޮވާ، ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަށް ނުވަތަ ބެސްޓް އޯލްރައުންޑް ސްޓޫޑަންޓަށް، މިއަހަރުން ފެށިގެން ރައީސުލްޖުމްހޫރިއްޔާގެ ފަރާތުން ޚާއްސަ ހަނދާނީ ފިލައެއް ދެއްވާ ގޮތަށް ނިންމައިފިއެވެ.

އެކަން އިފްތިތާހުކުރުމުގެ ގޮތުން މިއަހަރު ދެއްވާ ފުރަތަމަ ހަނދާނީ ފިލާ ލިބިފައިވަނީ ސީއެޗްއެސްއީން މިދިޔަ އަހަރު ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ހޮވުނު ރ. ރަސްގެތީމު، ރަސްވެލި، އާއިޝަތު މަލްހާއަށެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި، އެ ހަނދާނީ ފިލާ މަލްހާއަށް ދެއްވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމެވެ.

ބެސްޓް އޯލްރައުންޑް ދަރިވަރަށް ރައީސްގެ ހަނދާނީ ފިލައެއް ދެއްވަން ނިންމެވިއިރު، އެމަގާމަށް ހޮވޭ ދަރިވަރަށް މީގެ ކުރިން ރައީސުލްޖުމްހޫރިއްޔާގެ ފަރާތުން ލިބެނީ ޚާއްސަ އިނާމެކެވެ.

ރައީސް އޮފީހުން ބުނީ، މިއަދު އިފްތިތާހްކުރި ރައީސްގެ ހަނދާނީ ފިލާ މީގެފަހުން ދަރިވަރުންނާ ހަވާލުކޮށްދެއްވާނީ، ސްކޫލްތަކުގެ އަހަރީ އިނާމު ދިނުމުގެ ޖަލްސާގައި، އެ ޖަލްސާއެއްގެ ޝަރަފްވެރި މެހެމާނު ކަމަށެވެ.

ރައީސްގެ ހަނދާނީ ފިލާ އިފްތިތާހްކުރުމަށް ރައީސް އޮފީހުގައި މިއަދު ބޭއްވި ހަފްލާގައި ރައީސް ވަނީ، ބޭރު ގައުމަކަށް ކިޔަވަންދިޔަ ކަމުގައި ވިއަސް ގައުމުގެ ދެކެ ލޯބިވުމަށާއި ވަތަނީ މީހަކަށް ވުމަށް ނަސޭހަތްތެރިވެވަޑައިގެންފައެވެ.

އަދި ގައުމެއްގެ ހައިސިއްޔަތުން ކޮށްދީފައިވާ ހިދުމަތްތަކުގެ އަގު އަދާކުރުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރައްވައި، ކޮންމެ ދާއިރާއަކުން ކުރިއަށް ދިޔަ ނަމަވެސް އުގެނިފައިވާ ތައުލީމުގެ ބޭނުން އެންމެ ހެޔޮ ގޮތުގައި ހިފުމަށް ނަސޭހަތްތެރިވެވަޑައިގަތެވެ.

comment ކޮމެންޓް