އިލިއާނާ ބަނޑުބޮޑެއް ނޫން!

ބަތަލާ އިލިއާނާ

ބޮލީވުޑް ބަތަލާ އިލިއާނާ ޑިކްރޫޒް ބަނޑުބޮޑު ކަމަށް ބުނެ ދެކެވެމުން އަންނަ ވާހަކަތައް އޭނާ ދޮގުކޮށްފިއެވެ.

އިލިއާނާ އަކީ އަމިއްލަ ދިރިއުޅުމުގެ ވާހަކަ ދައްކާ ފަންނާނެއް ނޫނެވެ. ނަމަވެސް ފިލްމު "ރެއިޑް" ގެ ބަތަލާ ފާހަގަ ކޮށްލެވެނީ އަމިއްލަ ދިރިއުޅުމުގެ ކަންކަން ފޮރުވަން ވެސް ނޫޅޭ ފަންނާނެއްގެ ގޮތުގައެވެ.

އިލިއާނާ ބަނޑުބޮޑު ކަމަށް މީހުން ބުނަން ފަށައިފައި ވަނީ އޭނާ އިންސްޓަގްރާމް ކުރި ފޮޓޯއެއްގެ ސަބަބުންނެވެ. އެ ފޮޓޯ އިން ބައެއް މީހުންނަށް "ބޭބީ ބަމްޕް" އެއް ފާހަގަވެގެން، އިލިއާނާ ބަނޑުބޮޑުތޯ ސުވާލު ކުރަން ފެށިއެވެ.

ނަމަވެސް އިންސްޓަގްރާމް ކުރި އިތުރު ފޮޓޯ އަކާ އެކު އިލިއާނާ މިވަނީ އޭނާ ބަނޑުބޮޑު ނޫން ކަމަށް ބުނެފައެވެ.

މީގެ ކުރިން އެންމެން ވެސް ދައްކަމުން އައީ އިލިއާނާ ސިއްރުން ކައިވެނި ކުރި ވާހަކައެވެ. އެއީ ސޯޝަލް މީޑިއާގައި އިލިއާނާ އޭނާގެ ލޯބިވެރިޔާ އަށް "ފިރިމީހާ" ގެ ނަމުން މުޚާތަބު ކުރާތީ އެވެ.

ކައިވެންޏާ ގުޅޭގޮތުން ސުވާލު ކުރުމުން އިލިއާނާ ދޭ ޖަވާބަކީ ކަމުގެ ހަގީގަތް މުޅި ދުނިޔެއަށް ވެސް ހާމައަށް ފެންނަން އޮތް ކަމަށެވެ. ކައިވެނީގެ ވާހަކަތަކަށް އިންކާރު ނުކުރި ނަމަވެސް އެކަން ޔަގީން ކޮށެއްވެސް ނުދެއެވެ.

އިލިއާނާ ލޯބީގެ ގޮތުން ގުޅިގެން އުޅެނީ ފޮޓޯގްރާފަރު އެންޑްރޫ އާއެވެ. އިލިއާނާ ބުނީ އެންޑްރޫ އަކީ އާދައިގެ މީހެއް ކަމަށާއި، އިލިއާނާގެ ސަބަބުން އެންޑްރޫގެ މިނިވަންކަން ގެއްލުމަކީ ގަބޫލު ކުރާ ކަމެއް ނޫން ކަމަށެވެ.

ދެމީހުންގެ ގުޅުމުގެ ވާހަކަ އިލިއާނާ ނުދައްކަނީ އެހެންވެ އެވެ. މަސައްކަތަށް ބަލާއިރު އިލިއާނާ އެންމެ ފަހުން ފެނިގެން ދިޔައީ އަޖޭ ދޭވްގަން އާއެކު "ރެއިޑް" އިންނެވެ. އެ ފިލްމަށް ބޮކްސް އޮފީހުގައި ވަރަށް ބޮޑު ކާމިޔާބެއް ލިބިގެން ދިޔައެވެ.

comment ކޮމެންޓް