'ނަމަސްތޭ އިންގްލޭންޑް' ރިލީޒް ކުރުން އަވަސްކޮށްފި

ބޮލީވުޑްގެ ކާމިޔާބު ތަރިން ކަމަށްވާ އަރްޖުން ކަޕޫރު އަދި ޕަރިނީތީ ޗޯޕްރާ

ޕަރިނީތީ ޗޯޕްރާ އަދި އަރްޖުން ކަޕޫރުގެ 'ނަމަސްތޭ އިންގްލޭންޑް' ރިލީޒް ކުރާ ތާރީޚު އަވަސްކޮށްފިއެވެ.

ކުރިން ފިލްމު ރިލީޒް ކުރަން ހަމަޖެހިފައި އޮތީ އަންނަ ޑިސެމްބަރު މަހު ހަތެއްގައެވެ. ނަމަވެސް ވަރަށް ފަސޭހަ ކަމާއެކު ތާވަލަށް ވުރެ އަވަހަށް ފިލްމުގެ ޝޫޓިން ނިމުމުން، ފިލްމު އަވަހަށް ރިލީޒް ކުރަން މިހާރު މިވަނީ ނިންމައިފައެވެ.

އެގޮތުން ފިލްމު ރިލީޒް ކުރާ ތާރީޚުގެ ގޮތުގައި މިހާރު ހަމަޖައްސައިފައި ވަނީ އަންނަ އޮކްޓޫބަރު މަހުގެ 19 އެވެ. ޓުވިޓާ މެދުވެރިކޮށް ޕަރިނީތީ އަދި އަރްޖުން ވެސް ވަނީ އެކަން ޔަގީން ކޮށްދީފައެވެ.

'ނަމަސްތޭ އިންގްލޭންޑް' އަކީ 2007 ވަނަ އަހަރު ރިލީޒް ކުރި ކާމިޔާބު ފިލްމު 'ނަމަސްތޭ ލަންޑަން'ގެ ދެވަނަ ބައެވެ. ފުރަތަމަ ފިލްމުން ފެނިގެން ދިޔައީ އަކްޝޭ ކުމާރު އަދި ކެޓްރީނާ ކައިފް އެވެ.

ފިލްމުގެ ކާމިޔާބާ އެކު ޑައިރެކްޓަރު ވިޕުލް އަމްރުތުލާލް ވަނީ ފިލްމުގެ ދެވަނަ ބައެއް ފެންނާނެ ކަމަށް ބުނެފައެވެ. އަދި 2011 ވަނަ އަހަރު ވަނީ އަކްޝޭ އާ އެކު ފިލްމުގެ ދެވަނަ ބައިގެ މަސައްކަތް ފަށަން އުޅޭކަމަށް ބުނާ ރިޕޯޓުތަކެއް ވެސް އާންމުވެފައެވެ.

ނަމަވެސް ދެވަނަ ފިލްމެއްގެ މަސައްކަތް މި ފެށުނީ، ފުރަތަމަ ފިލްމު ރިލީޒް ކުރިތާ 11 އަހަރު ފަހުންނެވެ. އަދި މިއީ އަށް އަހަރު ތެރޭގައި ވިޕުލް ވެސް ޑައިރެކްޓު ކުރާ ފުރަތަމަ ފިލްމެވެ.

ފިލްމުގައި ފެނިގެން ދާނީ ދެ ޒުވާނުން އިންޑިއާގެ ޕަންޖާބުން އިނގެރޭސިވިލާތަށް ކުރާ ދަތުރުގެ ވާހަކަތަކެވެ. ރިޕޯޓުތައް ބުނާގޮތުން 75 ލޮކޭޝަނެއްގައި ފިލްމު ޝޫޓު ކޮށްފައިވެއެވެ. އޭގެ ތެރޭގައި ޕެރިސް، ބްރަސެލްސް، ދާކާ އަދި ލަންޑަންގެ ލޮކޭޝަންތައް ހިމެނެ އެވެ.

"ނަމަސްތޭ އިންގްލޭންޑް" ވެގެން ދާނީ އަރްޖުން އާއި ޕަރިނީތީ އެކުގައި ފެނިގެންދާނެ ތިން ވަނަ ފިލްމަށެވެ. މީގެ ކުރިން ފިލްމު 'އިޝަގްޒާދޭ' އިން ދެމީހުން ފެނިގެން ގޮސްފައިވާ އިރު، އޯގަސްޓު ތިނެއްގައި ރިލީޒް ކުރާ "ސަންދީޕް އޯރް ޕިންކީ ފަރާރް" އިން ވެސް ދެމީހުން ފެނިގެން ދާނެ އެވެ.

comment ކޮމެންޓް