ރަހުމުކުޑަ މަރަށް އެއް އަހަރު: އާއިލާ އެދެނީ ހުޅުވާލެވިފައިވާ ޝަރީއަތަކަށް

ޔާމިން ރަޝީދު --

މީގެ އެއް އަހަރު ކުރިން ސ. ފޭދޫ ޗަނބޭލީގޭ ޔާމީން ރަޝީދު (29 އަހަރު) މަރާލި ހާދިސާއިން މުޅި ގައުމަށް ގެނުވީ ސިހުމެކެވެ. މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގައި މަސައްކަތް ކުރަމުން ދިޔަ، އަދި އިންސާނީ ހައްގުތަކަށް ވަކާލާތުކުރުމަށް ލޯބިކުރާ އެކްޓިވިސްޓު ޔާމީން މަރާލީ، ވަޒީފާ ނިންމާފައި މާފަންނުގައި އޭނާ ދިރިއުޅޭ ގެއަށް ވަން ވަގުތު، އެގޭގެ ސިޑިގޮޅި ކައިރިންނެވެ. ބަޔަކު މީހުން އޭނާއަށް ތޫނު އެއްޗަކުން ހަމަލާ ދިނީ އެވެ.

ގިނަ ބަޔަކު ދަންނަ ޔާމީނަކީ އޭނާ ފާޅުކުރާ ޚިޔާލުތަކާ ގުޅިގެން އެކި ފަހަރު މަތިން އިންޒާރުތަކެއް ލިބެމުން ދިޔަ ޒުވާނެކެވެ. އޭނާ މަރާލި ހާދިސާއަކީ މުޅި ދައުލަތަށް ގެނުވި ސިހުމެއް ކަމަށް ޚުދު ރައީސުލްޖުމްހޫރިއްޔާ ވެސް ވިދާޅުވި އެވެ.

https://sun.mv/89073

ޔާމީންގެ މަރުގެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުން ތަހުގީގު ކޮށް، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ގިނަ މައުލޫމާތުތަކެއް ހާމަކޮށް، ހާދިސާއާ މެދު ކަންބޮޑުވާ ގިނަ ބައެއްގެ ހިތްތަކަށް އުންމީދުތަކެއް އާކޮށްދިނެވެ.

ތަހުގީގަށް ބޮޑެތި ކުރިއެރުންތަކެއް ލިބެމުން ދިޔަކަމުގެ މައުލޫމާތު ފުލުހުން ހާމަކުރަމުން ދިޔައީ، ގާތިލުން އިންސާފުގެ ކުރިމައްޗަށް ގެންނާނެކަމުގެ ޔަގީންކަމާއި ވައުދާ އެކު އެވެ.

ޔާމީން މަރާލުމުގައި އަށް މީހަކު ބައިވެރިވިކަމަށް ފުލުހުން ބުނެފައިވެ އެވެ. އަދި އަށް މީހުންނާ ބެހޭ މައުލޫމާތު ވެސް ފުލުހުން އާންމުކުރި އެވެ. އޭގެ ތެރެއިން ތިން މީހަކު ޔާމީން މަރާލުމުގައި އަމަލީ ގޮތުން ބައިވެރިވި ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ފުލުހުން ދީފައިވާ މައުލޫމާތަށް ބަލާ އިރު، ބަޔަކު ޔާމީނަށް ހަމަލާދީ މަރާލީ، ޔާމީނަކީ ދީނަށް ފުރައްސާރަކުރާ މީހެއް ކަމަށް އެ މީހުން ގަބޫލުކުރާތީ އެވެ.

"މި މީހުން ގަބޫލު ކުރާ ގޮތުގައި ދީނަށް ފުރައްސާރަކުރާ މީހުންނާ މި މީހުންގެ ހިޔާލާ ތަފާތުވޭ އެބަ. އެގޮތުން މި މީހުން ގަބޫލުކުރަނީ ޔާމީން ރަޝީދަކީ ވެސް ދީނަށް ފުރައްސާރަކުރާ މީހެއްގެ ގޮތުގައި،" ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝަމީމް މިދިޔަ އަހަރު ވިދާޅުވި އެވެ.

ޔާމީންގެ ބައްޕަ ހުސައިން ރަޝީދު --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ނަމަވެސް ޔާމީން ރަޝީދުގެ ބައްޕަ ހުސައިން ރަޝީދު ދެކޭ ގޮތުގައި، ޔާމީން ދެކެ އެއްވެސް މީހަކު ރުޅި އަންނަން ޖެހޭ ސަބަބެއް ނެތެވެ.

"އެމީހުންނަކީ ޔާމީނާ އެއްވެސް ގުޅުމެއް ތިބި ބައެއް ނޫން އަޅުގަނޑު ދެކޭ ގޮތުގައި ޔާމީން ދެކެ ރުޅި އަންނަ ސަބަބެއް ވެސް އޮވެގެން ނުވާނެ. ޔާމީނަކީ ގޭންގަކަށް ނުވަތަ އެއްވެސް ޕާޓީއަކަށް ނިސްބަތްވާ މީހެއް ނޫން،" ޔާމީންގެ މަރާ ގުޅޭ ގޮތުން ރޭ ބޭއްވި ޕެނަލް ޑިސްކަޝަނެއްގައި ޔާމީންގެ ބައްޕަ ބުންޏެވެ.

ފުލުހުން މިދިޔަ އަހަރު އާންމުކުރި މައުލޫމާތުތަކުގައިވާ ގޮތުން، ޔާމީން މަރާލުމުގެ އަޑީގައި ތިބި ބައެއްގެ މައުލޫމާތު ވެސް ފުލުހުންނަށް ލިބިފައިވެ އެވެ.

"އެކަމުގައި އެ މީހުންނަށް ކޮންމެވެސް ވަރަކަށް ވިސްނުން ދިން މީހުންނާ އެހީތެރިވެ ހިތްވަރުދިން ބައެއްގެ މައުލޫމާތުތަކެއް އަޅުގަނޑުމެނަށް އެނގިފައި ވަނީ. އޭގެ އަސްލަށް ވާސިލްވުމަށް ދިރާސާކުރަމުން މި ދަނީ،" ފުލުހުން ބުނެފައިވެ އެވެ.

ޔާމީންގެ މަރުގެ މައްސަލާގައި ހިމެނޭ އަށް މީހުންގެ ތެރެއިން ހަތް މީހަކަށް ވަނީ ދައުވާކޮށްފަ އެވެ. އެއީ ހަ މީހަކަށް ތޫނުއެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ، އަދި އެކަކަށް ތޫނުއެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އެވެ.

https://sun.mv/91651

ޝަރީއަތް ފަށާފައިވާ އިރު، ޔާމީންގެ އާއިލާ އާއި ރަހުމަތްތެރިންނާއި އެ މައްސަލާގައި ކަންބޮޑުވާ ހުރިހާ ފަރާތްތަކުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ޝަރީއަތްތައް ސިއްރުކޮށްގެން ކުރިއަށް ގެންދާތީ އެވެ.

ރޭ އޮތް ޕެނަލް ޑިސްކަޝަންގައި މޯލްޑިވްސް ޑިމޮކްރެސީ ނެޓްވޯކްގެ އެގްޒެކެޓިވް ޑިރެކްޓަރު ޝަހިންދާ އިސްމާއިލް ވިދާޅުވި ގޮތުގައި، ޝަރީއަތް ސިއްރިއްޔާތުގައި ބާއްވާތީ ޔާމީންގެ އާއިލާއިން ވަނީ ކަންބޮޑުވުން ފާޅުކޮށް، ކްރިމިނަލް ކޯޓަށް ސިޓީ ވެސް ފޮނުވައިފަ އެވެ.

"އާއިލާއިން ފާހަގަކޮށްފައި އެބަވޭ މިއީ މަރުގެ މައްސަލައެކޭ. މަރުގެ މައްސަލައެއް ނިިމިގެންދާ އިރު އާއިލާއިން އެބަ ޖެހޭ ގިސާސްއާ މެދު ގޮތެއް ނިންމަން. [އާއިލާގެ ސުވާލަކީ] އެކަން އިންސާފުވެރި ގޮތަކަށް ކިހިނެއްހޭ ނިންމާނީ ޝަރީއަތުގައި ހިނގާ ކަންކަން ނޭނގި،" ޝަހިންދާ ވިދާޅުވި އެވެ.

ޔާމީންގެ މަރުގެ ޝަރީޢަތުގެ އަޑުއެހުންތައް ސިއްރުކުރަނީ ދައުލަތުގެ ފަރާތުން އެގޮތަށް އެދިގެންނެވެ. ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހުގެ އޮފިޝަލަކު މީގެ ކުރިން ވިދާޅުވި ގޮތުގައި ބައެއް އަޑުއެހުންތައް ސިއްރުކުރަން ކޯޓުގައި އެދެނީ މައްސަލައިގެ ބާވަތުންނެވެ. ނަމަވެސް ހުރިހާ އަޑުއެހުންތައް ސިއްރުކުރަން ބޭނުންނުވާ ކަމަށް އޮފިޝަލު ވިދާޅުވި އެވެ.

https://sun.mv/94415

ގާނޫނީ ވަކީލު މަހުފޫޒް ސައީދު ރާއްޖެ ޓީވީގައި ވާހަކަދައްކަވަމުން ވިދާޅުވީ ޝަރީއަތެއް ހިންގަނީ އަނިޔާ ލިބޭ މީހާ ނުވަތަ އެމީހެއްގެ އާއިލާގެ މަސްލަހަތުގައި ނޫން ކަމަށާއި މުޅި މުޖުތަމައުގެ މަސްލަހަތުގައި ކަމަށެވެ. އަދި ޝަރީއަތް ސިއްރުކުރެވޭނެ ހާލަތްތަކެއް ވެސް ކަނޑައެޅިފައިވާ ކަމަށާއި ނަމަވެސް ޔާމީންގެ މަރުގެ ޝަރީއަތް އެއިން އެއްވެސް ހާލަތަކަށް ފެތޭ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ގާނޫނީ ވަކީލު ހިސާން ހުސައިން ވެސް ފާހަގަކުރެއްވި ގޮތުގައި، ޔާމީންގެ މަރުގެ މައްސަލާގައި ދައުވާ ރައްދުވާ ފަރާތްތަކުން ވެސް ޝަރީއަތް ހުޅުވާލައިގެން ކުރިއަށް ގެންދިއުމަށް ތަކުރާރުކޮށް އެދިފައިވެ އެވެ.

"ދައުވާ ރައްދުވާ ފަރާތްތަކުން، ޔާމީންގެ އާއިލާއިން އަދި ވަރަށް ބޮޑު ޕަބްލިކް އިންޓްރެސްޓެއް މި މައްސަލާގައި އޮތް ދަނޑިވަޅުގައި މިގޮތަށް ސިއްރު ކޮށްގެން ގެންދާ ސަބަބެއް ސާފެއް ނުވޭ،" ހިސާން ވިދާޅުވި އެވެ.

ގިނަ ބައެއްގެ ކަންބޮޑުވުން އަމާޒުވެފައިވާ މި މައްސަލައިގެ ޝަރީއަތް ހުޅުވާލައިގެން ކުރިއަށް ގެންދިއުމަށް ގޮވާލައި، ޔާމީންގެ އާއިލާއިން ވަނީ ބައެއް މަދަނީ ޖަމިއްޔާތަކާ އެކު ދައުލަތުގެ ބައެއް މުއައްސަސާތަކަށް އެދިފަ އެވެ.

މިދިޔަ ހަފްތާގައި ކުރި އެ މަސައްކަތުގެ ތެރެއިން ޔާމީންގެ އާއިލާއާއި ބައެއް ރަހުމަތްތެރިން ވަނީ ހިއުމަން ރައިޓްސް ކޮމިޝަންގެ ރައީސާ އައިމިނަތު އީނާސްއާ ބައްދަލުކޮށްފަ އެވެ. އީނާސް ވަނީ އެޗްއާރުސީއެމް އިން އެ މައްސަލާގައި ދެވެން އޮތް ހުރިހާ އެއްބާރުލުމެއް ދޭނެ ކަމަށް ވިދާޅުވެފަ އެވެ.

comment ކޮމެންޓް