ނިއު ބަލިކުރުން: ކިސްގެ ޓެކްޓިކަލް މޮޅެއް؟

ވިކްޓަރީގެ ކޯޗު ލާޒްލޯ ކިސް --- ސަން ފޮޓޯ/ ފަޔާޒް މޫސާ

ހަންގޭރީގެ ލާސްލޯ ކިސްއަކީ ދިވެހި ފުޓުބޯޅައިގައި އެންމެ ތަޖުރިބާކާރު އެއް ކޯޗެވެ.

އޭނާ އެންމެ ފުރަތަމަ ރާއްޖެ އައިސްފައިވަނީ 1996 ވަނަ އަހަރު ވެލެންސިއާގެ ކޯޗަކަށެވެ. ކިސްގެ އިރުޝާދުގެ ދަށުން ވެލެންސިއާއިން ވަނީ 1999 ވަނަ އަހަރުގެ އެފްއޭ ކަޕާއި 2004 ވަނަ އަހަރުގެ ލީގު ކާމިޔާބުކޮށްފައެވެ.

ދެހާސް ފަސްވަނަ އަހަރު ވެލެންސިއާ ދޫކޮށްލުމަށްފަހު ކިސް ވަނީ 2008 ވަނަ އަހަރު ވީބީ ސްޕޯޓްސްގެ ކޯޗުގެ މަގާމަށް އައިސް 2008 ވަނަ އަހަރުގެ އެންމެ މޮޅު ކޯޗުގެ މަގާމު ވެސް ހޯދައިފައެވެ. އަދި އޭނާގެ އިރުޝާދުގެ ދަށުން ވީބީ ވަނީ 2009 ވަނަ އަހަރާއި 2010 ވަނަ އަހަރުގެ ލީގު އެ ޓީމަށް ކާމިޔާބުކޮށްދީފައެވެ. އެއަށްފަހު ވިކްޓަރީއާ އޭނާ ހަވާލުވީ 2016 ވަނަ އަހަރުގެ ސީޒަނުގެ މެދުތެރެއިންނެވެ.

ރާއްޖޭގެ އެންމެ ކާމިޔާބު އެއް ކްލަބުގެ ގޮތުގައި ފާހަގަކޮށްލެވޭ ވިކްޓަރީއަށް ފާއިތުވެދިޔަ އަހަރުތަކުގެ ތެރޭގައި ރަނގަޅު ކާމިޔާބީތަކެއް ހޯދިފައެއް ނުވެއެވެ. އަލީ ސުޒޭންގެ އިރުޝާދުގެ ދަށުން މިދިޔަ އަހަރުގެ މާލޭ ލީގަށް ވިކްޓަރީ ނުކުތް ނަމަވެސް، ގަދަ ހަތަރެއްގެ ޖާގައެއް ހޯދިފައި ނުވުމުން ދިވެހި ޕްރިމިއާ ލީގުން އެ ކްލަބު ފެނިފައެއް ނުވެއެވެ.

މިސީޒަނަށް ވިކްޓަރީ ނުކުތީ ކިސްގެ ތަޖުރިބާ ބޭނުން ކުރުމަށެވެ. މާލޭ ލީގުގެ ފުރަތަމަ ބުރު ނިމުނު އިރު، އޭނާ އެކަން ސާބިތުކޮށްދެމުން ދާ ކަމަށް ގިނަ ބަޔަކު އެއްބަސްވެއެވެ. ހާއްސަކޮށް ކިސް ފާހަގަކުރެވެނީ އިދިކޮޅު ޓީމު ވަރަށް ރަނގަޅަށް ދަންނަ ކޯޗެއްގެ ގޮތުގައެވެ. އިދިކޮޅު ޓީމުގެ ބަލިފައިތައް ބަލައި، މެޗަށް ތައްޔާރުވާ ކޯޗެއްގެ ގޮތުގައެވެ.

ސީޒަންގެ ކުރީކޮޅުގައި ވިކްޓަރީގެ ފަރާތުން އެންމެ އެދެވޭ ކުޅުން ނުފެނުނު ނަމަވެސް، ކިސް އޭރު ބުނަމުން ދިޔައީ އޭނާ ބޭނުންވާ ވަރަށް ފިޓްނަސް ނެތުމުގެ ވާހަކައެވެ. ވިކްޓަރީ ޓީމުގެ ފަރިތަކުރުން މާލޭ ލީގުގެ ބްރޭކްގައި ތިން އިރަށް ޖައްސާފައިވާ އިރު، އޭގެ ފަހުން ކިސްގެ ޓީމުން ނަތީޖާވެސް ފެނުނެވެ.

މާލޭ ލީގުގައި ވިކްޓަރީއާއި ޓީސީ ވާދަކުރި މެޗުގެ ތެރެއިން: އެ މެޗު ވިކްޓަރީން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ފުރަތަމަ ބުރު ލީގުގެ ހަތަރު ވަނައިގައި ނިންމާލި އިރު، ފުރަތަމަ ބުރުގައި ކުޅުނު ހަތް މެޗުގެ ތެރެއިން ވިކްޓަރީ ވަނީ ހަތަރު މެޗު ކާމިޔާބުކޮށްފައެވެ. އޭގެ ތެރޭގައި ޓީސީ ސްޕޯޓްސް ކްލަބާއި ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބާ ދެކޮޅަށް ހޯދި މޮޅު ވަކިން ފާހަގަކޮށްލެވުނެވެ.

އެންމެފަހުން ނިއުއާ ދެކޮޅަށް ވިކްޓަރީން ކުޅުނު މެޗުގައި ކިސްގެ ޑިފެންސިވް ޓެކްޓިކްސް ވަރަށް ބޮޑަށް ފާހަގަ ކުރެވިފައިވާ އިރު، އެ މެޗަށްފަހު ކިސް ބުނީ ކުޑަ ޓީމު، ބޮޑު ޓީމު ބަލިކުރި ކަމަށެވެ.

"މިއަދުގެ މެޗުގައި ކުޑަ ޓީމު ވިކްޓަރީ ކުޅުނީ ބޮޑު ޓީމު ނިއުރޭޑިއަންޓާ ދެކޮޅަށް، ނަތީޖާ 2-1. ދެ ޓީމުންވެސް މޮޅު ކުޅުމެއް ދެއްކި. އެކަމަކު ވިކްޓަރީ މޮޅަށް ކުޅުނީ. ވަރަށް އުފާވޭ ކުޅުމާ ދޭތެރޭ،" ކިސް ބުންޏެވެ.

މީގެ އިތުރުންވެސް ކިސް ބުނީ ރާއްޖޭގެ ފުޓުބޯޅައަށް އެންމެ ބޮޑު ނޭދެވޭ އަސަރެއް ކުރާ ކަމަކީ ރެފްރީންގެ ސަބަބުން ކަމަށާއި، ރެފްރީންގެ މައްސަލަތައް ގިނަ ކަމަށެވެ.

ނިއުއިން ރާއްޖޭގެ ކްލަބުތަކާ ދެކޮޅަށް ކުޅެ، ދަމަހައްޓަމުން އައި 22 މެޗުގެ ރެކޯޑަށް ވިކްޓަރީން ނިމުން ގެނުވި އިރު، އެ ނަތީޖާ ވެގެން ދިޔައީ ބޮޑު ހައިރާން ކަމަށެވެ. ހާއްސަކޮށް އެރޭ ކިސްގެ އިރުޝާދާއެކު ނިއުގެ ވަރުގަދަ އެޓޭކް ވިކްޓަރީން ވަރަށް ބޮޑަށް މަޑުޖައްސާލިކަން ފާހަގަކުރެވުނެވެ.

މެޗަށްފަހު ނިއުގެ ކޯޗު އޮސްކާ ބުނީ ބަލިވުން އެއީ މައްސަލައެއް ނޫން ކަމަށާއި ވިކްޓަރީން ފައިދާ ނެގީ ނިއުގެ ފަހަތުން ހެދި ގޯސްތަކުން ކަމަށެވެ.

"ނިއުގެ ފަހަތުން ހެދި ގޯސްތަކުގެ ބޭނުން ހިފީ ވިކްޓަރީން. ކުރިއަށް ޖެހިގެން ޑިފެންސް ކުރުމަކީ ރިސްކް ބޮޑު ކަމެއް. ވިކްޓަރީން ފައިދާ ނެގީ ޑިފެންސުން ހެދި ގޯސްތަކުން. މައްސަލައެއް ނޫން ބަލިވުމަކީ. ދެން މެޗަކަށް މިއަށްވުރެ ވަރުގަދަކޮށް އެނބުރި އަންނާނަން،" އޮސްކާ ބުންޏެވެ.

މީގެ އިތުރުންވެސް އޮސްކާ ވަނީ ކިސްގެ ބައެއް އަމަލުތަކަށް ފާޑު ކިޔައިފައެވެ. އޮސްކާ ބުނީ ކިސް މަސައްކަތްކުރީ ރެފްރީވެސް އަދި ނިއުގެ ބެންޗުގައި ތިބި ކޯޗިން ޓީމުވެސް ރުޅިގަދަ ކުރަން ކަމަށާއި، އެ ކަންކަމަކީ ރާއްޖޭން ބޭރު ކޯޗުންގެ ފަރާތުން ޕްރޮމޯޓްކޮށްގެން ވާނެ ކަންކަން ނޫން ކަމަށެވެ.

މިސީޒަންގައި މިހާތަނަށް ކުޅުނު މެޗުތަކުގެ ތެރެެއިން އެންމެ ހައިރާން ކުރުވަނިވި ނަތީޖާއެއް ނެރުނު މެޗަށް ވިކްޓަރީއާއި ނިއު ރޭޑިއަންޓް ވާދަކުރި މެޗު ވެފައިވާ އިރު، އެ މެޗަކީ "ކިސްގެ ކްލެސިކް" ޓެކްޓިކްސްގެ ބޭނުން އޭނާ ކުރި މެޗެއް ކަަމަށް ބުނެވިދާނެއެވެ.

comment ކޮމެންޓް