ޗެމްޕިއަން ސިޓީން ސްވަންސީ ބަލިކޮށް، ބޮޑެތި ރެކޯޑުތަކަކާ ދިމާއަށް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ސިޓީ ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ/ އޭޕީ

އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ޔަގީންވެފައިވާ މެންޗެސްޓާ ސިޓީން ސަވަންސީ ބަލިކޮށް، ޕްރިމިއާ ލީގުގެ ބޮޑެތި ރެކޯޑުތަކެއް މުގުރާލުމާ ގާތްކޮށްފިއެވެ.

މިހާތަނަށް ލީގުގައި ކުޅުނު 34 މެޗުގެ ތެރެއިން 29 މެޗުން ސިޓީ ވަނީ މޮޅުވެފައެވެ. ބަލިވީ އެންމެ ދެ މެޗުންނެވެ. އެންމެ ގިނަ މެޗުން މޮޅުވެ ލީގު ނިންމާލުމުގެ ރެކޯޑު މީގެ ކުރިން އޮތީ ޗެލްސީ އަތުގައެވެ. މިދިޔަ އަހަރުގެ ލީގު ޗެލްސީން ނެގީ 30 މެޗުން މޮޅުވެގެންނެވެ. ސިޓީއަށް ލީގުގައި ބާކީ ހަތަރު މެޗު އޮތް އިރު، އެ ރެކޯޑު މުގުރާލުން ގާތެވެ.

ލީގު ތާވަލުގެ އެއްވަނައިގައި ސިޓީން 14 ޕޮއިންޓްގެ ލީޑަކާއެކު އޮތް އިރު، އެޓީމު ވަނީ 34 މެޗުން 90 ޕޮއިންޓް ހޯދައިފައެވެ. މީގެ ކުރިން އެންމެ ގިނަ ޕޮއިންޓާއެކު ލީގެއް ނިންމާލީ 05-2004ގެ ސީޒަންގައި ޗެލްސީންނެވެ. އެއީ 95 ޕޮއިންޓާ އެކުގައެވެ. އަދި އެންމެ ގިނަ ގޯލް ޖަހައިގެން ސީޒަނެއް ނިންމާލި ރެކޯޑުވެސް އޮތީ 10-2009ގެ ސީޒަނުގައި 103 ގޯލް ޖަހައިގެން ނިންމާލި ޗެލްސީ އަތުގައެވެ. ސިޓީން މިހާތަނަށް 98 ގޯލް ޖަހައިފައިވާ އިރު، އެ ރެކޯޑުވެސް ސިޓީން މުގުރާލުން ގާތެވެ.

ރޭގެ މެޗަށްފަހު ސިޓީގެ ސަޕޯޓަރުން ދަނޑުމަތީގައި އުފާފާޅުކުރަނީ --- ފޮޓޯ/ އޭޕީ

އަމިއްލަ ދަނޑުގައި ރޭ ސިޓީ ކުޅުނު މެޗު އެޓީމުން ކާމިޔާބުކުރީ 5-0ގެ ނަތީޖާއަކުންނެވެ.

މެޗުގައި ސިޓީގެ ގޯލްތައް ކާމިޔާބުކޮށްފައިވަނީ ޑޭވިޑް ސިލްވާ، ރަހީމް ސްޓާލިން، ކެވިން ޑިބްރޭނާ، ބެނާޑޯ ސިލްވާ އަދި ގެބްރިއަލް ޖީސަސްއެވެ.

ރޭގެ މެޗުގައި ސްވަންސީން ސިޓީއަށް ޝަރަފުގެ ގާޑެއް އަރުވާފައިވާ އިރު، މެޗު ނިމުމާއެކު ސިޓީގެ ސަޕޯޓަރުން ވަނީ ދަނޑަށް އަރައި ވަރަށް ބޮޑަށް އުފާފާޅުކޮށްފައެވެ.

comment ކޮމެންޓް