ޖަރުމަނު އާގު ބޯޓެއްގައި އޮތް ބަލި މީހަކު، އަވަސް ފަރުވާއަށް އައްޑޫ އަށް ގެންގޮސްފި

12 ޖެނުއަރީ 2017: އެމްއެންޑީއެފްގެ ކޯސްޓްގާޑަށް އަލަށް ގެނައި ފާސްޓް އިންޓަސެޕްޝަން ކްރާފްޓް (އެފްއައިސީ)ގެ އުޅަނދެއް --- ސަން ފައިލް ފޮޓޯ/ މުހައްމަދު އަފްރާހް

ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ދަތުރުކުރަމުންދިޔަ ޖަރުމަނުވިލާތުގެ އާގު ބޯޓެއްގައި އޮތް ހާލުބޮޑު ބަލި މީހަކު އެމްއެންޑީއެފްގެ އެހީތެރިކަމާއެކު އައްޑޫ ސިޓީއަށް ގެންގޮސްދީފި އެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު އިބްރާހިމް އާޒިމް މިރޭ ވިދާޅުވީ، ހުއްދައާއެކު ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ދަތުރުކުރަމުންދިޔަ އެ އާގުބޯޓަކީ ޖަޕާނުގެ ނަގޯޔާ ބަނދަރުން ފުރައިގެން ސައުތު އެފްރިކާގެ ޕޯޓް ކެލަންއަށް ދަތުރުކުރަމުންދިޔަ ބޯޓެއް ކަމަށެވެ.

ހާލު ބޮޑުވެގެން އައްޑޫއަށް ގެންދިޔައީ އެ ބޯޓުގައި މަަސައްކަތް ކުރަމުންދިޔަ އުމުރުން 41 އަހަރުގެ ޔޫކްރެއިންގެ ރައްޔިތެކެވެ.

އެމްއެންޑީއެފުން ބުނީ، އައްޑޫ ސިޓީ ގަމާއި 12 މޭލު ބޭރުގައި އޮތް އެ ބޯޓުގައި އޮތް އެ ބަލިމީހާ އައްޑޫ ސިޓީ އަށް ގެނައީ ޑޮކްޓަރުންގެ ޓީމަކާއެކު އެ ބޯޓު އޮތް ސަރަހައްދަށް ގޮސްގެން ކަމަށެވެ.

ބޯޓުގައި އޮތް ބަލި މީހާ ގޮވައިގެން ސިފައިން، އައްޑޫ ސިޓީއަށް ގެންގޮސްދީފައިވަނީ ދެ ގަޑިއިރުގެ ތެރޭގަ އެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ދަތުރުކުރަމުންދިޔަ ކާގޯ ބޯޓެއްގައި އޮތް ބަލިމީހަކަށް ސިފައިން އެހީތެރިކަން ފޯރުކޮށްދީފައިވާއިރު، މިދިޔަ ހަފްތާގެ ތެރޭގައި ރާއްޖޭ ކަނޑުގެ ސަރަހައްދުން ބޭރުގައި މަސްވެރިކަން ކުރަން އުޅުނު ސްރީލަންކާގެ މަސް ބޯޓެއްގައި އޮތް ހާލުބޮޑު ބަލި މީހަކު ސިފައިން ވަނީ ހދ. ކުޅުދުއްފުއްޓަށް ގެންގޮސްދީފަ އެވެ.

comment ކޮމެންޓް