އިންޑިޔާގެ ބޮޑުވަޒީރު މޯދީ ކުއްލި ދަތުރުފުޅެއްގައި ޗައިނާއަށް ވަޑައިގަންނަވަނީ

މޯދީ 2017 ވަނަ އަހަރު ޝީ އާ ބައްދަލު ކުރައްވަނީ (ފައިލް ފޮޓޯ)

ބެއިޖިންގް (އެޕްރީލް 22) : އަންނަ ހުކުރުދުވަހު އިންޑިޔާގެ ބޮޑުވަޒީރު ނަރަންދުރަ މޯދީ ކުއްލި ދަތުރުފުޅެއްގައި ޗައިނާއަށް ވަޑައިގަންނަވަން ނިންމެވިކަން އިންޑިޔާއިން ހާމަކޮށްފިއެވެ.

ޗައިނާއަށް ވަޑައިގެން އުޅުއްވާ އިންޑިޔާގެ ޚާރިޖީ ވަޒީރު ޝުސްމާ ސްވަރާޖް ވިދާޅުވީ ޗައިނާގެ ރައީސް ޝީޖިންޕިން އާ ނުރަސްމީ ގޮތެއްގައި ބައްދަލު ކޮށްލެއްވުމަށްޓަކައި ބޮޑުވަޒީރު ނަރަންދުރަ މޯދީ ހުކުރު ދުވަހު ޗައިނާގެ މެދުތެރޭގެ ރަށެއްކަމަށްވާ ވޫހާން އަށް ވަޑައިގަންނަވާނެކަމުގައެވެ.

މޯދީގެ މިދަތުރުފުޅުގައި ދެގައުމުގެ ދެމެދުގައިވާ މައްސަލަތަށް ހައްލުކުރުމާބެހޭގޮތުން ރައީސް ޝީ އާ ފުޅާދާއިރާއެއްގައި މަޝްވަރާ ކުރައްވާނެ ކަމަށާ ނަމަވެސް މޯދީ އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ޗައިނާއާއެކު އިންޑިޔާއިން އިގްތިސާދީ ގުޅުންތަށް ބަދަހި ކުރުމަށްކަމަށް ޝުސްމާ ވިދާޅުވިއެވެ. މިގޮތުން އިންޑިޔާއިން ރާވާފައިވާ ތަރައްގީގެ ގިނަ އަދަދެއްގެ މަޝްރޫއުތަކަށް ބޭނުންވާ ފައިސާއާއި ފަންނީ އެހީ ޗައިނާއިން ހޯދުމަށް މިދަތުރުފުޅުގައި މޯދީ އިސްކަން ދެއްވާނެކަމަށް ޝުސްމާ ވިދާޅުވިއެވެ.

ބެއިޖިންގްގައި ޝުސްމާ އާ ބައްދަލުކުރެއްވުމަށްފަހު ޗައިނާގެ ޚާރިޖީ ވަޒީރު ވާންގް ޔީ ވެސް ވަނީ މޯދީ ކުއްލި ދަތުރުފުޅެއްގައި އިންޑިޔާއަށް ވަޑައިގަންނަވާނެކަން ކަށަވަރުކޮށް ދެއްވާފައެވެ.

އިންޑިޔާއާއި ޗައިނާ އާ ދެމެދު އެންމެ ބޮޑު އަރާރުމެއް އުފެދިފައިވަނީ ޓިބެޓް ސަރަހައްދުގައިވާ ދެގައުމުގެ ސަރަހައްދީ ރޮނގުގެ މައްސަލަތަކުގައެވެ. މިގޮތުން ދެގައުމުގެ ދެމެދުގައި މިލްކުވެރިކަމުގެ އަރާރުން އުފެދިފައިވާ އެތަށް ބިމެއް ޓިބެޓްގައި ދެގައުމު ގުޅިފައިވާ ސަރަހައްދީ ރޮނގުގައިވެއެވެ.

މި ބިންތަކުގެ މައްސަލާގައި އިންޑިޔާއާއި ޗައިނާގެ ސަރަހައްދީ ރޮނގު ބަލަހައްޓާ ގާޑުންގެ މެދުގައި މިދިޔައަހަރު އެތަށް ފަހަރަކު އެކިވަރުގެ ކުރިމަތިލުންތަށް ހިނގާފައިވެއެވެ. މީގެތެރެއިން އެއްކުރިމަތިލުން ހަތްދިހަ ތިން ދުވަހަށް ދިގުދެމިގެން ދިޔައެވެ. ނަމަވެސް އެއްވެސް ފަރާތަކުން އަނެއް ފަރާތާ ދެކޮޅަށް ބަރުހަތިޔާރު ބޭނުންކޮށް މީހުން މަރާފައެއް ނުވެއެވެ. ނަމަވެސް ދެފަރާތުންވެސް އެއްބަޔަކު އަނެއް ބަޔަކާދެކޮޅަށް އޮއްގައު އުކައި އަތުން ތަޅާފޮޅުންފަދަ އަމަލުތަށް ހިންގާފައިވެއެވެ.

ސަރަހައްދީ ރޮނގުގެ މައްސަލަތަކުގެ އިތުރުން ދެން އިންޑިޔާއާއި ޗައިނާ އާ ދެމެދު އުފެދިފައިވަނީ ޗައިނާގެ ބާރާއި ނުފޫޒު ދެކުނު އޭޝިޔާގެ ގައުމުތަކުގައި އިތުރުވަމުންދާތީ އިންޑިޔާ ކަންބޮޑުވާ ކަންބޮޑުވުންތަކެވެ. އިންޑިޔާގެ އަވަށްޓެރި ގައުމުތަށް ކަމަށްވާ ނޭޕާލް، ބަންގްލަދޭޝް، ސްރީލަންކާ، ޕާކިސްތާން އަދި ދިވެހިރާއްޖެއަށް ޗައިނާއިން ދޭ އިގްތިސާދީ އެހީތަކާ އެގައުމުތަކުގައި ޗައިނާގެ ކުންފުނިތަކުން ހިންގާ ތަރައްގީގެ މަޝްރޫއުތަކާމެދު އިންޑިޔާ ވަރަށް ކަންބޮޑުވެއެވެ. މިގޮތުން ޗައިނާގެ އެހީއާއެކު ހިންގާ މަޝްރޫއުތަކާއެކު ޗައިނާގެ ބާރާއި ނުފޫޒު އެގައުމު ތަކުގައި އިތުރުވަމުންދާކަމުގެ އިޙްސާސް އިންޑިޔާ ކުރަމުން ގެންދެއެވެ.

ޚާއްސަކޮށް އިންޑިޔާގެ އެންމެ ބޮޑު ދުޝްމަން ކަމަށްވާ ޕާކިސްތާނުގެ އިގްތިސާދު ކުރިއެރުވުމަށްޓަކައި ޗައިނާ ހިންގާ މަލްޓި ބިލިޔަން ޑޮލަރުގެ ބިޔަ މަޝްރޫއުތަކާމެދު އިންޑިޔާ އިންތިހާއަށް ކަންބޮޑުވެއެވެ. ނަމަވެސް އިންޑިޔާއަކީވެސް ތަރައްގީގެ ކަންކަމުގައި އަވަށްޓެރި އެހެން ގައުމުތަކެކޭ އެއްގޮތަށް ޗައިނާއަށް ބަރޯސާވާންޖެހިފައިވާ ގައުމަކަށްވާތީ މިކަމުގައި އިންޑިޔާއަށް ކުރެވޭނެ މާބޮޑުކަމެއް ނޯވެއެވެ.

މޯދީ ނުރަސްމީ ދަތުރުފުޅެއްގައި ޗައިނާއަށް ވަޑައިގަންނަވާނެކަން އިންޑިޔާގެ ޚާރިޖީ ވަޒީރު އިޢްލާން ކުރެއްވީ ކުއްލި ގޮތަކަށެވެ. މިއީ ކުރިން ހަމަޖެހިފައިވާ ރަސްމީ ދަތުރުފުޅެއްނޫންކަމަށް އިންޑިޔާގެ ޚާރިޖީ ވަޒީރު ވިދާޅުވިއެވެ. ކުރިން ހަމަޖެހިފައި އޮތީ ޝެންހާއި ކޯޕަރޭޝަން ޖަމާއަތުގެ އިސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތުމަށްޓަކައި އަންނަ ޖޫންމަހު މޯދީ ޗައިނާއަށް ވަޑައިގެންނެވުމަށެވެ. ޗައިނާއާއި ރަޝިޔާ އިސްވެ އޮވެގެން އުފައްދާފައިވާ ޝެންހާއި ކޯޕަރޭޝަން ޖަމާއަތުގެ މެންބަރުކަން އިންޑިޔާ ހޯދީ އެޖަމާއަތް އުފެއްދި ފަހުންނެވެ.

އަންނަ ހުކުރު ދުވަހު މޯދީ ޗައިނާއަށް ވަޑައިގެންނެވި ނަމަވެސް ޝެންހާއި ކޯޕަރޭޝަންގެ ސަމިޓްގައި ބައިވެރިވެ ވަޑައިގަތުމަށްޓަކައި އަންނަ ޖޫންމަހުވެސް މޯދީ ޗައިނާއަށް ވަޑައިގަންނަވާނެއެވެ. (ނޫސްއެޖެންސީތައް)

comment ކޮމެންޓް