ލިޔާހް: ފުޓްސަލްގައި ދެވަނައެއް ނެތް!

ކްލަބު މޯލްޑިވްސް ކަޕްގެ އެންމެ މޮޅު ކުޅުންތެރިޔާ އަދި އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާ ޓީސީއެލްގެ މުހައްމަދު ލިޔާހު(ވ) --- ސަން ފޮޓޯ/ ފަޔާޒް މޫސާ

ރާއްޖެގެ އެންމެ މަގުބޫލުވަމުން އަންނަ އެއް ކުޅިވަރަކީ ފުޓްސަލްއެވެ. ހާއްސަކޮށް ރާއްޖޭގައި އެންމެ ފޯރި ގަދަ އެއް ކުޅިވަރަކީ މިހާރު ފުޓްސަލްއެވެ. ފުޓްސަލްއަށް ހާއްސަ ކުޅުންތެރިން ކުރިން ނުފެނުނު ނަމަވެސް، މިހާރު ހަމަ ޔަގީނުންވެސް ފުޓްސަލްގެ ތަރިންތަކެއް ރާއްޖެއިންވެސް ނަގައިލެވިދާނެއެވެ.

ކެރިއަރެއްގެ ގޮތުގައި ފުޓްސަލް ހިޔާރުކޮށް، އެކަމުގެ ތެރެއަށް ޕްރޮފެޝަނަލީ ވަރަށް ބޮޑަށް މަސައްކަތް ކުރާ ކުޅުންތެރިންވެސް ރާއްޖެއިން ފެންނަމުން ދެއެވެ.

ފުޓްސަލްގެ މަގުބޫލްކަމުގެ ފަހަތުގައި އެންމެ އިސް ރޯލެއް އަދާކުރި އެއް މުބާރާތަކީ ޔަގީނުންވެސް ކްލަބު މޯލްޑިވްސް ކަޕެވެ. މެދު ކެނޑުމެއް ނެތި މިދިޔަ 13 އަހަރުވެސް ބޭއްވި ކްލަބު މޯލްޑިވްސް ކަޕަކީ ފުޓްސަލްގެ ލެޖުންޑުންގެ މުބާރާތެވެ. ފުޓްސަލް ކުޅުންތެރިން ތަރިންނަށް ހަދައިދިން މުބާރާތެވެ.

ކްލަބު މޯލްޑިވްސް ކަޕްގެ ޗެމްޕިއަން ކްލަބު ޓީސީއެލް: ލިޔާހަކީ ޓީމުގެ އެންމެ މުހިއްމު އެ ކުޅުންތެރިޔާ --- ސަން ފޮޓޯ/ ފަޔާޒް މޫސާ

މިދިޔަ ދެ އަހަރުވެސް ކްލަބު މޯލްޑިވްސްގައި އެންމެ ގަދަ ނަމަކީ މުހައްމަދު ލިޔާހުގެ ނަމެވެ. އުމުރުން 29 އަހަރުގެ ލިޔާހުގެ ނަން މުޅި ރާއްޖެއަށް އެނގިގެން ދިޔައީވެސް ފުޓްސަލްގެ ތެރެއިންނެވެ. ހާއްސަކޮށް އޭނާއަކީ މިހާރު ރާއްޖޭގައި ހުރި އެންމެ މޮޅު ފުޓްސަލް ކުޅުންތެރިޔާ ކަމަށް ގިނަ ބަޔަކު އިއްތިފާގުވާނެ އެވެ.

ޖެހިޖެހިގެން ދެ އަހަރު ކްލަބު މޯލްޑިވްސް ކަޕްގެ އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާ އަދި އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދުމަކީ ހުނަރެއް ނެތި، ހިތްވަރެއް ނެތި ކުރެވޭނެ ކަމެއް ނޫނެވެ. ފަސޭހަވެސް ކަމެއް ނޫނެވެ. ދެ އަހަރު ޖެހިޖެހިގެން ތަށި ނެގި ޓީމުގައި ހިމެނުނު ލިޔާހުވެފައި ވަނީ އެ ދެޓީމަށްވެސް ތަށި ހޯދަދިނުމުގެ މޭސްތެރިޔާ ކަމަށެވެ.

ގޯލް ކުރިމަތީގައި ތަފާތު ހުނަރެއް ދައްކާ ލިޔާހް، މި އަހަރުގެ ކްލަބު މޯލްޑިވްސް ކަޕްގެ ތަށި އުފުލާލީ ތިލަފުށި ކޯޕަރޭޝަނާ އެކުގައެވެ. މިދިޔ އަހަރުގެ ތަށި އުފުލާލީ އެމްއާރުޑީސީއާ އެކުގައެވެ.

ކްލަބު މޯލްޑިވްސް ކަޕްގެ ފައިނަލްގައި ކްލަބު ޓީސީއެލްއާއި މޯލްޑިވިއަން ބައްދަލުކުރި މެޗުގެ ތެރެއިން: އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ޓީސީއެލް --- ސަން ފޮޓޯ/ ފަޔާޒް މޫސާ

މިއަހަރުގެ މުބާރާތަށްފަހު ލިޔާހް ވަނީ "ސަން ސްޕޯޓްސް"އަށް އޭނާ ފުޓްސަލްގައި ހޯދަމުންދާ ކާމިޔާބީއާއެކު ކުރެވޭ އިހުސާސްތައް ހިއްސާކޮށްފައެވެ.

"ކޮންމެ އަހަރަކުވެސް މިހުރެވެނީ އެންމެ މޮޅު ޓީމުގައި. އެހެންވީމާ މި ހުރިހާ ކާމިޔާބީއެއްގެވެސް ސިއްރަކީ ހަމަ ޓީމުގެ ހުރިހާ ކުޅުންތެރިންގެވެސް ހިތްވަރު،" މިއަހަރުގެ މުބާރާތުގައި ލިބުނު ކާމިޔާބާ ގުޅިގެން ލިޔާހް ބުންޏެވެ.

މިއަހަރުގެ މުބާރާތުގައި ލިޔާހް ވަނީ 16 ގޯލް ޖަހައިފައެވެ. އޭގެ ތެރޭގައި ތިން ހެޓްރިކް ހިމެނެއެވެ. ހާއްސަކޮށް ފައިނަލް މެޗުގައި އޭނާ ހެދި ހެޓްރިކް ފާހަގަކޮށްލެވުނެވެ.

"ގޯލް ޖަހަން އެންމެންވެސް ކުޅޭނީ. ދެން ގިނަ ގޯލްތަކެއް ޖެހެނީ ނަސީބުވެސް ރަނގަޅުވީމަ،" ލިޔާހުގެ ގޯލް ސްކޯރިން ފޯމާ ގުޅިގެން އޭނާ ބުންޏެވެ.

ލިޔާހް ފުޓްސަލްގެ ތެރެއަށް ތައާރަފްވީ 2012 ވަނަ އަހަރުއެވެ. ނަމަވެސް މިފެންވަރުގައި އޭނާ ވިދާލީ މިދިޔަ އަހަރުގެ ކްލަބު މޯލްޑިވްސް ކަޕްގައެވެ. ރާއްޖޭގެ އެކި ހިސާބުތަކުގައި މުބާރާތްތައް ކުޅެމުން އަންނަ ލިޔާހުގެ ފުޓްސަލް ކެރިއަރަށް އެންމެ ބޮޑަށް އެހީވެދެނީވެސް ތަށި ހޯދަދިން އޮފީސް، ތިލަފުށި ކޯޕަރޭޝަނެވެ.

"ސީދާ ހަނދާނެއް ނެތް ފުޓްސަލްގެ ތެރެއަށް ވަދެވުނު އުމުރެއް. ވަރަށް ފަހުން، އެއީ 2012 އެހާ ހިސާބު ބޮޑަށް މީގެ ތެރެއަށް ވަދެވުނީ. އޭގެ ކުރިން ހަނދާން ވަނީ މޫސަ ކަޕް ކުޅޭ ހަނދާން. މިހާރުވެސް ހަމަ ވަޒީފާއަށް ބުރު ނާރާހެން ލިބޭ ހުރިހާ މުބާރާތްތަކެއްވެސް ކުޅެދެން. އޮފީހުން ލިބޭ ވަރަށް ބޮޑު އެއްބާރުލުމެއް،" ލިޔާހް ބުންޏެވެ.

ކްލަބު މޯލްޑިވްސް ކަޕްގެ ފައިނަލްގައި ކްލަބު ޓީސީއެލްއާއި މޯލްޑިވިއަން ބައްދަލުކުރި މެޗުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒް މޫސާ

ލިޔާހުގެ ކާމިޔާބީތަކުގެ ސިއްރަކީ އާއިލާއާ ރަށްޓެހިންނެވެ. އަދި "އިންސްޕަޔަރިން" ކުޅުންތެރިންނެވެ. ކާމިޔާބީތައް ކިތަންމެ ގިނަ ނަމަވެސް، ހަނދާނުން ފޮހެނުލެވޭ ކާމިޔާބީއަކީ ޖެހިޖެހިގެން ދެ ފަހަރަށް ކްލަބު މޯލްޑިވްސްގައި ލިބުނު ކާމިޔާބީތައް ކަމަށްވެސް ލިޔާހް ބުންޏެވެ.

"އެންމެ ފުރަތަމަވެސް ޝުކުރު އަދާކުރާނީ ހެއްދެވި ފަރާތަށް. ދެން ލިޔާހުގެ ފަހަތުގައި ލިޔާހުގެ މަންމައާއި ބައްޕައާ އަންހެނުން އަދި ދަރި. ދެން އެންމެ ގާތުން ނަން ބުނެލާނީ ނޫރު، ޒެޕީ. އެއީ އެންމެ ގާތް ދެމީހުން. އެމީހުންގެ ހިތްވަރު ދިނުން މިއީ. ދެން ހަމަ ބައިވަރު މީހުން އަދިވެސް އުޅޭނެ. ރޮނާ މެން ފެނާންޑޯ މެން. އެންމެންގެ ހިތްވަރު ލިބޭ. އެންމެ ފާހަގަކޮށްލެވޭ ކާމިޔާބީއަކީ ޖެހިޖެހިގެން ދެ އަހަރު ކްލަބު މޯލްޑިވްސް ކާމިޔާބު ކުރުން،" ލިޔާހް ބުންޏެވެ.

ލިޔާހް އަބަދުވެސް އުންމީދު ކުރަނީ ގައުމީ ލެވެލްގައި، ގައުމު ތަމްސީލު ކުރުމަށެވެ. ގައުމީ ޓީމުގެވެސް މުހިއްމު ކުޅުންތެރިޔާ ލިޔާހަށް އެކަން ނުވާންވީ އެއްވެސް ސަބަބެއްވެސް ނެތެވެ.

"ގައުމީ ޓީމަށް މިއަހަރު މި ގުޅުނީ. މިތާ ކުޅޭ ފުޓްސަލްއާ ގައުމީ ޓީމުގައި ކުޅޭ ފުޓްސަލްއާ ހާސްބައި ތަފާތު. އަނެއްހެން ބުނާ ނަމަ ގައުމީ ޓީމަށް ދިޔައިމަ މި އެނގެނީ އަސްލު ފުޓްސަލްއަކީ ކޯއްޗެއް ކަންވެސް. މިތާ މި ކުޅެނީ އަސްލު ފުޓްސަލްއެއްވެސް ނޫން. ކޮންމެ ދުވަހަކުވެސް ކުޅެން. އަނިޔާ ވީމަ އެކަމަށް ރިކަވަރީ ވަގުތު ދެމުން. ކެއުމަށްވެސް ބަލައިގެން ފޯމް ހިފަހައްޓަނީ. ވަރަށް މުހިއްމު ކަމެއް ޑިސިޕްލިން ހިފެހެއްޓުމަކީ. ކޯޗު ބުނާ ގޮތެއް ހެދުމަށް އަސްލު ފުޓުބޯޅައިގައި ޑިސިޕްލިން ވުމޭ މިކިޔަނީ،" ލިޔާހުގެ ފަރިތަކުރުންތަކާއި ކުރި އެރުމަށް ކުރާ މަސައްކަތް އޭނާ ހިއްސާކުރިއެވެ.

ކްލަބް މޯލްޑިވްސް ކަޕް 2017ގެ މޮޅު ކުޅުންތެރިއާ ހޯދި މުހައްމަދު ލިޔާހް-- ސަންފޮޓޯ/ މުހައްމަދު އަފްރާހް

ލިޔާހަކީ ތަރިއެކެވެ. ގައުމީ ލެވެލްގެ ހުނަރިވެރި ކުޅުންތެރިއެކެވެ. ފުޓްސަލްގައި ލާމަސީލު، ދަނޑުމަތީގެ ޑިސިޕްލިން ދައްކާ ނަމޫނާ ކުޅުންތެރިއެކެވެ. ރާއްޖޭގެ އަސްދަނޑިން ބޭރަށް ލިޔާހުގެ އުންމީދުތައް ބައްޓަން ކުރަމުންދާ އިރު، ލިޔާހަށް ބޭނުން ވަނީ އެކަށޭނަ ތަމްރީނެވެ.

ލިޔާހާ ކޮށްލެވުނު ބައެއް ކުރު ސުވާލުތައް:

އިދިކޮޅަށް ކުޅެލަން އެންމެ އުނދަގޫ ކުޅުންތެރިންނަކީ ކޮބާ؟

އޮންލީ

އެއްކޮށް ކުޅުނު އެންމެ މޮޅު ކުޅުންތެރިންނަކީ ކޮބާ؟

ޒެޕީ، ނޫރު

މިވަގުތު ރާއްޖޭގައި ތިބި ކުޅުންތެރިންގެ ތެރެއިން އެންމެ މޮޅު ތިނަކަށް ލިޔާހް ނަގާނީ ކޮން ކުޅުންތެރިންނެއް؟

އޮންލީ، ތާޑޭ (ކީޕަރު)، ރިއްޕެ. ހުސް ތިލަފުށީ ޓީމުގެ ކުޅުންތެރިން.

comment ކޮމެންޓް