ރާއްޖޭގެ ފުރަތަމަ މެޗުން ނޭޕާލް އަތުން ބަލިވެއްޖެ

އިއްޔެ ބޭއްވި މުބާރާތުގެ ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން ---

ބަންގްލަދޭޝްގައި ކުރިއަށްދާ ސެންޓްރަލް ޒޯން ސީނިއާ މެންސް ވޮލީބޯލް ޗެމްޕިއަންޝިޕްގައި ރާއްޖެއިން ކުޅުނު ފުރަތަމަ މެޗުގައި ނޭޕާލް އަތުން ބަލިވެއްޖެއެވެ.

މުބާރާތުގެ ކުޅުން އިއްޔެ ފަށައިފައިވާ އިރު، އިއްޔެގެ މެޗުގައި ވާދަކުރީ ބަންގްލަދޭޝްއާއި ނޭޕާލެވެ. އެ މެޗު ތިން ސެޓު އެއް ސެޓުން ކާމިޔާބުކުރީ ބަންގްލަދޭޝްއެވެ.

މިއަހަރުގެ މުބާރާތުގައި ހަ ޓީމު ވާދަކުރާ އިރު، ރާއްޖެ ހިމެނެނީ ގްރޫޕް އޭ ގައެވެ. ރާއްޖެއާއެކު ދެން އެ ގްރޫޕުގައި ހިމެނެނީ ބަންގާޅުގެ އިތުރުން ނޭޕާލެވެ. ގްރޫޕް ބީ ގައި ހިމެނެނީ ކިރިގިސްތާނާއި އުޒުބަކިސްތާން އަދި ތުރުކެމިނިސްތާނެވެ.

މިއަދު ރާއްޖެއާއި ނޭޕާލް ވާދަކުރި މެޗު ނޭޕާލުން ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ.

މެޗުގެ ފުރަތަމަ ސެޓު ނޭޕާލުން ގެންދިޔައީ 25-21 އިންނެވެ. ދެވަނަ ސެޓު 25-17 އިން ނޭޕާލް ގެންދިޔަ އިރު، ތިން ވަނަ ސެޓުވެސް ނޭޕާލުން ގެންދިޔައީ ތަފާތު ބޮޑުކޮށް 25-15 އިންނެވެ.

މުބާރާތުގައި ރާއްޖެ ކުޅޭ ދެވަނަ މެޗު އޮންނާނީ މާދަމާއެވެ. ރާއްޖެ ގަޑިން 4:00 ގައި އޮންނަ މެޗުގައި ރާއްޖެ ނުކުންނާނީ މުބާރާތް ބާއްވާ ގައުމު ބަންގްލަދޭޝާ ދެކޮޅަށެވެ.

މިދިޔަ އަހަރު ރާއްޖޭގައި ބޭއްވި ސެންޓްރަލް ޒޯން މުބާރާތް ރާއްޖެއިން ނިންމާލީ މޮޅެއް ނުލިބިއެވެ. އޭގެ ކުރިން 2016 ވަނަ އަހަރު ބަންގަލަދޭޝްގައި ބޭއްވި މުބާރާތުގައި ރާއްޖޭގެ ޓީމުން ވަނީ ބްރޯންޒް މެޑަލް ހޯދައިފައެވެ.

އޭވީސީ މުބާރާތަށް ގައުމީ ޓީމު ނުކުތީ ކޯޗު، މުހައްމަދު ސާޖިދު (ކާއްޓޭ)ގެ އިރުޝާދުގެ ދަށުންނެވެ. ޓީމުގެ ކެޕްޓަނަކީ ތަޖުރިބާކާރު ކުޅުންތެރިޔާ އަހުމަދު އަބްދުލް ކަރީމް (ލޯންގޭ) އެވެ. ވައިސް ކެޕްޓަނަކަށް އަލީ ހުޒާމް (ހުޒާންޓޭ) ހަމަޖައްސައިފައިވާ އިރު، ކުރިން ގައުމީ ޓީމުން ފެންނަ ގިނަ ސީނިއާ ކުޅުންތެރިންތަކެއް މިފަހަރުގެ ޓީމުގައި ނުހިމެނެއެވެ.

މުބާރާތަށް ދިއުމުގެ ކުރިން ތައިލެންޑްގައި ކޭމްޕްކޮށް ރާއްޖެއިން ވަނީ ރަަނގަޅު ނަތީޖާތަކެއްވެސް ނެރެފައެވެ.

comment ކޮމެންޓް