މަހުލޫފުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލައިފި

ރައްޔިތުން މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފް --- ސަން ފައިލް ފޮޓޯ/ މުހައްމަދު އަފްރާހް

ރައްޔިތުން މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފުގެ މައްޗަށް ދައުލަތުން ޓެރަރިޒަމް ދައުވާ އުފުލައިފި އެވެ.

"ސަން" އަށް އެނގިފައިވާގޮތުގައި ޓެރަރިޒަމްގެ ދައުވާގެ މައްސަލަ ޕީޖީ އޮފީހުން ކްރިމިނަލް ކޯޓަށް ފޮނުވާފައި ވަނީ މިމަހުގެ ތިން ވަނަ ދުވަހުއެވެ.

އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން އަންނަ ބުދަ ދުވަހުގެ 2:45 އަށް ވަނީ ތާވަލްކޮށްފައެވެ.

ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުމުގެ ކުށުގެ ދައުވާ މަހުލޫފްގެ މައްޗަށް އުފުލާފައި ވަނީ މިދިޔަ ފެބްރުއަރީ މަހުގެ އެއް ވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރުގައިވާގޮތަށް، ޖަލުގައި ތިބި ސިޔާސީ ލީޑަރުން މިނިވަންކުރުމަށް ގޮވާލައި، ފެބްރުއަރީ މަހުގެ ތިން ވަނަ ދުވަހު ކ. މާފުށީ ޖަލު ކުރިމަތީގައި މުޒާހަރާ ކުރި މައްސަލާގައެވެ.

ޓެރަރިޒަމްގެ ދައުވާގެ އިތުރުން މަހުލޫފުގެ މައްޗަށް ކުރާ އިތުރު މައްސަލައެއްގެ ޝަރީއަތް ވެސް ވަނީ އަންނަ ބުދަ ދުވަހަށް ތާވަލްކޮށްފައެވެ.

އޭނާގެ މައްޗަށް އުފުލާފައިވާ ދެވަނަ ދައުވާ އަކީ ހިނގާފައިނުވާ ކަމެއް ހިނގައިފިކަމުގެ މައުލޫމާތު ގާނޫނު ތަންފީޒުކުރާ އިދާރާއަކަށް ދިނުމުގެ ކުށުގެ ދައުވާއެވެ.

އެނގިފައިވާ ގޮތުގައި އެ ދައުވާ އަކީ ކުރީގެ ނައިބް ރައީސް އަހުމަދު އަދީބު އަބްދުލް ޣަފޫރު މަރާލަން އުޅޭ ކަމަށް ބުނެ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތިން ވަނަ ދުވަހު މަހުލޫފް ކުރި ޓްވީޓަކާ ގުޅިގެން އުފުލި ދައުވާއެކެވެ.

ފުލުހުންގެ ދައުރު އަދާކުރުމަށް ދަތިކުރުމުގެ ދެ ދައުވާއެއް ސާބިތުވެ މީގެކުރިން މަހުލޫފް ވަނީ 10 މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކޮށްފައެވެ.

comment ކޮމެންޓް