ބައިނަލްއަގްވާމީ ޤުރުއާން މުބާރާތުގައި ރާއްޖެ ތަމްސީލް ކުރަން ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި

ބައިނަލްއަގުވާމީ ގުރުއާން މުބާރާތާ ބެހޭގޮތުން މައުލޫމާތު ދިނުމަށް ގުރުއާނާ ބެހޭ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ---

ރާއްޖޭގައި ބާއްވާ ބައިނަލްއަގްވާމީ ފުރަތަމަ ޤުރުއާން މުބާރާތުގައި ރާއްޖެ ތަމްސީލު ކުރާނެ މީހުން ހޮވުމަށް ބާއްވާ ތަޞްފިޔާގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދައުވަތަކަށް، "އައްނޫރުލް މުބީން"ގެ ނަމުގައި ބާއްވާ އެ މުބާރާތް އޮންނާނީ އަންނަ މަހުގެ 11 އިން 17 އަށެވެ. މިއީ އިސްލާމިކް މިނިސްޓްރީ އާއި ކީރިތި ޤުރުއާނާބެހޭ މަރުކަޒު އަދި ޕީއެސްއެމް ގުޅިގެން ބާއްވާ މުބާރާތަކެވެ.

އެ މުބާރާތުގައި ރާއްޖެ ތަމްސީލު ކުރާނެ މީހަކު ހޮވުމަށް ބާއްވާ ތަޞްފިޔާގައި އަންނަ މަހުގެ އެއްވަނަ ދުވަހު ބާއްވަން ނިންމައި، ބައިވެރިވުމުގެ ފުރުސަތު ކުރިން ހުޅުވާލައިފައި އޮތީ މިދިޔަ ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ.

ނަމަވެސް ކީރިތި ޤުރުއާނާބެހޭ މަރުކަޒުން މިއަދު ކުރި އިއުލާނެއްގައި ބުނީ، ތަޞްފިޔާގައި ބައިވެރިވުމަށް ގިނަ ފަރާތްތަކަކުން އެދެމުންދާތީވެ، އެކަމުގައި ބައިވެރިވުމުގެ މުއްދަތު އަންނަ ބުރާސްފަތި ދުވަހުގެ މެންދުރު ފަހު 2:00 އަށް އިތުރު ކުރެވިފައިވާ ކަމަށެވެ.

ތަޞްފިޔާގައި ބައިވެރިވުމުގެ ހަމައެކަނި ޝަރުތަކަށް ވާންޖެހެނީ އުމުރުން 18 އަހަރާއި 30 އަހަރާ ދެމެދުގެ ތަޖުވީދުމަގުން ރީތިކޮށް ދިގުރާގަށް ކިޔަވަން އެނގޭ މީހަކަށް ވުމެވެ.

ރާއްޖޭގައި ބާއްވާ ފުރަތަމަ ޤުރުއާން މުބާރާތާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް މީގެ ކުރީން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރު ވިދާޅުވީ، މުބާރާތުގައި ބައިވެރިވާނީ 11 ގައުމަކުން ކަމަށާއި އަދި އެ ގައުމުތަކަށް ދައުވަތު ފޮނުވަމުންދާ ކަމަށެވެ.

މިސްރު، ސައުދީ އަރަބިއާ، ޕާކިސްތާން އަދި ރާއްޖޭގެ ފަނޑިޔާރުން ހިމެނޭ ފުންނާބު އުސް ފަނޑިޔާރުންގެ ޕެނަލަކުން ފަނޑިޔާރުކަން ކުރާ އެ މުބާރާތުގެ އެއްވަނަ އިނާމަކަށް ހުށަހަޅާފައިވަނީ 30000 ޑޮލަރެވެ.

ދެވަނަ އަށް 15000 ޑޮލަރު އަދި ތިންވަނަ އަށް 5000 ޑޮލަރު ހުށަހަޅައިފައިވާއިރު، މުބާރާތުގައި ރައީސްގެ ހާއްސަ އިނާމެއް ވެސް ދިނުމަށް ވަނީ ނިންމައިފައެވެ.

comment ކޮމެންޓް