2025 އަންނައިރު އިންޑިއާގެ ޖީޑީޕީ ފަސް ޓްރިލިއަނަށް އަރާނެ

އިންޑިއާ އަކީ މިހާރު އެންމެ ބާރަށް ކުރިއަރަމުން އަންނަ އެއް އިގްތިޞާދެވެ. ކުރިއަށް އޮތްތަނުގައިވެސް އިންޑިއާގެ އިގްތިޞާދީ ދުވެލި މަޑުޖެހުމެއް ނެތި ކުރިއަށް ދާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. މިއާއެކު 2025 ވަނަ އަހަރު އަންނަންވާއިރަށް އެގައުމުގެ ޖީޑީޕީ ފަސް ޓްރިލިއަން ޑޮލަރަށް އަރާނެކަމަށް އެގައުމުގެ ކަމާ ބެހޭ ފަރާތްތަކުން ވަނީ ލަފާކޮށްފައެވެ.

އިންޑިއާގެ އިކޮނޮމިކް އެފެއާޒް ސެކްރެޓަރީ ސުބްޝާހް ޗާންދްރާ ވޯލްޑް ބޭންކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ބޫޓާނާއި ނޭޕާލް އަދި ބަންގްލަދޭޝާއި ސްރީލަންކާ އާއި އަޅާބަލާއިރު އިންޑިއާގެ އިގްތިޞާދު ކުރިއަރަމުން އަންނަ ކަމަށެވެ.

ވޯލްޑް ބޭންކުގެ ޑިވެލޮޕްމެންޓް ކޮމެޓީގެ ބައްދަލުވުމެއްގައި އޭނާ ވިދާޅުވީ އިންޑިއާގެ އިގްތިޞާދީ ކުރިއެރުން ހުރީ 7.4 ޕަސެންޓްގައި ކަމަށެވެ. އިންފްރާސްޓްރަކްޗާ މަސައްކަތްތަކާއި ޖީއެސްޓީ އަދި އިގްތިޞާދާއި ގުޅުންހުރި ގިނަ ކަންތައްތަކެއް އިންޑިއާގައި ކުރިއަށްދާކަމަށާއި އޭގެ ނަތީޖާއެއްގެ ގޮތުން ގައުމަށް ލިބޭ އާމްދަނީ އިތުރުވާން ފަށާފައިވާކަމަށް ޗާންދްރާ ވިދާޅުވިއެވެ.

އިގްތިޞާދީ ގޮތުންނާއި އުމްރާނީ ގޮތުން އިންޑިއާ އަށް ތަރައްގީ ގެނައުމަށް އެގައުމުގެ ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ވިލެޖުތަކަށް ފައިބަރު އޮޕްޓިކް އިންޓަނެޓް ފޯރުކޮށްދިނުމާއި ފާޚާނާ ބިނާކުރުން ފަދަ މަޝްރޫއުތައް ހިމެނެއެވެ.

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އިންޑިއާގައި އޮތީ ފަހި މާހައުލެއް ކަމަށް ބައެއް ރިޕޯޓުތައް ބުނެއެވެ.

comment ކޮމެންޓް