އުދައިގެ އަސަރުކޮށްގެން މިއަދު ހެނދުނު 10 އަތޮޅަކުން ރިޕޯޓުކުރި: ޑިޒާސްޓާ

މަކުނުދޫ އަށް އުދައަރާފައި-- ފޮޓޯ: މަކުނުދޫ ކައުންސިލް

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން ދިޔަ ބޮޑުވާ ވަގުތުތަކުގައި އުދައިގެ އަސަރުކޮށްގެން މިއަދު ހެނދުނު 10 އަތޮޅަކުން ރިޕޯޓުކޮށްފައި ވާކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖުމެންޓް ސެންޓަރުން ބުނެފިއެވެ.

އެގޮތުން މިއަދު ހެނދުނު އަށަކުން 11 އަށް އުދައިގެ އަސަރު ކޮށްގެން ހުށަހަޅާފައިވަނީ އައްޑޫ ސިޓީ އާއި ފުވައްމުލަކު ސިޓީގެ އިތުރުން ހއ، ހދ، ށ، ރ، އދ، ފ، ދ، ތ އަދި ލ. އަތޮޅެވެ. މީގެ ތެރެއިން ތ. އަތޮޅުގެ ހަ ރަށަކަށް އުދަ އަރައި އެކި ވަރުގެ ގެއްލުންތައް ލިބިފައިވާކަމުގެ ރިޕޯޓު ލިބިފައިވާކަމަށް ޑިޒާސްޓާ މެނޭޖުމެންޓުން ބުނެއެވެ.

މީގެ އިތުރުން ހދ. ކުމުންދޫގެ ނެރުބައްތި ކަނޑައިގެން ގޮސްފައިވާތީ، އެކަން ހައްލު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި އދ. މާމިގިލީ ތޮށި ހަލާކުވެފައިވާ ކަމަށް ޑިޒާސްޓާއިން ބުނެއެވެ.

ބައެއް ރަށްރަށުގެ ދަނޑުބިންތަކަށް އުދައިގެ އަސަރު ކޮށްފައިވެއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ އިން މިއަދު ބުނީ ދެކުނުގެ ރަށްރަށަށް ވިއްސާރަކުރަނީ އައްޑޫގެ ދެކުނުން ގާތްގަނޑަކަށް 1،000 ކިލޯމީޓަރު ދުރުން އުފެދިފައިވާ ކޮޅިގަނޑެއްގެ ސަބަބުން ކަމަށާއި ކޮޅިގަނޑާ ގުޅިގެން ރާއްޖޭގެ ސަރަހައްދުގައި ބާނިތައް ބޮޑުވެފައިވާތީ، ކުރިއަށް އޮތް 24 ގަޑިއިރުވެސް ދިޔަވަރު ބޮޑުވާ ވަގުތުގައި ރާއްޖޭގެ އެކި ހިސާބުތަކަށް އުދަ އަރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

މިއަދު އުތުރުގެ އަތޮޅުތަކަށް ދިޔަވަރު ބޮޑުވާނެ ކަމަށް ލަފާކޮށްފައި ވަނީ 16:58 ގައެވެ. މެދު ރާއްޖެތެރެއަށް ދިޔަވަރު ބޮޑުވާނެ ކަމަށް ލަފާކޮށްފައިވަނީ 17:39 ގައެވެ. އަދި ދެކުނަށް ދިޔަވަރު ބޮޑުވާނެ ކަމަށް ލަފާކޮށްފައިވަނީ އިރުއޮއްސި 6:42 ގައެވެ.

މާދަމާ ދިޔަވަރު ބޮޑުވާނެ ކަމަށް ލަފާކޮށްފައިވާ ގަޑި:

  • ދެކުނު: 6:10 އަދި 20:38
  • އުތުރު: 3:42 އަދި 18:13
  • މެދުރާއްޖެ: 04:50 އަދި 19:10
comment ކޮމެންޓް