އަފްގާނިސްތާނުގެ ވޯޓާ ރެޖިސްޓްރޭޝަން ސެންޓަރަކަށް ބޮމުގެ ހަމަލާއެއްދީ 30 މީހަކު މަރާލައިފި

ކާބުލްގައި ދިން ބޮމުގެ ހަމަލާއާ ގުޅިގެން ސިފައިން އެސަރަހައްދު ބަންދުކޮށްފައި -- ފޮޓޯ: ރޮއިޓާސް

ކާބުލް (އޭޕްރިލް 22): އަފްގާނިސްތާނުގެ ވެރިރަށް ކާބުލްގެ ވޯޓާ ރެޖިސްޓްރޭޝަން ސެންޓަރަށް އަމިއްލައަށް މަރުވެގެން ބޮމުގެ ހަމަލާއެއްދީ 30 މީހަކު މަރާލައިފި އެވެ.

ކާބުލްގެ ފުލުހުން ބުނި ގޮތުގައި މިއަދު ހެނދުނު އެހަމަލާ ދިނީ އެސެންޓަރަށް ވަންނަ ދޮރު ކައިރީގައި އެވެ. އަދި ހެލްތު އޮފިޝަލުން ވަނީ އެހާދިސާގައި 50 އަށް ވުރެ ގިނަ މީހުންނަށް އަނިޔާވެފައިވާ ކަމަށާއި މަރުވި މީހުންގެ އަދަދު އިތުރުވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ބުނެފަ އެވެ.

އިސްލާމިކް ސްޓޭޓް (އައިއެސް) އިން ވަނީ އެހަމަލާގެ ޒިންމާ ނަގާފައި އެވެ.

އަފްގާނިސްތާނުގައި އޮކްޓޯބަރު މަހު ބާއްވާ މަޖިލިސް އިންތިހާބާ ދިމާކޮށް އެގައުމުގެ އެކި ސަރަހައްދުތަކުގައި ވަނީ ވޯޓާ ރެޖިސްޓްރޭޝަން ސެންޓަރުތައް ގާއިމުކޮށްފަ އެވެ. އަދި މީގެ ކުރިންވެސް އެސެންޓަރުތަކަށް އަމާޒުކޮށް ހަމަލާތައް ދީފައިވެ އެވެ. (އަލްޖަޒީރާ)

comment ކޮމެންޓް