އެމެރިކާއާއެކު މަޝްވަރާކުރަން ޗައިނާ ތައްޔާރު

ޗައިނާ އާއި އެމެރިކާއިން ވަނީ އެއްގައުމު އަނެއްގައުމާ ދެކޮޅަށް ވިޔަފާރީގެ ހަނގުރާމަ އިއުލާނުކޮށްފައެވެ.

އެއާއެކު މި މަސް ފެށުނުތަނާ އެމެރިކާއިން ޗައިނާއަށް އެތެރެކުރާ 128 ބާވަތެއްގެ މުދަލަކުން އިމްޕޯޓު ޑިއުޓީ ބޮޑުކުރަން ނިންމައި އެމެރިކާއިން ވަނީ އެކަން ތަންފީޒުކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން އެމެރިކާއާ ދެކޮޅަށް ފިޔަވަޅު އަޅަން ވިސްނާނެ ކަމަށާއި އެހެން ނަމަވެސް ޗައިނާއިން ފިޔަވާޅެއް އަޅާނީ ވިސްނުމަށް ފަހު ކަމަށް ޗައިނާ އިން ވަނީ ބުނެފައެވެ.

ޗައިނާގެ ކޮމާސް މިނިސްޓްރީން ނެރުނު ކުރު ސްޓޭޓްމެންޓެއްގައި ބުނެފައިވަނީ ޗައިނާ އާއެކު ވިޔަފާރީގެ ގުޅުމާ ގުޅޭގޮތުން އެމެރިކާއިން މަޝްވަރާ ކުރަން ބޭނުންވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. ވިޔަފާރިއާއި އިގްތިސާދުގެ ދާއިރާއިން ދެގައުމުގެ ދެމެދު އޮތް ގުޅުމާ ގުޅޭ މަޝްވަރާއަށް އެމެރިކާއަށް ދައުވަތުދޭ ކަމަށާއި އެކަމަށް މަރުހަބާ ކިޔާ ކަމަށް އެ ބަޔާނުގައި ވެއެވެ.

އިގްތިސާދީ ގޮތުން ޗައިނާއާއި އެމެރިކާ އާ ދެމެދު އޮތް ނުތަނަވަސްކަން ފިލުވައިލުމަށް މަޝްވަރާ ކުރާނެކަން އެމެރިކާ އިންވެސް ވަނީ ހާމަކޮށްފައެވެ. އެގައުމުގެ ޓްރެޜަރީ ސެކްރެޓަރީ ސްޓީވަން މަންޗިން ވިދާޅުވީ އެ މަޝްވަރާތަކަށް ޗައިނާއަށް ވަޑައިގަންނަވަން ވިސްނަވާ ކަމަށެވެ. އަދި ދެގައުމުގެ ދެމެދު ވިޔަފާރީގެ ދާއިރާ އިން ގުޅުން ބަދަހިކުރަން ބޭނުންވާކަމަށް އޭވާ ވަނީ ވިދާޅުވެފައެވެ.

އެމެރިކާއިން ޗައިނާއަށް އިގްތިސާދީ ގޮތުން ދަތިކުރަން ނިންމާފައިވަނީ ޗައިނާއިން ވިޔަފާރީގެ ދާއިރާގައި ބޭއިންސާފު ކަންކަން ކުރަމުންދާ ކަމަށް ބުނެއެވެ. އެގޮތުން ޗައިނާގައި ބޭރު ކުންފުނިތަކުގެ އޯނަރޝިޕަށް ދަތިކުރުމާއި، ފިކުރީ މުދާ ވަގަށް ނެގުމާއި، ސައިބަރ އެޓޭކް ކުރުމަށް ޗައިނާއިން ތަރުހީބުދޭ ކަމަށް އެމެރިކާއިން ތުހުމަތުކުރެއެވެ. މިކަންކަމަކީ ވައިޓްހައުސްއިން ކުރި ރިވިއުއެއްގެ ހޯދުންތަކެއް ކަމަށް އެމެރިކާއިން ބުނެއެވެ.

ޗައިނާއާ ބެހޭގޮތުން ވޯލްޑް ޓްރޭޑް އޯގަނައިޒޭޝަނަށް ޝަކުވާތަކެއްވެސް ހުށަހަޅުއްވަން ރައީސް ޓްރަމްޕް ވަނީ ނިންމަވައިފައެވެ.

comment ކޮމެންޓް