ޖެހިޖެހިގެން ހަތަރު ވަނަ ފަހަރަށް ބާސާ އިން ކޮޕާ ޑެލް ރޭ އުފުލާލައިފި

ރޭ ކުޅުނު ކޮޕާ ޑެލްރޭ ފައިނަލްގެ ތެރެއިން: އެ މެޗު ބާސާއިން ކާމިޔާބުކުރީ 5-0ގެ ނަތީޖާއަކުން --- ފޮޓޯ/ އޭޕީ

ބޮޑު ތަފާތަކުން ސެވިއްޔާ ބަލިކޮށް، ބާސެލޯނާއިން ސްޕެނިޝް ކޮޕާ ޑެލް ރޭގެ ތަށި އުފުލާލައިފި އެވެ.

އެތުލެޓިކޯ މެޑްރިޑްގެ ވަންޑާ މެޓްރަޕޮލިޓާނޯގައި ރޭ ކުޅުނު މެޗު ބާސާއިން ކާމިޔާބުކުރީ 5-0ގެ ނަތީޖާއަކުންނެވެ.

ބާސާ އިން ވަނީ މިހާތަނަށް ރެކޯޑު 30 ފަހަރަށް ކޮޕާ ޑެލްރޭ އުފުލާލައިފަ އެވެ. ބާސާއާ އެންމެ ގާތް ކުރެވޭ އަދަދަކަށް އެ ތަށި އުފުލާލައިފައި ވަނީ ވެސް އެތުލެޓިކޯ މެޑްރިޑެވެ. އެއީ 23 ފަހަރަށެވެ. އަދި މިދިޔަ ހަތަރު އަހަރު ވެސް ކޮޕާ ޑެލް ރޭގެ ޗެމްޕިއަނުންނަކީ ބާސާއެވެ.

ރޭ ކުޅުނު ކޮޕާ ޑެލްރޭ ފައިނަލްގެ ތެރެއިން: އެ މެޗު ބާސާއިން ކާމިޔާބުކުރީ 5-0ގެ ނަތީޖާއަކުން --- ފޮޓޯ/ އޭޕީ

ރޭގެ މެޗުގެ ފުރަތަމަ ހާފްގައި ބާސާއިން ތިން ގޯލް ޖަހައިފައިވާ އިރު، ފުރަތަމަ ގޯލަކީ މެޗުގެ 14 ވަނަ މިނެޓުގައި ލުއިސް ޝުއަރޭޒް ކާމިޔާބުކޮށްދިން ގޯލެކެވެ. ފިލިޕް ކުޓީނިއޯ ތަވަވަސް ކޮށްދިން ރީތި ބޯޅައަކުން ޝުއަރޭޒް ލީޑު ނަގައިދިން އިރު، މެޗުގެ 31 ވަނަ މިނެޓުގައި ލިއޮނަލް މެސީގެ ގޯލާއެކު ބާސާ ލީޑު ފުޅާކުރި އެވެ.

ހާފް ނިމެން ފަސް މިނެޓަށް ވެފައިވަނިކޮށް މެސީގެ އެސިސްޓަކުން ލީޑު އިތުރަށް ފުޅާކޮށްދިނީ ޝުއަރޭޒް އެވެ.

މެޗުގެ ފުރަތަމަ ހާފްގައި ސެވިއްޔާއަށް ވެސް ވަނީ ދެ ފުރުސަތެއް ލިބިގެން ގޮސްފަ އެވެ. ޔޯކީން ކޮރިއާއަށް ލިބުނު ފުރުސަތު އޭނާ ބޭކާރު ކޮށްލި އިރު، ސާންޑްރޯ ރަމިއަރޭޒްގެ ހަމަލާ ދިފާއުކުރީ ބާސާގެ ކީޕަރު ޖެސްޕާ ސިލަސަން އެވެ.

ދެވަނަ ހާފްގެ ކުރީ ކޮޅުގައި ބާސާގެ ހަތަރު ވަނަ ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ އަންދްރޭސް އިނިއެސްޓާއެވެ. އިނިއެސްޓާ ވަނީ މެޗުގައި މޮޅަށް ކުޅެ، މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދައިފަ އެވެ.

ބާސާގެ ފަސް ވަނަ ގޯލް، ފިލިޕް ކުޓީނިއޯ ކާމިޔާބުކޮށްދިނީ ލިބުނު ޕެނެލްޓީއަކުންނެވެ.

ރޭ ކުޅުނު ކޮޕާ ޑެލްރޭ ފައިނަލްގެ ތެރެއިން: އެ މެޗު ބާސާއިން ކާމިޔާބުކުރީ 5-0ގެ ނަތީޖާއަކުން --- ފޮޓޯ/ އޭޕީ

މިހާތަނަށް ލީގުގައި ވެސް ބަލިނުވުމުގެ ސިލްސިއާއެއް ދަމަހައްޓަމުން އަންނަ ބާސާއަށް މި ހަފްތާ ތެރޭގައި ލަލީގާ ލިބުމުގެ ފުރުސަތު ވެސް އެބައޮތެވެ. އެގޮތުން އާދީއްތަ ދުވަހު އެތުލެޓިކޯ މެޑްރިޑުން ރެއާލް ބެޓިސްއާ ދެކޮޅަށް ކުޅޭ މެޗު، ބެޓިސްއިން ކާމިޔާބުކޮށްފި ނަމަ ބާސާއަށް ލީގު ޔަގީން ވާނެ އެވެ. ބާސާއިން ލަލީގާ ތާވަލުގެ އެއްވަނާގައި އޮތީ 12 ޕޮއިންޓްގެ ލީޑެއްގަ އެވެ.

comment ކޮމެންޓް