ސައުދީ އަރަބިއާގެ ޝާހީ ގަނޑުވަރު ކައިރީގައި އެރުވި ޑްރޯންއެއް ފުލުހުން ވައްޓާލައިފި

ސައުދީ އަރަބިއާގެ ސަލާމަތީ ފައުޖުތަކުން ވަނީ ޝާހީ ގަނޑުވަރު ކައިރީގައި އެރުވި ޑްރޯންއެއް ވައްޓާލާފައި -- ފޮޓޯ: އޭޕީ

ރިޔާޟް (އޭޕްރިލް 22): ސައުދީ އަރަބިއާގެ ވެރިރަށް ރިޔާޟުގައި ހުންނަ ޝާހީ ގަނޑުވަރު ކައިރީގައި އެރުވި ޑްރޯންއެއް އެގައުމުގެ ސަލާމަތީ ފައުޖުތަކުން ބަޑި ޖަހާ ވައްޓާލައިފި އެވެ.

ރިޔާޟުގެ ފުލުހުންގެ ތަރުޖަމާނު ވިދާޅުވި ގޮތުގައި އިއްޔެ ސެކިއުރިޓީ ޕޮއިންޓެއް ކައިރިން ވައްޓާލާފައި ވަނީ އެސަރަހައްދުގައި އެރުވުމަށް ހުއްދަ ދީފައި ނުވާ، ކުޅެން ބޭނުން ކުރާ ބާވަތުގެ ޑްރޯންއެކެވެ. އަދި އެހާދިސާ މިހާރު ތަހުގީގު ކުރަމުންދާ ކަމަށް އެގައުމުގެ ނޫސްތަކުގައިވެ އެވެ.

ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒު ދިރިއުޅުއްވާ އެގަނޑުވަރު ކައިރިން ބަޑީގެ އަޑުފައްގަނޑު އިވުމުން، ގަނޑުވަރުގައި ހަމަނުޖެހުންތައް ހިނގަމުންދާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ވަނީ ހަބަރު ފެތުރިފައެވެ. ނަމަވެސް ސައުދީ އޮފިޝަލުން ވަނީ އެރިޕޯޓުތައް ދޮގުކޮށްފައެވެ.

އަދި އިއްޔެ އެހާދިސާ ހިނގި ވަގުތު ސަލްމާން ރަސްގެފާނު ގަނޑުވަރުގައި ނޫޅުއްވާ ކަމަށްވެސް ސައުދީ އޮފިޝަލުންނާ ހަވާލާދީ އަލްޖަޒީރާގައިވެ އެވެ.

ޔަމަނުގެ ހޫޘީން ސައުދީ އަރަބިއާއަށް އަމާޒުކޮށްދޭ ހަމަލާތަކާ ގުޅިގެން ސައުދީ ސަލާމަތީ ފައުޖުތައް މިހާރު އޮންނަނީ އެލާޓުގައެވެ. އެގޮތުން މިދިޔަ މާޗް މަހު ހޫޘީން ފޮނުވާލި މިސައިލަކުން ޖެހި ސައުދީގައި ހުރި މިސްރުގެ މީހަކު ވަނީ މަރުވެފައެވެ. (އަލްޖަޒީރާ)

comment ކޮމެންޓް