އުރީދޫގެ އަހަރީ އާންމު ޖަލްސާ މެއި ހަވަނަ ދުވަހު

އޮކްޓޯބަރ 1، 2017: ދަރުބާރުގޭގައި ބޭއްވުނު އުރީދޫގެ ފުރަތަމަ އަހަރީ އާންމު ޖަލްސާގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އުރީދޫ މޯލްޑިވްސް ޕލކގެ އަހަރީ އާންމު ޖަލްސާ، އަންނަ މެއި މަހުގެ ހަވަނަ ދުވަހު ބާއްވާ ގޮތަށް ހަމަޖައްސައިފިއެވެ.

އުރީދޫއިން އިއްޔެ ވަނީ އެކުންފުނީގެ ދެވަނަ އަހަރީ އާންމު ޖަލްސާގެ ނޯޓިސް އާންމުކޮށްފައެވެ. އަހަރީ އާންމު ޖަލްސާ އޮންނާނީ މެއި ހައެއް ވާ އާދީއްތަ ދުވަހުގެ ރޭ 8:30 ގައި، ހޮޓެލް ޖެންގެ ބޯލްރޫމްގައެވެ.

އެޖަލްސާގައި، މިދިޔަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ޔައުމިއްޔާ ފާސްކުރުމާއި، ކުނފުނީގެ މިދިޔަ އަހަރުގެ މާލީ ބަޔާންތަކާއި ޑިރެކްޓަރުންގެ ރިޕޯޓު ފާސްކުރުން އޮންނާނެއެވެ. މީގެ އިތުރުން ކުރިއަށް އޮތް އަހަރަށް އުރީދޫ މޯލްޑިވްސްއަށް އޮޑިޓަރެއް އައްޔަނުކުރުންވެސް އޮންނާނެއެވެ.

ކުރިއަށް އޮތް އަހަރަށް އުރީދޫގެ އޮޑިޓަރުކަމަށް ކުރިމަތިލާފައިވަނީ މިދިޔަ އަހަރުގެވެސް އޮޑިޓަރު ކަމުގައިވާ ކޭޕީއެމްޖީއާއި، ޕްރައިސްވޯޓާހައުސްކޫޕާސް މޯލްޑިވްސްގެ އިތުރުން އާންސްޓް އެންޑް ޔަންގެވެ.

އުރީދޫ މޯލްޑިވްސްގެ ޑިރެކްޓަރުންގެ ބޯޑުން ނިންމާފައިވަނީ، ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް 3.20 ރުފިޔާ ބެހުމަށެވެ. އަހަރީ ޢާންމު ޖަލްސާގައި މި ނިންމުމަށް ކުންފުނީގެ ހިއްސާދާރުންގެ މެދުގައި ވޯޓަށް އެހުން އޮންނާނެއެވެ.

މީގެ އިތުރުން ކުރިއަށް އަހަރަށް ކުންފުނީގެ ބޯޑު ޑިރެކްޓަރުންގެ އުޖޫރަ ހަމަޖެއްސުންވެސް ޖަލްސާގައި އޮންނާނެއެވެ.

އުރީދޫއިން ބުނީ އަހަރީ އާންމު ޖަލްސާގެ އެޖެންޑާގައިވާ ކަންކަމަށް ވޯޓު ލުމަށް ހިއްސާދާރުންނަށް ލިބޭނީ، ޖަލްސާގައި ބައިވެރިވާ ކޮންމެ ހިއްސާދާރަކަށް އެއް ވޯޓު ކަމަށެވެ.

އުރީދޫއިން ބުނީ އަހަރީ އާންމު ޖަލްސާގައި ބައިވެރިވެވޭނީ، 26 އޭޕްރިލް ވާ ބުރާސްފަތި ދުވަހުގެ ރޭ 8:00 ގެ ކުރިން ކުންފުނީގައި ރެޖިސްޓްރީވެފައިވާ ފަރާތްތަކަށް ކަމަށެވެ. އަދި ޖަލްސާގައި ބައިެރިވާން ބޭނުންވާ ފަރާތްތަކުން މެއި ތިނެއް ވާ އަންގާރަ ދުވަހުގެ ހަވީރު 4:30 ގެ ކުރިން ޕްރީރެޖިސްޓްރޭޝަން ފޯމު ފުރައި، އުރީދޫއަށް ހުށަހަޅަން ޖެހޭނެ ކަމަށެވެ.

https://sun.mv/104357

ޖަލްސާއަށް ހާޒިރުވާން ޕްރީ ރެޖިސްޓްރޭޝަން ފޯމު ހުށަހެޅި ފަރާތްތަކުން ޖަލްސާއަށް ރެޖިސްޓްރީވުން ކުރިއަށް ދާޏީ އަހަރީ އާންމު ޖަލްސާ އޮންނަ ރޭ، 7:30 އިން 8:30 އަށް ހޮޓެލް ޖެންގައެވެ.

މިފަހަރުގެ އަހަރީ އާންމު ޖަލްސާގައި އާންމު ހިއްސާދާރުންގެ ފަރާތުން ބޯޑަށް ޑައިރެކްޓަރަކު އައްޔަނު ނުކުރާނެއެވެ. ސަބަބަކީ، މިވަގުތު އާންމު ހިއްސާދާރުން ތަމްސީލުކުރާ ޑިރެކްޓަރު އެމަގާމަށް އައްޔަނުކުރީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ކަމުގައި ވުމުންނެވެ. އެހެންކަމުން، އެ 2019 ގެ އޮކްޓޫބަރު މަހާ ހަމައަށް އެ ޑިރެކްޓަރު މަގާމުގައި ދެމިހުންނަވާނެއެވެ.

އާންމު ހިއްސާދާރުންގެ ފަރާތުން ޑިރެކްޓަރުންގެ ބޯޑަށް އައްޔަނުކޮށްފައިވަނީ ކުރީގެ މިނިސްޓަރު އަދި މިހާރު ސްޓެލްކޯގެ މެނޭޖިންގް ޑިރެކްޓަރ، ހ. މާބަނޑޭރިއާގެ އަހްމަދު ޒުހޫރެވެ.

އުރީދޫ މޯލްޑިވްސް ޕލކގެ ބޯޑު:

  • ޚާލިދު އިބްރާހިމް އަލް މަހްމޫދު (ޗެއާމަން)
  • ނަޖީބު ޚާން (އުރީދޫ މޯލްޑިވްސްގެ ސީއީއޯ)
  • ތަވަބަލަން ޕޫބަލަސިންގަމް (އުރީދޫ މޯލްޑިވްސްގެ ސީއެފްއޯ)
  • ޑރ. އޭ ހާމިދު މުހައްމަދު މަރާފީ (ޑިރެކްޓަރ)
  • އިއަން ގްރާންޓް ފެންޓަން (ޑިރެކްޓަރ)
  • ޚާލިދު ހައްސާން އަލް ހަމަދީ (ޑިރެކްޓަރ)
  • ދީނާ ހުސައިން (ޑިރެކްޓަރ)
  • އަހްމަދު ޒުހޫރު (އާންމު ހިއްސާދާރުން ތަމްސީލުކުރާ ޑިރެކްޓަރ)
comment ކޮމެންޓް