Last Updated: 6 year 4 day ago

ކުރިއަށް އޮތް ދެ ދުވަހުގެ މޫސުން ގޯސް، އުދައެރުމުގެ ފުރުސަތު ވެސް ބޮޑު

ބުލޮގު ޚުލާސާ

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައަކީ ހުޅަނގު މޫސުން ފެށުމުގެ ކުރީން، ދެ މޫސުން ބައްދަލުވާ ހިސާބުގައި ކުރާ ވިއްސާރަ ކަމަށް ރާއްޖޭގެ މޫސުމާ ބެހޭ މައި އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސަސް އިން ބުނެފި އެވެ.

އެ އިދާރާއިން ބުނީ، ކުރިއަށް އޮތް ދެ ދުވަހު ވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވިއްސާރަ ކުރުން އެކަށީގެންވާ ކަމަށެވެ.

އަދި ކުރިއަށް އޮތް ދެ ދުވަހު ވެސް ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް އުދައެރުމުގެ ފުރުސަތު ވަރަށް ބޮޑަށް އެބަ އޮތް ކަމަށާއި ނަމަވެސް ބޮޑަށް އުދައަރާނީ ކޮން ސަރަހައްދުތަކެއް ކަމަށް ދަންނަވަން ދަތިކަމަށް އެ އިދާރާއިން ބުނެއެވެ.

01:30 މުހައްމަދު ސިމާއު

އުދައިން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތައް

(ހ) އުދައިގެ ސަބަބުން ރަށުތެރެއަށް ލޮނުގަނޑު ވަދެ ގޭގެއަށް އަސަރުކޮށްފާނެފަދަ ހާލަތަކަށް ތައްޔާރުވުމުގެ ގޮތުން ވެލިބަސްތާ ތައްޔާރުކޮށްފައި ބެހެއްޓުން.

(ށ) އުދައިގެ ސަބަބުން ރަށުތެރެއަށް ވަންނަ ލޮނުގަނޑުގެ އަސަރު ނުކުރާނެ ގޮތަށް ރައްޔިތުންގެ މުދަލާއި އެހެނިހެން ސާމާނު ރައްކާތެރި ތަންތަނަށް ބަދަލުކުރުން.

މިގޮތުން އުސްތަންތަނަށް ލެވޭފަދަ ތަކެތި އުސްތަނެއްގައި ބެހެއްޓުން އަދި އުސްތަނަކަށް ނުލެވޭނެފަދަ ތަކެތި އުދައިގެ ނުވަތަ ލޮނުގަނޑުގެ އަސަރު ނުކުރާނެ ސަރަހައްދަކަށް ބަދަލުކުރުން.

އައްސޭރިފަށުގައި ނުވަތަ ގޮނޑުދޮށާއި ކައިރީގައި ހުންނަ ވިޔަފާރިކުރާ ތަންތަން (މިސާލަކަށް ކެފޭ އަދި ޕެޓްރޯލް ސްޓޭޝަން) އުދައިގެ އަސަރުކޮށްފާނެ ކަމަށް ތައްޔާރުވުން

(ރ) އައްސޭރިފަށުގައި ނުވަތަ ގޮނޑުދޮށާއި ކައިރި ސަރަހައްދުތަކުގައި ދުއްވާ އުޅަނދު ޕާކުކުރާ ފަރާތްތަކުން އުދައަރާފާނެ ކަމަސް ފޯކާސްޓް ކުރެވޭ ވަގުތުތަކުގައި ދުއްވާ އުޅަނދު އުދައިގެ އަސަރު ނުފޯރާނެ ތަނެއްގައި ބެހެއްޓުން

01:25 ޖަޒްލާން މުހައްމަދު

ލ. އަތޮޅު ކައުންސިލް މެމްބަރަކު ވިދާޅުވީ 200 ވަރަކަށް ފޫޓަށް ކުނަހަންދުއަށް އުދައިގެ އަސަރުކޮށްފައިވާ ކަމަށް.

އުދައެރީ ކުނަހަންދޫ އިރުމަތީ ފަރާތުންނާއި ދެކުނު ފަރާތުން ކަމަށާއި 30 ވަރަކަށް ގެއަށް އުދައިގެ އަސަރުކޮށްފައިވާ ކަމަށް ކައުންސިލް މެމްބަރު ވިދާޅުވި

އޭނާ ވިދާޅުވީ ކުނަހަންދުއަށް އަރާފައިވާ ލޮނުގަނޑު ހިންދާލުމަށް ކުނަހަންދޫ ކައުންސިލާއި ރައްޔިތުން ގުޅިގެން ކޯރު ކޮނެފައިވާ ކަމަށް

01:17 ޖަޒްލާން މުހައްމަދު

ލ. ކުނަހަންދުއަށް އުދައަރައި ގެއްލުންތަކެއް ލިބިފައިވާ ކަމަށް އަތޮޅު ކައުންސިލުން ވަނީ ބުނެފަ

ލ. ކުނަހަންދުއަށް އުދައަރާފައި ---
އުމަރު ޒާހިރު، ފ. އަތޮޅު ކައުންސިލްގެ ރައީސް

މީގެ ދެ ދުވަސް ކުރިން ފ. އަތޮޅަށް މޫސުން ގޯސްވި. ނަމަވެސް މިހާރު ރަގަނޅު. އަދި މިހާތަނަށް އެއްވެސް ރަށަކުން ފެންބޮޑުވެ އުދައެރުމުގެ ރިޕޯޓެއް ލިބިފައެއް ނުވޭ
މަބުރޫކު ނަސީރު، ބ. އަތޮޅު ކައުންސިލްގެ ރައީސް

ބ. އަތޮޅުގެ އެއްވެސް ރަށެއްގައި ފެންބޮޑުވެ، އުދަ އެރިކަމުގެ މައުލޫމާތެއް ލިބިފައިނުވޭ. މޫސުން ވެސް އެހާ ގޯހެއް ނޫން.
01:08 މުހައްމަދު ސިމާއު

ބ. އަތޮޅާއި ދ. އަތޮޅުގެ އިތުރުން ފ. އަތޮޅުގެ އެއްވެސް ރަށަކަށް އުދަރާފައިނުވާ ކަމަށް އެ ތިން އަތޮޅުގެ ކައުންސިލްތަކުން ބުނެފި

ރިޟުވާން އަބްދުﷲ، ތ. އަތޮޅު ކައުންސިލްގެ ރައީސް

މިރޭ މެންދަމަށް ދިޔަވަރު ބޮޑު ވާނެތީ އުދައަރާފާނެ ކަމަށްޓަކައި ތ. އަތޮޅުގެ ހުރިހާ ރަށެއްގެ މުހިންމު ތަންތަނުގައި ވެލި ބަސްތާ ޖެހުމުގެ މަސައްކަތް ދަނީ ކުރަމުން
ތ. ތިމަރަފުއްޓަށް އުދައަރާފައި --- ފޮޓޯ/ ތ. އަތޮޅު ކައުންސިލް
00:50 މުޙައްމަދު ސަމާޙު

ތ. ގާދިއްފުއްޓަށްވެސް މިއަދު ވަނީ ރާޅު އަރައި ގެއްލުން ތަކެއް ވެފައި

ތ. ގާދިއްފުއްޓަށް އުދައަރާފައި
ތ. އަތޮޅު ކައުންސިލްގެ ރައީސް ރިޟުވާން އަބްދުﷲ

ތިމަރަފުށީ އެއާޕޯޓާ ދިމާލުން ވަނީ އުދައަރާފައި. 1500 ފޫޓާ ހިސާބަށް އުދަ އަރާފައިވޭ. މިއީ ސުނާމީ ކާރިސާ އަށް ފަހު މިހާ ބޮޑަށް ތިމަރަފުއްޓަށް ރާޅު އެރި ފަހަރު. ކުރިން އުދަ އަރާ އިރު ރާޅު ހުންނަ ގޮތާ މި ފަހަރު ރާޅު ހުންނަ ގޮތާ ވަރަށް ތަފާތު
00:37 މުޙައްމަދު ސަމާޙު

ތ. ތިމަރަފުށީގެ ހަތަރު ބައިކުޅަ އެއް ބަޔަށް އުދަ އަރާފައިވާ ކަމަށް ތ. އަތޮޅު ކައުންސިލްގެ ރައީސް ރިލްވާން އަބްދުﷲ ވިދާޅުވެއްޖެ

ތ. ތިމަރަފުއްޓަށް އުދައަރާފައި --- ފޮޓޯ/ ތ. އަތޮޅު ކައުންސިލް
މެޓް އޮފީސް

އުދައިގެ ގޮތުގައި އަރާ ރާޅަކީ ރާއްޖެއާ ތަންކޮޅެއް ދުރުގައި އުފެދިފައިވާ ނުވަތަ އުފެދުނު ސިސްޓަމެއްގެ ތެރެއިން ޖަނަރޭޓްވާ ބާނިތައް އައުމުން އުފެދޭ އެއްޗެއް. އަދި އެހެން އަހަރުތަކެކޭ ޚިލާފަށް މިއަހަރު ރާއްޖެއަށް ތަންކޮޅެއް ބޮޑަށް އަދި ތަންކޮޅެއް ބާރު ސްޕީޑުގައި އުދަ އަރާކަން ފާހަގަވެފައިވޭ. އެއީ އުފެދިފައިވާ ނުވަތަ އުފެދުނު ސިސްޓަމްގެ ބާރުގަދަ ކަމުންވާ ކަމެއް. އޭގެ އިތުރުން މީގެ ކުރީން ރަށްރަށަށް އުދަ އަރާ ވަގުތުތަކާ މިފަހަރު އުދަ އަރާ ވަގުތުތަކަށް ވެސް ބަދަލު އާދޭ
މެޓް އޮފީސް

މާދަމާރޭގެ 8:00 އަށް (ކުރިއަށް އޮތް 8 ގަޑިއިރަށް) ރާއްޖޭގެ މޫސުން ކުރިއަށް ލަފާކުރާ ގޮތަށް ބަލާއިރު ދެކުނުގެ އެކި ހިސާބަށް ވިއްސާރަކުރާނެ އަދި ބައެއް ރަށްތަކަށް ގުގުރުން އެކަށީގެންވޭ. އަދި އެހެން ހިސާބުތަކަށް ވެސް ގުގުރުމާއެކު ކެރީގެ އަސަރު ފޯރާނެ ކަމަށް ވަނީ ލަފާ ކޮށްފައި. ވައިޖެހޭނެ ކަމަށް ލަފާ ކުރެވެނީ ހުޅަނގުދެކުނާއި ހުޅަނގުން އެންމެ ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 13 މޭލާ 23 މޭލާދެމެދުގެ ބާރުމިނުގައި. އަދި އެހެން ހިސާބުތަކަށް ގަޑިއަކު 5 މޭލާ 15 މޭލާ ދެމެދުގެ ބާރުމިނުގައި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވުމަކީ އެކަށީގެންވާ ކަމެއް ރާއްޖޭގެ ކަނޑުތައް އެންމެ ދެކުނުގައި ގަދަވާނެ. އަދި އެހެން ހިސާބުތަކުގައި އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ އެހެންކަމުން އެންމެ ދެކުނުގައި ވައިގަދަވެ، ކަނޑުތައްވެސް ގަދަވާނެ ކަމަށް ލަފާކުރެވޭތީ ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން އެދޭ
ސޮފީނާޒް ހަސަން|ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުގެ ޑިރެކްޓަރު

މިއަދުވެސް ގިނަ ރަށްރަށަށް އުދަ އަރައިގެން ރިޕޯޓްތައް ލިބިފައިވޭ. އަދި މިރޭ ވެސް ބައެއް ރަށްރަށުން ރިޕޯޓްތައް ވަނީ ލިބިފައި
00:23 މުޙައްމަދު ސަމާޙު

މިރެއާއި މާދަމާ ރާއްޖޭގެ އެކި ކަންކޮޅުތަކަށް އުދަ އަރާނެ ކަމަށް ބެލެވޭތީ ސަމާލުވެ ތިބުމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުން އިލްތިމާސްކޮށްފި