ކުޅިވަރުގެ އިސްވެރިން ގޮއިދޫގެ ކުޅިވަރުގެ އަވައިގައި ޖައްސުވާލައިފި!

އިއްޔެ ބ. ގޮއިދޫގައި ބޭއްވި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ އަހަރީ އާއްމު ބައްދަލުވުގެ ހަރަކާތްތަކުގެ ތެރެއިން --- ފޮޓޯ/ އިމޭޖްސް އެމްވީ

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ އަހަރީ އާއްމު ބައްދަލުވުން ބ. ގޮއިދޫގައި ބާއްވަން ނިންމުމާއެކުވެސް މިފަހަރުގެ ބައްދަލުވުން ތަފާތުވާނެ ކަން އެނގުނެވެ. ކުރިން މާލޭގެ ވަރުގަދަ ކޮންފަރެންސް ރޫމްތަކުގައި ބޭއްވި ބައްދަލުވުން، މިފަހަރު ބ. އަތޮޅު ގޮއިދޫއަށް ގެންދިޔައީ ކީއްވެތޯ ސުވާކުރި ނަމަވެސް، އޮލިމްޕިކް ކޮމިޓީގެ ފަރާތުން އެއަށް ޖަވާބު ދޭން ބޭނުންވީ ބައިވެރިންނަށް ގެނުވައިދޭ ތަޖުރިބާއިންނެވެ.

އަހަރީ އާއްމު ޖަލްސާއަށް ދިޔަ ކުޅިވަރު އެސޯސިއެޝަންތަކުގެ ވެރިންނަށް ގޮއިދޫގެ ފަރާތުން ކީ ހޫނު މަރުހަބާއާ އަދާކުރި ގާތް މެހެމާންދާރީންވެސް ގޮއިދޫގެ ވައްޓަފާޅި ފެނިގެންދިޔައެވެ. ރަށުގެ މަލަމަތިން ފުރަތަމަ ފެނުނު ރަށުގެ ނަން ބޯޑުގެ ތިރީގައި ކުރެހިފައިވާ ކުޅިވަރުގެ ކުރެހުންތަކުން ގޮއިދޫގެ މާނަ ގެނުވައެވެ.

އިއްޔެ ބ. ގޮއިދޫގައި ބޭއްވި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ އަހަރީ އާއްމު ބައްދަލުވުގެ ހަރަކާތްތަކުގެ ތެރެއިން --- ފޮޓޯ/ އިމޭޖްސް އެމްވީ

ރަށު ތެރެއަށް އޮލިމްޕިކް ކޮމިޓީގެ ވަފުދު އަރައިގެން ދިޔަ އިރު، ހިނިތުންވުމާއެކު މަރުހަބާ ނުކިޔާ މޫނެއް ނެތެވެ. އޮލިމްޕިކް ކޮމިޓީގެ ބައްދަލުވުން އެރަށުގައި ބޭއްވުން ވެގެންދިޔައީ ރަށުގެ ކުދި ބޮޑު އެންމެނަށް ލިބުނު ފަޚުރަކަށެވެ. ބައްދަލުވުން ފެށީ ރާއްޖޭގެ ކުޅިވަރަށް އެތަކެއް ހިދުމަތްތަކެއް ކޮށްދެއްވި ސައްޔިދު ހަސަންގެ ހަނދާނުގައި ގެނައި ސުކޫތަކާއެކު ދައްކާލި ހާއްސަ ރިޕޯޓަކާ އެކުގައެވެ.

އިއްޔެގެ ބައްދަލުވުމުގެ ޝަރަފުވެރި މެހެމާން ޑރ. މުހައްމަދު ޒާހިރު ހުސައިންގެ ވާހަކަފުޅުގައިވެސް އެންމެ ފުރަތަމަ އަލި އަޅުވާލެއްވީ ގޮއިދޫގެ ކުޅިވަރު މާހައުލާއި އެކުވެރި ރަތްޔިތުންގެ ހިތްހެޔޮ ކަމަށެވެ.

ޒާހިރު ހުސައިންގެ ވާހަކަ ފުޅުގައި އިތުރަށް ފާހަގަކުރެއްވީ ކުޅިވަރު "ޕްރިއޯރަޓައިޒް"ކޮށް ކުޅިވަރު ކުރިއަރުވަން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. އަދި ރާއްޖެއަކީ ކުޑަ ގައުމަކަމަށް ވިޔަސް، މެޑަލްތަކަށް ޓާގެޓްކޮށްގެން މަސައްކަތް ކުރަން ޖެހޭ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މިއަދުގެ ބައްދަލުވުމުގެ ޝަރަފުވެރި މެހެމާން ޑރ. މުހައްމަދު ޒާހިރު ހުސައިން --- ފޮޓޯ/ އިމޭޖްސް އެމްވީ

ޒާހިރު ހުސައިން ވިދާޅުވީ މެޑަލްތަކަކާ ހަމައަށް ވާސިލްވުމަށް ބިންގާތަކެއް އަޅަން ޖެހޭ ކަމަށާއި، އެކަން ފެށެން ވާނީ މަދަރުސާގެ ތެރެއިން ކަމަށެވެ. މީގެ އިތުރުންވެސް ރާއްޖޭގައި މޫދު ކުޅިވަރު އަދިވެސް މަދުކަން ފާހަގަ ކުރައްވައި ޒާހިރު ހުސައިން ވިދާޅުވީ، ރިޔާ ނަގައި ދުއްވުން، ފަލި ޖެހުން މީ ދިރުވެން އޮތް ރީތި ކުޅިވަރުތައް ކަމަށެވެ.

ކުއްޖާގެ ކިޔެވުމާ އެއްވަރަށް ސިއްހީ ދުޅަހެޔޮކަން މުހިއްމު ކަމަށާއި، ނަތީޖާތައް ހާސިލް ކުރުމަށް ބެލެންސްކޮށް އެ ދެ ކަންތައްވެސް ކުރަން ޖެހޭ ކަމަށް ޒާހިރު ހުސައިންގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ.

އިއްޔެ ބ. ގޮއިދޫގައި ބޭއްވި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ އަހަރީ އާއްމު ބައްދަލުވުގެ ހަރަކާތްތަކުގެ ތެރެއިން --- ފޮޓޯ/ އިމޭޖްސް އެމްވީ

ހާއްސަކޮށް ގޮއިދޫއަކީ ޒާހިރު ހުސައިން ދެއްކެވި ވާހަކަފުޅުގެ ހެއްކެކެވެ. އިއްޔެގެ ބައްދަލުވުމުގައި އެންމެންގެ ލޯތަށް އަމާޒުކޮށްލި ގޮއިދޫގެ ކުޅިވަރު ދައްކުވައިދިން ޕްރެސެންޓޭޝަންގައި އެ ރަށުގެ ކުޅިވަރުގެ ކާމިޔާބީއާއި ކުޅިވަރުތަކުން ނަތީޖާ ހާސިލްކުރުމަށް ކުރާ ބުރަބޮޑު މަސައްކަތް ފާހަގަކުރެވުނެވެ.

މާ ބޮޑު ފައިސާގެ ބަޖެޓެއް ނެތި، ބެލެނިވެރިންނާއި ޓީޗަރުންގެ މިއްނެތް މަސައްކަތާއެކު މުޅި ރާއްޖެއިން ގޮއިދޫގެ ދަރިވަރުން ހޯދާ ނަތީޖާތަކަކީ ހަމައެކަނި ކުޅިވަރުގެ ކުރިއެރުމެއް ނޫނެވެ. އޭގެ ސަބަބުން ރަށުގެ އެކުވެރިކަން ބަދަހިކޮށް ސްކޫލްގެ ނަތީޖާގެ އިންސައްތަ އެތައް ގުނައެއް އިތުރުވެގެން ގޮސްފިއެވެ.

ޕްރެސެންޓޭޝަން ނިންމާލުމުން ޖަލްސާގެ ހުރިހާ ބައިވެރިންވެސް ކޮޅަށް ތެދުވެ ގޮއިދޫއަށް ސެލިއުޓްކުރި އިރު، އޮލިމްޕިކްސް ކޮމިޓީގެ ރައީސް މުހައްމަދު ޝަވީދު ވިދާޅުވީ، ގޮއިދޫގައި މިއަަހަރުގެ އާއްމު ޖަލްސާ ބޭއްވުމުގެ މަގުސަދު އެންމެނަށް ސާފް ވާނެ ކަމަށެވެ.

ހަގީގަތުގައިވެސް ގޮއިދޫގެ ދައްކަމުންދާ ނަމޫނާ، އަގުވަޒަން ކުރަން ޖެހެއެވެ. މުޅި ރާއްޖޭގައި އެކަން ފާހަގަކުރަން ޖެހެއެވެ.

ހަވީރަކަސް ރޭގަނޑަކަސް، މެންދުރު އަވިބާރު ގަޑިއަކަސް، ގޮއިދޫގެ ކުޅިވަރުބިންތައް ހުހެއް ނުވެއެވެ. ޒިޔާރަތްކުރި އެންމެނަށްވެސް ފާހަގަކުރެވުނީ އެކަމެވެ. އެ ކޯޓުތަކަށް ބީރައްޓެއްސެއް ރަށުގައި ނެތް އިރު، އަންނަ މެހެމާނުންނަށްވެސް ކޯޓުތައް މަރުހަބާ ކިޔައެވެ. ވޮލީއާއި ބެޑްމިންޓަނެވެ. ފުޓުބޯޅައާއި ފުޓްސަލްއެވެ. ބާސްކެޓާއި ސްކޭޓިންނެވެ. ބައްޓާއި އެތުލެޓިކްސްގެ އިތުރުން މޫދު ކުޅިވަރުގައިވެސް ގޮއިދޫގެ ނަން ގަދަ ވަނީ އެ ސަބަބައްޓަކައެވެ.

ރާއްޖޭގެ ކުޅިވަރު އެސޯސިއޭޝަންތަކުގެ ވެރިންނަށްވެސް އިއްޔެ ކުރެވުނު އެންމެ ތަފާތު ތަޖުރިބާއަކަށްވީ، ޖަލްސާއަށްފަހު ކުރިއަށްދިޔަ ކުޅިވަރުތަކެވެ. ގޮއިދޫގެ ރައްޔިތުންނާއެކު، އެ ރަށުގެ ކުޅިވަރު ވައްޓަފާޅިގައި، ކުޅިވަރުގެ ޖޯޝީ މާހައުލެއްގައި ކުރިއަށްދިޔަ ރޭސްތަކެވެ.

އިއްޔެ ބ. ގޮއިދޫގައި ބޭއްވި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ އަހަރީ އާއްމު ބައްދަލުވުގެ ހަރަކާތްތަކުގެ ތެރެއިން --- ފޮޓޯ/ އިމޭޖްސް އެމްވީ

"ދަތި ރޭސް"ގެ ނަމުގައި އެސޯސިއޭޝަންތަކުގެ އިސްވެރިން ޓީމުތަކަށް ބަހާލައިގެން ހާއްސަ އިވެންޓެއް ކުރިއަށްދިޔަ އިރު، މުޅި ރަށްއެކީ ތަރުހީބު ދެމުންދިޔައެވެ. ފެތުން، ބައިސްކަލް ދުއްވުމުގެ އިތުރުން ކުރުންވެސް ހިމެނުނު ރޭހުގައި ބައިވެރިވި ހުރިހާ އެސޯސިއޭޝަންތަކުގެ ބޭފުޅުންވެސް އެކަން ކުރީ ހާއްސަ ޖޯޝަކާ އެކުގައެވެ. މެންދުރުގެ ވަގުތުން ފެށިގެން އިރު އޮސްސުމާ ޖެހެންދެން ފަހަރަކު ކުޅިވަރެއް ކުޅުއްވަމުން ގެންދެވި ބޭފުޅުންނަށް ގޮއިދޫގެ ކުޅިވަރު އިހުސާސް ކުރެވުނެވެ. ރަށުގެ ހުނަރުވެރި ކުދިންގެ ހުނަރުތަކާއެކު އެ ބޭފުޅުންވެސް ކުޅިވަރުތަކުގައި ބައިވެރިވެ، ކުޅެފައި ވަނީ "ވަރަށް ކިކް"ގައެވެ.

ބައިވެރިވި ހުރިހާ ބޭފުޅުންވެސް ބުނަމުންދަނީ އެއް ވާހަކައެވެ. "ގޮއިދޫއަކީ ތަފާތު ރަށެއް، މިއީ ކުޅިވަރެއް ކުޅެން އެންމެ އެކަށޭނެ ރަށް. ވަރަށް ހާއްސަ ފޯރިއެއް އެބައޮތް، ޖޯޝު ގެނުވައިފި،" މިހެންނެވެ.

ރަށުގެ ރައްޔިތުންނާއެކު ކުޅުނު ކުޅިވަރުތައް ނިންމާލަން ބޭނުންނުވެ ތިބެ ނިންމާލި ނަމަވެސް ހުރިހާ ބޭފުޅުންވެސް އަދި ގޮއިދޫއަށް ދިއުމަށް އަމާޒުު ކަނޑައެޅީ ހިތް ހެޔޮކަމާ އެކުވެރިކަން ފެނިއެވެ. ރަށުގައި ކުޅިވަރަށް އޮތް ރޫހު ފެނިއެވެ.

އިއްޔެގެ އަހަރީ އާއްމު ޖަލްސާގައި އޮލިމްޕިކް ކޮމިޓީން ވަނީ މިއަހަރަށް ލަފާކުރާ ބަޖެޓް ފާސްކޮށްފައެވެ. މިއަހަރު އޮލިމްޕިކްސް ކޮމިޓީއަށް ލިބޭނެ ކަމަށް ކަނޑައަޅާފައިވަނީ 48.8 މިލިއަން ރުފިޔާ އެވެ. އޮލިމްޕިކް ކޮމިޓީގެ ހަރަދުތަކުގެ ގޮތުގައި ޖަހާފައިވަނީ 46.1 މިލިއަން ރުފިޔާ އެވެ.

އޭގެ އިތުރުންވެސް އިއްޔެ ބޭއްވި އަހަރީ އާއްމު ޖަލްސާގައި 2020 ވަނަ އަހަރު ޓޯކިޔޯގައި ބާއްވާ އޮލިމްޕިކްސްއަށް ތައްޔާރުވަމުންދާ އެތުލީޓުންނަށް ސްކޯލާޝިޕްވެސް ވަނީ ހަވާލުކޮށްފައެވެ. އެއީ ދުވުންތެރިޔާ މުހައްމަދު ނާއިލްއާއި ދެ ފެތުންތެރިން ކަމަށްވާ މުބާލް އައްޒާމް އަދި އައިޝަތު ސާޖިނާއަށެވެ.

2020 ވަނަ އަހަރު ޓޯކިޔޯގައި ބާއްވާ އޮލިމްޕިކްސްއަށް ތައްޔާރުވަމުންދާ އެތުލީޓުންނަށް ސްކޯލާޝިޕް ހަވާލުކުރުމުގެ ތެރެއިން --- ފޮޓޯ/ އިމޭޖްސް އެމްވީ

ގޮއިދޫގެ ބާއްދަލުވުން ހުރިހާ ގޮތަކުންވެސް ފުރިހަމަކޮށް ފެނުނު އިރު، ރާއްޖޭގެ އޮލިމްޕިކް ކޮމިޓީ ތަމްސީލްކުރާ 16 މެމްބަރު އޮސޯސިއޭޝަނަކުންވެސް ގޮއިދޫގެ ރަޔްޔިތުންނަށް ހާއްސަ ހަދިޔާތަކެއް ހަވާލުކޮށްފައިވެއެވެ. ގޮއިދޫގެ މަސައްކަތުން އެންމަނަށްވެސް ހައިރާންކަން ގެނުވި އިރު، މުޅި ރަށުން ދައްކުވައިދޭ ކުޅިވަރު ރޫހު އިއްޔެ ހުރިހާ ވެރިންނަށްވެސް އިހުސާސް ކުރެވިއްޖެއެވެ.

comment ކޮމެންޓް