ދެކުނު އޭޝިއާގެ ޖޫނިއާ ޓީޓީ މުބާރާތުގެ ދެ ކެޓަގަރީއެއްގެ ސެމީން ރާއްޖޭގެ ރަފާ ޖާގަ ހޯދައިފި

ރާއްޖޭގެ އެއްވަނަ ޓީޓީ ކުޅުންތެރިޔާ އައިޝަތު ރަފާ ނާޒިމް: އޭނާ ވަނީ ދެކުނު އޭޝިއާގެ ޖޫނިއާ ޓޭބަލް ޓެނިސް މުބާރާތުގެ ދެ ކެޓަގަރީއެއްގެ ސެމީން ޖާގަ ހޯދާފައި -- ފޮޓޯ/ ޓީޓީ އެސޯސިއޭޝަން

ދެކުނު އޭޝިއާގެ ޖޫނިއާ ޓޭބަލް ޓެނިސް މުބާރާތުގެ ދެ ކެޓަގަރީއެއްގެ ސެމީ ފައިނަލުން ރާއްޖޭގެ އެއްވަނަ ޓީޓީ ކުޅުންތެރިޔާ އައިޝަތު ރަފާ ނާޒިމް ޖާގަ ހޯދައިފިއެވެ.

ސަރަހައްދީ ލެވެލްގައި ރާއްޖެ ވާދަކުރާ އެންމެ ވާދަވެރި މުބާރާތުގެ ކެޑޭޓް ގާލްސް ސިންގަލްސް އަދި ޖޫނިއާ ގާލްސް ސިންގަލްސް އިވެންޓުގެ ސެމީގެ ޖާގަތައް ރަފާ ކަށަވަރުކުރީ މިއަދުއެވެ.

ކެޑޭޓް އަދި ޖޫނިއާ ސިންގަލްސް އިވެންޓުގެ ސެމީން ރަފާ ޖާގަ ހޯދީ ސްރީލަންކާގެ ދެ ކުޅުންތެރިން ބަލިކޮށްގެންނެވެ. ކެޑޭޓް ސިންގަލްސް އިވެންޓުގައި މިއަދު ހަވީރު ލަންކާގެ ސަނާޔާ ބުދަޑަސާ އަތުން 3-2 އިން މޮޅުވި އިރު، ޖޫނިއާ ސިންގަލްސް އިވެންޓުގައި ލަންކާގެ ޑީއެޗް ކޮލަމްބަކޯ އަތުން ރަފާ މޮޅުވީ 3-2 އިންނެވެ.

ކެޑޭޓް ސިންގަލްސް އަދި ޖޫނިއާ ސިންގަލްސް އިވެންޓުގެ ސެމީ ފައިނަލު މެޗުތަކަށް ރަފާ ނުކުންނަން ޖެހޭނީ މާދަމާ ހެނދުނެވެ. އެ އިވެންޓުގެ ފައިނަލް މެޗުތައް ވެސް މާދަމާ ކުޅުމަށް ހަމަޖެހިފައިވެއެވެ.

އިއްޔެއިން ފެށިގެން މާދަމާގެ ނިޔަލަށް ކުރިއަށްދާ އެ މުބާރާތުގައި ރާއްޖޭގެ ކުޅުންތެރިން ދަނީ ރަނގަޅު ނަތީޖާތަކެއް ހޯދަމުންނެވެ. އެގޮތުން ރާއްޖޭގެ އަންހެން ޓީމުން ޖޫނިއާ އަދި ކެޑޭޓް ޓީމް އިވެންޓުން ލޯ މެޑެއްޔެއް ހޯދި އިރު، ހޯޕް ކެޓަގަރީން ރާއްޖޭގެ ފާތިމަތު ދީމާ އަލީ ވަނީ ރިހި މެޑެއްޔެއް ހޯދައިފައެވެ.

އެ މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ޖޫނިއާ ސްކޮޑު:

  • މުހައްމަދު ޝައްފާން އިސްމާއީލް
  • މުހައްމަދު ތާބިން ޝުޖާއު
  • އިބްރާހީމް އައުޒަމް އަޒީމް
  • އަޚްޔާރް އަހުމަދު ޚާލިދު
  • އަހުމަދު ނާއިފް ނަސީރް
  • އަޔާން ތޯހާ ރަޝީދު
  • އައިޝަތު ރަފާ ނާޒިމް
  • ލައިޝާ ފަތުހުﷲ އިސްމާއީލް
  • ފާތިމަތު ދީމާ އަލީ
  • އައިމިނަތު މަލީޝާ މުއާޒް
  • ޒުބާ އަހުމަދު ރިޔާޒު
comment ކޮމެންޓް