އަމުރާ ގުޅިގެން ބޭރުގެ ސިފައިން ރާއްޖެ އާދޭތޯ ބަލަން މޯލްޑިވިއަންގެ ފުލައިޓްތައް ބޭނުންކުރަން ޖެހުނު: މިނިސްޓަރު

ކަޅުތުއްކަލާ ކޮށީގައި ބޭއްވި ނަސްރުގެ ދުވަހުގެ ހާއްސަ ޖަލްސާއެއްގައި ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު (މ)ގައި --- ސަން ފައިލް ފޮޓޯ/ މުހައްމަދު އަފްރާހް

ބޭރު ގައުމެއްގެ ސިފައިން ރާއްޖެ އައުމަށް ގޮވާލުމުން، އެފަދަ ބަޔަކު ރާއްޖެ އާދޭތޯ ބެލުމަށް މޯލްޑިވިއަންގެ ފުލައިޓްތައް ބޭނުން ކުރަން ޖެހުނު ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.

އެކެއް ފެބްރުއަރީގައި ރާއްޖޭގެ ސުޕްރީމް ކޯޓުން ނެރުނު އަމުރާއި އެއާ ގުޅިގެން ނެރުނު ކުއްލި ނުރައްކަލުގެ ހާލަތާއެކު އުފެދުނު ސިޔާސީ ހަލަބޮލިކަމާ ގުޅިގެން އިންޑިއާ ސިފައިން ރާއްޖެ އައުމަށް ބައެއް ސިޔާސީ ބޭފުޅުން ގޮވާލި އެވެ. އަދި އެއާއެކު ވާދަވެރި އިންޑިއާ އާއި ޗައިނާގެ މަނަވަރުތައް އިންޑިއާ ކަނޑުގައި ހަރަކާތްތެރިވަމުންދާ ކަމަށް ބޭރުގެ ނޫސްތަކުން ރިޕޯޓްވެސް ކުރި އެވެ.

އެކަންތައްތަކާ ގުޅިގެން އޭރުވެސް ޑިފެންސް މިނިސްޓްރީން ބުނަމުން އައީ ބޭރުގެ ސިފައިން ރާއްޖެ އާދޭތޯ ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބަލަހައްޓަމުން ގެންދާ ކަމަށެވެ.

މިއަދު ފާހަގަކުރަމުންދާ 126 ވަނަ ސިފައިންގެ ދުވަހާ ގުޅިގެން ދައުލަތުގެ މީޑިއާ، ޕީއެސްއެމްގައި ވާހަކަފުޅުދައްކަވަމުން ޑިފެންސް މިނިސްޓަރު ވިދާޅުވީ، އެކެއް ފެބްރުއަރީގެ އަމުރާ ގުޅިގެން ދިވެހި އަސްކަރިއްޔާ އޮތީ ވަރަށް ރަގަނޅަށް ތަޔާރުވެގެން ކަމަށެވެ.

އަދި ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް އެއްވެސް ބަޔަކު ވަންނަން މަސައްކަތް ކުރޭތޯ ބެލުމަށްޓަކާ ދިވެހި އަސްކަރިއްޔާގެ އިތުރުން ރާއްޖޭން ލިބެންހުރި ވަސީލަތްތައް ބޭނުން ކުރަން ޖެހުނު ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ހާއްސަ ކަނޑުގެ ސަރަހައްދަށް އެއްވެސް ބަޔަކު ވަންނަން މަސައްކަތް ކުރޭތޯ، އާދޭތޯ ބެލުމަށްޓަކާ އަޅުގަނޑުމެން ކުރަންޖެހޭ ހުރިހާ ކަމެއް ކުރީން. އަދި އެކަމަށްޓަކާ ރާއްޖޭން ލިބެންހުރި އެހެން ވަސީލަތްތައް، އެހެން އުޅަނދުތައް ބޭނުން ކޮށްގެން ވެސް ރާއްޖޭގެ ސަރަހައްދު ބަލަމުން ގެންދިޔައިން. އެކަން ކުރުމުގައި މިފަހަރު ހާއްސަ ގޮތެއްގައި މޯލްޑިވިއަންގެ ފުލައިޓް ވެސް ބޭނުންކުރިން. ކުރަންޖެހުނީމަ އެކަން ވެސް ކުރީ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު އާދަމް ޝަރީފް އިތުރަށް ވިދާޅުވީ، އެފަދަ ހާލަތްތަކުގައި އެހެން ވަސީލަތްތައް ވެސް ބޭނުން ކުރާނެ ކަމަށެވެ. އަދި އެކެއް ފެބްރުއަރީގައި ދިމާވި ކަންތައްތަކާ ގުޅިގެން އަވަށްޓެރި ގައުމުތަކުގެ އިތުރުން އަރަބި ގައުމުތަކުން ވެސް ދިވެހި އަސްކަރިއްޔާއަށް މައުލޫމާތު ހިއްސާ ކުރަމުން ގެންދެވިކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

comment ކޮމެންޓް