ރިސޯޓަކަށް ޓެރަރިސްޓް ހަމަލާއެއް ދިމާވުމުން އެރަކަށް އެރޭނެ ޚާއްސަ އުޅަނދެއް ދިވެހި ސިފައިން ތައްޔާރުކުރަނީ

އެމްއެންޑީއެފްގެ ކޯސްޓްގާޑުން މިހާރު ބޭނުން ކުރަމުންދާ ވަޒަން ނާރާ، ފާސްޓް އިންޓަސެޕްޝަން ކްރާފްޓް (އެފްއައިސީ) އުޅަނދެއް --- ސަން ފައިލް ފޮޓޯ/ މުހައްމަދު އަފްރާހް

ޓެރަރިސްޓް ހަމަލާއެއް ނުވަތަ އެނޫންވެސް ހާދިސާއެއް ރާއްޖޭގެ ރިސޯޓަކަށް ކުރިމަތިވެއްޖެނަމަ، ސިފައިންގެ ޚާއްސަ ޓީމަކާއެކު އެރަށަކަށް ގޮސް އެރޭނެ ޚާއްސަ އުޅަނދެއް ދިވެހި ސިފައިން ތައްޔާރު ކުރަމުންދާ ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަކުރާ 126 ވަނަ ސިފައިންގެ އަހަރީ ދުވަހާ ގުޅިގެން ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ ކަނޑަށް ފެތޭގޮތަށް ތައްޔާރު ކުރާ އެ އުޅަނދުގެ ޑިޒައިންގެ މަސައްކަތުން ފެށިގެން ކިއްސަރު ތައްޔާރުކޮށް ޑިޒައިން ކުރުމުގެ މަސައްކަތް ވެސް ކުރާނީ ދިވެހި އަސްކަރިއްޔާއިން ކަމަށެވެ.

އާދަމް ޝަރީފް ވިދާޅުވީ، ޗީފް އޮފް ޑިފެންސް ފޯސް މޭޖާރ ޖެނެރަލް އަހުމަދު ޝިޔާމްގެ ބެއްލެވުމުގެ ދަށުން ކުރިއަށްދާ އެ މަސައްކަތުގެ ދަށުން އުޅަނދު ބަނުމުގެ މަސައްކަތް ވެސް ކުރާނީ ސިފައިންގެ މަރުކަޒެއްގައި ކަމަށެވެ.

"މިކަމަކީ ދިވެހި އަސްކަރިއްޔާގެ ގާބިލްކަމާއި ޚިދުމަތް ދިނުމުގައި ކުރިއެރުން ދިވެހި އަސްކަރިއްޔާއަށް ލިބިގެންދާނެ ކަމެއް. އެކަން ލޯންޗު ކުރެވޭ ހިސާބުން ރާއްޖޭގެ އަސްކަރިއްޔާގެ ފަރާތުން ބޭރުގެ ދުނިޔެއަށް ވެސް ވިއްކޭނެ ޕްރޮޑަކްޓެއް ނުވަތަ އެއްޗެއް ތައްޔާރުކުރުމުގެ ޝަރަފް ލިބިގެންދާނެ،" މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވި އެވެ.

އެ އުޅަނދަކީ ދިވެހި ސިފައިންގެ އެފަދަ ފުރަތަމަ މަސައްކަތް ކަމުން އެކި ފަރާތްތަކާ ވާހަކަދައްކައިގެން ފައިސާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، މިހާރުވެސް އެ މަސައްކަތަށް ފަތުރުވެރިކަމުގެ ދާއިރާއިން 2.5 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ.

އަދި އަންނަ ހަފްތާ ތެރޭގައި އެ ފައިސާ ލިބުމާއެކު ރާއްޖޭން ބޭރުން ހޯދަންޖެހޭ ވަސީލަތްތައް ހޯދުމުގެ މަސައްކަތް ފަށާނެ ކަމަށް ވިދާޅުވި އެވެ.

"އުޅަނދު ބަނުމުގެ މަސައްކަތް ވަނީ ފެށިފައި. މި މަސައްކަތަކީ މުޅި ސިފައިންނަށް ލިބިގެންދާނެ ވަރަށް ބޮޑު ހިތްހަމަޖެހުމަކަށް ވާނެ. ހަމަގައިމުވެސް އެއީ ރާއްޖޭގެ އެކިކަންކޮޅުތަކުގައި މިހާރު ވެސް ހުރި ރިސޯޓްތަކަށް ދިމާވެދާނެ ޓެރަރިޒަމްގެ ހަމަލާއަކުން ރައްކާތެރިކުރުމަށްޓަކައި ވަރަށް މުހިންމު ފިޔަވަޅަކަށް ވެގެންދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

ނަމަވެސް މިނިސްޓަރުގެ އިންޓަވިއުގައި އެ އުޅަނދު ލޯންޗު ކުރެވޭނެ ދުވަހެއް އަދި އެ އުޅަނދުގެ ޚާއްސަ ކަމެއް ވިދާޅުވެފައެއް ނުވެއެވެ.

comment ކޮމެންޓް