ފައިނަލް ބުރުގެ ފުރަތަމަ މެޗުތައް ނިލަންދުއާއި ފޯކައިދުއަށް

މިނިވަން ޗެމްޕިއަންޝިޕްގައި ނިލަންދުއާއި ތިމަރަފުށި ބައދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ނިލަންދޫ މޮޅުވީ 2-1ގެ ނަތީޖާއަކުން --- ފޮޓޯ/ އެފްއޭއެމް

މިނިވަން ޗެމްޕިއަންޝިޕްގެ ފައިނަލް ބުރުގެ ފުރަތަމަ މެޗުތައް ފ. ނިލަންދުއާއި ށ. ފޯކައިދޫން ކާމިޔާބުކޮށްފިއެވެ.

މިއަދު ހަވީރު ކުޅުނު ގްރޫޕް އެކެއްގެ މެޗުގައި ނިލަންދޫ ވަނީ އަމިއްލަ ދަނޑުގައި ތ. ތިމަރަފުށި އަތުން މޮޅުވެފައެވެ. އެ މެޗުން ނިލަންދޫ މޮޅުވީ 2-1ގެ ނަތީޖާއަކުންނެވެ.

އެ މެޗުގައި ޖެހި ލަނޑުތައް ފެނިގެންދިޔައީ ދެވަނަ ހާފުގެ ތެރޭގައެވެ. މެޗުގެ 54 ވަނަ މިނެޓުގައި ތިމަރަފުއްޓަށް އަހްމަދު ތޯހިރު ލީޑު ހޯދައިދިން ނަމަވެސް، މެޗުގެ 86 ވަނަ މިނެޓުގައި ނިލަންދުއަށް ލިބުނު ޕެނަލްޓީއަކުން އަޒްހާން ޚަލީލް ވަނީ އެޓީމަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ. މެޗުގެ ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅު ތެރޭގައި ނިލަންދުއަށް ލީޑު ހޯދައިދިނީ އެޓީމުގެ ފުރަތަމަ ލަނޑުވެސް ކާމިޔާބުކޮށްދިން އަޒްހާނެވެ.

މިނިވަން ޗެމްޕިއަންޝިޕްގައި ފޯކައިދުއާއި ފެންފުށި ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ފޯކައިދޫ މޮޅުވީ 1-0ގެ ނަތީޖާއަކުން --- ފޮޓޯ/ އެފްއޭއެމް

އަމިއްލަ ދަނޑުގައި މިއަދު ހަވީރު ކުޅުނު ގްރޫޕް ދޭއްގެ މެޗުގައި ފޯކައިދޫން ވަނީ 1-0ގެ ނަތީޖާއަކުން އދ. ފެންފުށި އަތުން މޮޅުވެފައެވެ. އެ މެޗުގައި ފޯކައިދޫގެ ލަނޑު، މެޗުގެ 14 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ މުހައްމަދު ނަދީމެވެ.

މިނިވަން ޗެމްޕިއަންޝިޕްގެ ފައިނަލް ބުރު ކުރިއަށްދަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. ގްރޫޕް އެކެއްގައި ހިމެނެނީ ފ. ނިލަންދުއާއި، ތ. ތިމަރަފުއްޓާއި، ދ. ކުޑަހުވަދުއާއި، ގދ. ހޯނޑެއްދޫ އަދި ސ. ހިތަދުއެވެ. ގްރޫޕް އެކެއްގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ނިލަންދޫގައެވެ. ގްރޫޕް ދޭއްގައި ހިމެނެނީ ށ. ފޯކައިދުއާއި، އދ. ފެންފުއްޓާއި، އ. މާޅޮހާއި، ހއ. މުރައިދޫ އަދި ބ. ފެހެންދޫއެވެ. ގްރޫޕް ދޭއްގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ފޯކައިދޫގައެވެ.

ދެ ގްރޫޕުގެ މެޗުތަކަށްފަހު ސެމީ ފައިނަލަށް ދަތުރުކުރާނީ ކޮންމެ ގްރޫޕެއްގެ ވެސް އެއްވަނަ އަދި ދެވަނަ ޓީމެވެ. ސެމީގައި ގްރޫޕް އެކެއްގެ އެއްވަނަ ހޯދާ ޓީމާ ދެކޮޅަށް ގްރޫޕް ދޭއްގެ ދެވަނަ ހޯދާ ޓީމު ނުކުންނަން ޖެހޭ އިރު، ގްރޫޕް ދޭއްގެ އެއްވަނަ ހޯދާ ޓީމާ ދެކޮޅަށް ނުކުންނަން ޖެހޭނީ ގްރޫޕް އެކެއްގެ ދެވަނަ ހޯދާ ޓީމެވެ. ސެމީން ޖާގަ ހޯދާ ހަތަރު ޓީމަށްވެސް މިއަހަރުގެ ދިވެހި ޕްރިމިއާ ލީގުން ޖާގަ ލިބޭނެއެވެ.

މާދަމާވެސް މިނިވަން ޗެމްޕިއަންޝިޕްގެ ދެ މެޗެއް ކުޅުމަށް ހަމަޖެހިފައިވެއެވެ. ގްރޫޕް އެކެއްގައި އެންމެ ފަހުގެ ޗެމްޕިއަން ދ. ކުޑަހުވަދުއާ ދެކޮޅަށް ގދ. ހޯނޑެއްދޫ ނުކުންނަ އިރު، އއ. މާޅޮހާ ދެކޮޅަށް ހއ. މުރައިދޫ ނުކުންނާނެއެވެ.

comment ކޮމެންޓް