400 އަށްވުރެ ގިނަ އަހަރު ކުރީން ތަކަންދޫގައި އަލިތަކުރުފާނު އިންދެވި ކާނިގަހުގައި ރޯކޮށްލައިފި

މީގެ 400 ވަރަކަށް އަހަރު ކުރީން، ހއ. ތަކަންދޫގައި އުތީމް އަލިތަކުރުފާނު އިންދެވި ކަމަށް ބުނާ ކާނިގަހުގައި އަލިފާން ރޯވެފައި --- ފޮޓޯ/ ތަކަންދޫ ކައުންސިލް

މީގެ 400 ވަރަކަށް އަހަރު ކުރީން، ހއ. ތަކަންދޫގައި އުތީމް އަލިތަކުރުފާނު އިންދެވި ކަމަށް ބުނާ ކާނިގަހެއްގައި ރޯކޮށްލައިފިއެވެ.

ތަކަންދޫގެ ތާރީހު ދިރާސާ ކުރައްވާ އަހުމަދު ސަލީމް ވިދާޅުވާ ގޮތުގައި، އެގަހަކީ 433 އަހަރަށްވުރެ ގިނަ ދުވެފައިވައިވާ އަދި ޕޯޗުގީޒުން އެރަށަށް ހަނގުރާމަ ކުރަން ދިޔައިރުވެސް ހުންނަ ގަހެކެވެ.

ތަކަންދޫ ކައުންސިލްގެ ނައިބް ރައީސް އައިޝަތު އާސިފާ މިއަދު ވިދާޅުވީ، ދިގުކޮށް ހެދިފައި ހުރި ނަމަވެސް ހިކިފައިވާ އެ ކާނިގަހުގައި ރޯކޮށްލާފައިވަނީ މިއަދު މެންދުރުފަހު ގާތްގަނޑަކަށް 3:45 އެހާކަންހާއިރު ކަމަށާއި އަދިވެސް އަލިފާންގަނޑު ކޮންޓްރޯލް ނުވާ ކަމަށެވެ.

އެގޮތުން، މިހާރުވެސް ގަހުގެ ގާތްގަނޑަކަށް 90 ޕަސެންޓް އަދާފައިވާ ކަމަށާއި ގަސް ވެއްޓެން ކައިރިވެފައިވާ ކަމަށް ވިދާޅުވި އެވެ.

މީގެ 400 ވަރަކަށް އަހަރު ކުރީން، ހއ. ތަކަންދޫގައި އުތީމް އަލިތަކުރުފާނު އިންދެވި ކަމަށް ބުނާ ކާނިގަހުގައި އަލިފާން ރޯވެފައި --- ފޮޓޯ/ ތަކަންދޫ ކައުންސިލް

ތަކަންދޫ ފާލަމުން އަރައިގެން އަންނައިރު އަތިރިމަތީގައި ހުންނަ އެގަހުގައި ރޯވެފައިވާ އަލިފާން ނިއްވާލުމަށް ރައްޔިތުންނާއި ފުލުހުން މަސައްކަތް ކުރަމުންދާއިރު، އާސާރީ އެ ގަހުގައި އަލިފާން ރޯކޮށްލި ސަބަބެއް އަދި އެކަން ކުރި ބައެއްވެސް ނޭނގޭ ކަމަށް ކައުންސިލުން ބުނެ އެވެ.

ހެރިޓޭޖް ޑިޕާޓްމަންޓުން ރަށްރަށުގައި ހުރި އާސާރީ ތަންތަނުގެ ލިސްޓުގައި ހިމެނޭ އެ ކާނިގަހަކީ، ތަކަންދޫގައި ޝަހީދުކޮށްލާފައިވާ އަލިތަކުރުފާނުގެ ޒިޔާރަތުގެ ހުޅަނގުން އަތިރިމަތީގައި ހުންނަ ގަހެކެވެ.

ނަމަވެސް އެ ގަސް ހިމާޔަތް ކުރުމަށް ވަކި ހާއްސަ ކަމެއް ނުވަތަ ފަށައިގެން ފާރެއް ނުވަތަ ފެންސެއް ޖަހައިފައެއް ނުހުރެއެވެ.

comment ކޮމެންޓް