މިފަހަކަށް އައިސް ނާރާ ވަރަށް ފުވައްމުލަކަށް ރާޅު އަރައިފި

ފުވައްމުލައް ސިޓީގެ ނައިބު ތުއްތު ބޮޑު މަގަށް ރާޅު އަރާފައި: މިފަހަކަށް އައިސް ނާރާ ވަރަށް ފުވައްމުލަކަށް ދަނީ ރާޅު އަރަމުން ---

މީގެ ގާތްގަނޑަކަށް 15 ވަރަކަށް އަހަރުގެ ތެރޭގައި ވެސް ނާރާ ވަރަށް، ޏ. ފުވައްމުލަކަށް ރާޅު އަރައި ގެއްލުންތަކެއް ވެއްޖެ އެވެ.

މީގެ ކުރީން ވެސް ބައެއް މޫސުންތަކުގައި ފުވައްމުލަކުގެ ބޮޑުބަޔަކަށް ދެވޭ ގޮތަށް އޮންނަ ނައިބު ތުއްތު ބޮޑު މަގަށް ރާޅު އަރައެވެ. ނަމަވެސް ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި އެމަގަށް މީން އަހަރަކު ވެސް ނާރާ ވަރަށް ރާޅު އަރާފައިވާ ކަމަށް އެސިޓީގެ ކައުންސިލުން ބުނެ އެވެ.

ފުވައްމުލަކު ސިޓީގެ މޭޔަރު އަބްދުﷲ ފަލާހް ޝަރީފް މިއަދު ވިދާޅުވީ، ރޭ ފަތިހުން ފެށިގެން ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އެރަށުގެ އެކި ދިމަ ދިމާލަށް އުދައަރަމުންދާ ކަމަށެވެ. އަދި މިއަދު މެންދުރު ފަހު އާދަޔާ ހިލާފަށް ބޮޑަށް އުދަ އަރާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ފުވައްމުލައް ސިޓީގެ ނައިބު ތުއްތު ބޮޑު މަގަށް ރާޅު އަރާފައި: މިފަހަކަށް އައިސް ނާރާ ވަރަށް ފުވައްމުލަކަށް ދަނީ ރާޅު އަރަމުން ---

އެގޮތުން، އެންމެ ބޮޑަށް އުދަ އަރާފައިވަނީ އެރަށު ފަޔާ ސްޓޭޝަނުން ފެށިގެން ކްރިކެޓް ސްޓޭޑިއަމާ ދެމެދު، ނައިބު ތުއްތު ބޮޑު މަގަށް ކަމަށާއި އަދި އެ ސަރަހައްދުގައި ހުރި ފުލުހުންގެ އިމާރާތުގެ ތެރެއަށް ވެސް ލޮނު ވަދެފައިވާ ކަމަށް ފަލާހު ވިދާޅުވި އެވެ.

"އުދަ އެރި ހިސާބުގައި ހުރި ފުޑް ގާޑިއާތަކުގެ ތެރެއިން ދެ ގާޑިއާއަކަށް ގެއްލުންވި. ޕޮލިސް ސްޓޭޝަން ތެރޭގައި އޮތީވެސް ލޮނު. މީގެ ކުރީން އެހާ ބޮޑަކަށް ރަށު ތެރެއަކަށް ނާރާ. ބުނެވިދާނެ ފާއިތުވެދިޔަ ގާތްގަނޑަކަށް 10 ނުވަތަ 15 އަހަރުގެ ތެރޭގައި މިވަރަކަށް ނާރައޭ،" ފުވައްމުލަކު ސިޓީގެ މޭޔަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ރަށު ތެރެއަށް އިތުރަށް ރާޅު އަރައި ގެއްލުންތަކެއް ލިބުމުގެ ކުރީން ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރާއި އަދިވެސް ސިޓީގެ އެކި މުއައްސަސާތަކުގެ އެހީގައި ކުރެވެން ހުރި ކަންކަން ކުރަމުންދާ ކަމަށެވެ.

އެގޮތުން އުދަ އަރާ ސަރަހައްދުތައް ފާހަގަކޮށް، އެ ސަރަހައްދުތަކުގައި ޖަމްބޯ ބޭޖް ޖެހުމައް ތައްޔާރު ވަމުންދާ ކަމަށް ފަލާހު ވިދާޅުވި އެވެ. އޭނާ ދާޅުވީ، ޖަމްބޯ ބޭޖް ޖެހުމުގައި ވެސް ބޮޑަށް ރަށުގެ ގިރާ ސަރަހައްދަށް އިސްކަންދޭނެ ކަމަށެވެ.

comment ކޮމެންޓް