އެކެއް ފެބްރުއަރީގެ އަމުރަކީ ނުރައްކާތެރި ހަމަލާއެއް، ހަމަޖެހުން ލިބުނީ ސިފައިންގެ އިހްލާސްތެރިކަމުން: ރައީސް

ސިފައިންގެ އަހަރީ ދުވަސް ފާހަގަކުރުމަށް މިދިޔަ އަހަރު ބޭއްވި ހަފްލާގެ ތެރެއިން ރައީސް ޔާމީން(ކ) އަދި ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ފެބްރުއަރީ އެއްވަނަ ދުވަހުގެ ރޭ ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުން ސޮއިކުރައްވައި ނުރެނު އަމުރަކީ ދިވެހި ގައުމަށް ކުރިމަތިވި ނުރައްކާތެރި ހަމަލާއެއް ކަމަށާއި އެ ހަމަލާއިން ﷲގެ ވާގިފުޅާ އެކު ސަލާމަތްވެ ހަމަޖެހުން ލިބުމުގެ އެއް ސަބަބަކީ ސިފައިން ދެއްކެވި އިހްލާސްތެރިކަން ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ސިފައިންގެ ދުވަހާ ގުޅިގެން ސިފައިންނަށް ރައީސް ފޮނުއްވެވި ތަހުނިޔާގެ ހިތާބުގައި ވިދާޅުވެފައި ވަނީ މިއަދު ދިވެހި ދައުލަތް ދިފާއުކުރަން ޖެހިފައި ވަނީ ހަމައެކަނި ބޭރުގެ ދުޝަމްނުންގެ ކިބައިން ނޫން ކަމަށާއި ރާއްޖޭގެ އެތެރޭގައި ވެސް ޣައިރު ގާނޫނީ އަމަލު ހިންގައި ވެރެކަމާ ތޮޅެން އުޅޭ ފަރާތްތަކުގެ ފުށުން ވެސް މި ގައުމު ސަލާމާތް ކުރަން ޖެހޭ ކަމަށެވެ.

"މިދެންނެވީ އަޅުގަނޑުމެން ތަސައްވަރު ވެސް ނުކުރާ ގޮތްގޮތަށް ދައުލަތުގެ މުހިންމު ބާރުތަކުގެ ބޭނުން ނާޖާއިޒު ގޮތުގައި ހިފައިގެން ދައުލަތާ ދެކޮޅަށް ތެދުވުންތައް އިތުރުވަމުން އަންނާތީ އެވެ،" ހިތާބުގައި ރައީސް ވިދާޅުވެފައިވެ އެވެ.

ރައީސް ވަނީ، ފެބްރުއަރީ އެއް ވަނަ ދުވަހުގެ ރޭ ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުން ސޮއިކުރައްވައި ޖަލަށް ލުމަށް ހުކުމްކޮށްފައިވާ ބައެއް ސިޔާސީ ލީޑަރުން ދޫކޮށްލުމަށް ކުރި އަމުރަކީ ގައުމަށް ކުރިމަތިވި ނުރައްކާތެރި ހަމަލާއެއްގެ ގޮތުގައި ސިފަކުރައްވައިފަ އެވެ. އަދި ހަމަލާއިން ސަލާމަތްވުމުގައި ސިފައިން ދެއްކެވި އިހްލާސްތެރިކަން ރައީސް ފާހަގަކުރެއްވި އެވެ.

"ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހު ސުމްރީމް ކޯޓުން ނެރުއްވި އަމުރާ ގުޅިގެން ދިވެހި ސިފައިން ދެއްކެވި ހިތްވަރާއި ސާބިތުކަމަށް ޓަކައި އައްސަރިބަހާއި ސާބަސް ދަންނަވަމެވެ. ހަގީގަތުގައި އެއީ ގައުމަށް ކުރިމަތިވި ނުރައްކާތެރި ހަމަލާއެކެވެ. އެ ހަމަލާއިން މާތްﷲގެ ވާގިފުޅާ އެކު އަޅުގަނޑުމެން ސަލާމަތްވެ، ގައުމަށް ހަމަޖެހުން ލިބުމުގެ އެއް ސަބަބަކީ ދިވެހި ސިފައިން ދެއްކެވި އިހުލާސްތެރިކަމެވެ،" ރައީސް ވިދާޅުވެފައިވެ އެވެ.

އެންމެ މަތިވެރި ގައުމީ ހިދުމަތަކީ މާތްވެގެންވާ އިސްލާމްދީނާއި ވަތަނަށް ޓަކައި އަމިއްލަ ނަފްސާއި ފުރާނައިން ގުރުބާންވުންކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ކާބަފައިން އަޅުގަނޑުމެނާ ހަމައަށް ގެނަސްދެއްވި 100 ޕަސެންޓް އިސްލާމް ކަމާއި މިނިވަންކަން އެ ގޮތުގައި އަންނަން އޮތް ޖީލުތަކަށް ގެންގޮސްދިނުމަކީ ބޮޑު މައްސޫލިއްޔަތެއް ކަމަށެވެ.

comment ކޮމެންޓް