އެމްއެންޑީއެފުން ހިތަދޫގައި މިއަދު ކުރިއަށް ގެންދަން ނިންމި ދުވުން ކެންސަލް ކޮށްފި

އައްޑޫ ސިޓީގެ ފުއްޓަރު ފަރާތް: އެ ސަރަހައްދަށް މޫދަށް އެރި އުޅުނު ދެ ކުއްޖަކު ގެއްލިގެން ހޯދަމުން ދަނީ --- ފޮޓޯ: ސަމާހް

އައްޑޫ ސިޓީ ހިތަދޫ ފުއްޓަރު ފަރާތަށް މޫދަށް އެރިއުޅުނު ދެ ކުދިން ގެއްލުމާ ގުޅިގެން އެމްއެންޑީއެފުން އެ ރަށުގައި މިއަދު ކުރިއަށް ގެންދިއުމަށް ނިންމާފައިވާ "އެމްއެންޑީއެފް 126 ރަން" ކެންސަލްކޮށްފި އެވެ.

އެމްއެންޑީއެފްގެ ތަރުޖަމާނު އިބްރާހިމް އާޒިމް ވިދާޅުވީ އެމްއެންޑީއެފްގެ އަހަރީ ދުވަހާ ގުޅިގެން ސަދަން އޭރިއާ އިން ހިތަދޫގައި މިއަދު ހަވީރު ބާއްވާން ނިންމާފައިވާ ދުވުން ކެންސަލް ކޮށްފައިވާ ކަމަށެވެ. ސަބަބެއްގެ ގޮތުގައި އާޒިމް ފާހަގަކުރެއްވި އެ ދެ ކުދިން އަދި ވެސް ފެނިފައިނުވާތީ އެ ކުދިން ހޯދުމުގެ މަސައްކަތުގައި ސަދަން އޭރިއާގެ ގިނަ އަދަދެއްގެ ސިފައިން ބައިވެރިވަމުން އަންނާތީ ކަމަށެވެ.

ކެންސަލް ކުރި ދުވުން އަލުން ބާއްވާނެ ދުވަހެއް ފަހުން އަންގާނެ ކަމަށް އާޒިމް ވިދާޅުވި އެވެ.

މިއަދު ހެނދުނު ހިތަދޫ ފުއްޓަރު ފަރާތަށް މޫދަށް އެރިއުޅެނިކޮށް ތިން ކުއްޖަކު ގެއްލުނު ކަމުގެ ރިޕޯޓް ކުރުމާ ގުޅިގެން އެމްއެންޑީއެފުން އަންނަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ. ތިން ކުދިންގެ ތެރެއިން އެއް ކުއްޖަކު ފެނިފައިވާ އިރު އެ ކުއްޖާއަށް މިހާރު އަންނަނީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ. އަދި އަނެއް ދެ ކުދިން ހޯދުމުގެ މަސައްކަތް ސިފައިން ކުރަމުން އަންނަ އިރު އެމްއެންޑީއެފްގެ ކުރަނގި ހެލިކޮޕްޓަރުން އެ ސަރަހައްދު ބަލަމުންދާ ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.

comment ކޮމެންޓް