700 އަހަރުވީ ނިކަ ގަހެއް ކަތުރުފަނިން ސަލާމަތް ކުރުމަށްޓަކައި އައިވީ ގުޅައިފި

ނިކަ ގަހުގައި ޕެސްޓިސައިޑު އަޅާފައިވާ އައިވީ ފުޅިތަކެއް ގުޅާފައި -- ފޮޓޯ: ހިންދުސްތާންޓައިމްސް

އިންޑިއާގެ ތެލަންގަނާގައި ހުންނަ 700 އަހަރުވީ ނިކަ ގަހެއް ކަތުރުފަނިން ސަލާމަތް ކުރުމަށްޓަކައި، ފަނި ފަކްސާ މަރާ ބޭސް އަޅާފައިވާ އައިވީ ފުޅިތަކެއް އެގަހާ ގުޅައިފި އެވެ.

ދުނިޔޭގެ ދެވަނައަށް އެންމެ ދުވަސްވީ ނިކަ ގަސް ކަމަށް ބެލެވޭ އެގަސް ބަލާލުމަށް ގިނަ އަދަދަކަށް ފަތުރުވެރިންދެ އެވެ. ނަމަވެސް މިދިޔަ ޑިސެމްބަރު މަހު އެގަހުގެ ގޮފިގަނޑަކުން ކަތުރުފަނި ފެނުމުން އެގަސް ހުންނަ ސަރަހައްދު ވަނީ ބަންދުކޮށްފަ އެވެ.

ތެލަންގަނާގެ ފޮރެސްޓްރީ ޑިޕާޓްމެންޓުގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި ފަނިފަކްސަ މަރާ ބޭސް އަޅާފައިވާ އައިވީ ފުޅި ބޭނުންކޮށްގެން ގަހަށް 'އިންޖެކްޓު' ކުރުމަށް ސައިންސުވެރިން ނިންމީ ގަހުގެ ކުދި ގޮފިތައް ރައްކާތެރި ކުރުމަށް ޓަކައެވެ.

އެގޮތުން މިހާރު ކަތުރުފަނި ހުރި ގޮފިތަކުގައި ލޯވަޅުތައް ހަދައި، އެލޯވަޅުތަކުން ބޭސް އިންޖެކްޓު ކުރަމުންދާ ކަމަށް އެޑިޕާޓްމެންޓުން ބުންޏެވެ. އޭގެ ތެރެއިން ކޮންމެ ލޯވަޅެއް ހަދާފައި ވަނީ ދެމީޓަރު ދުރުގަ އެވެ. އަދި އެގަހަށް ބޭސް ދެނީ އެތައް ސަތޭކަ އައިވީ ފުޅި ބޭނުންކޮށްގެންނެވެ.

މީގެ އިތުރުން އެގަހުގައި އިތުރަށް ކަތުރު ފަނި ފެތުރުން ހުއްޓުވުމަށް ޓަކައި ގަހުގެ މޫތަކަށާއި ވަށައިގެންވާ ސަރަހައްދަށް ވެސް ބޭސް ޖަހަމުންދާ ކަމަށް ފޮރެސްޓްރީ ޑިޕާޓްމެންޓުން ބުންޏެވެ.

ތެލުގޫ ބަހުން "ކުޑަކުދިންގެ ނިކަ ގަހުގެ" ނަން ދީފައިވާ އެގަހުން ކަތުރު ފަނި ނައްތާލެވޭނީ ދެތިން މަސް ފަހުން ކަމަށް އެޑިޕާޓްމެންޓުން ލަފާ ކުރެ އެވެ.

ނިކަ ގަހަކީ އިންޑިއާގެ ގައުމީ ގަހަށް ވުމުގެ އިތުރުން އެއީ ހިންދޫ ދީނުގައި މާތް ކަމަށް ދެކޭ ގަހެކެވެ.

comment ކޮމެންޓް