Sun Online
"ތޯރ"، "ޖެކީ" އަދި "އެނިހިލޭޝަން" ފަދަ ފިލްމުތަކުގައި ފެނިގެން ގޮސްފައިވާ ބަތަލާ ނަޓަލީ ޕޯޓްމަން ---
"ތޯރ"، "ޖެކީ" އަދި "އެނިހިލޭޝަން" ފަދަ ފިލްމުތަކުގައި ފެނިގެން ގޮސްފައިވާ ބަތަލާ ނަޓަލީ ޕޯޓްމަން ---

އިސްރާއީލުގައި ބާއްވާ އެވޯޑް ހަފްލާއެއްގައި ބައިވެރިވާން ނަޓަލީ ދެކޮޅު ހަދައިފި

މުހައްމަދު ސިމާއު
ލިޔުނީމުހައްމަދު ސިމާއު

އިސްރާއީލުގައި ބާއްވާ އެވޯޑް ހަފްލާއެއްގައި ދޭ މިލިއަން ޑޮލަރުގެ އަގުހުރި އިނާމަކާ ހަވާލުވާން ހޮލީވުޑްގެ މަޝްހޫރު ބަތަލާ ނަޓަލީ ޕޯޓްމަން އަށް ދިން ދައުވަތަށް އޭނާ ދެކޮޅު ހަދައިފި އެވެ.

އެކަން ކަށަވަރުކޮށް، ޖެނެސިސް ޕްރައިޒް ނަމަކަށް ކިޔާ އެ އެވޯޑް ހަފުލާ ބާއްވާ ފައުންޑޭޝަނުން ބުނީ، އެވޯޑް ހަފްލާގައި ބައިވެރިވާން ނަޓަލީ ޕޯޓްމަން ދެކޮޅު ހެދީ މިފަހުން އިސްރާއީލުގައި ހިންގި ކަންތައްތަކުގެ ސަބަބުން ކަމަށެވެ. އަދި މިހާރު އެވޯޑް ހަފްލާ ކެންސަލް ކޮށްފައިވާ ކަމަށް ބުނެފައިވެ އެވެ.

"އިސްރާއީލުގައި މިފަހުން ހިންގި ކަންތައްތަކުގެ ސަބަބުން އޭނާ (ޕޯޓްމަން) އަށް ވަނީ ވަރަށް އަސަރުކޮށްފައި. އެހެންކަމުން އިސްރާއީލުގައި ބާއްވާ އެއްވެސް އާންމު ހަފްލާއެއްގައި ބައިވެރިވުމަކީ އޭނާ އެހާ ބޭނުންވާ ކަމެއް ނޫން،" ޕޯޓްމަންގެ ފަރާތުން ވާހަކަ ދެއްކި މީހަކާ ހަވާލާދީ އެވޯޑް ހަފްލާ ބާއްވާ ފައުންޑޭޝަނުން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

ޕޯޓްމަންއަކީ ގުދުސް އަށް އުފަންވި ނަމަވެސް އުމުރުން އެންމެ ތިން އަހަރުން ފެށިގެން އެމެރިކާގައި ދިރިއުޅެމުންދާ ރައްޔިތެކެވެ. އަދި ގުދުސްގައި ބާއްވާ އެވޯޑް ހަފްލާއަށް ނުދިޔަ ސީދާ ސަބަބެއް އޭނާގެ ފަރާތުން ބުނެފައެއް ނުވެ އެވެެ.

ނަމަވެސް އިސްރާއީލުގެ ބޯޑަރު ހިމާޔަތް ކުރަން ކަމަށް ބުނެ، ޣައްޒާ- އިސްރާއީލު ގުޅޭ ބޯޑަރު ކައިރިއަށް އެއްވެ މުޒާހަރާ ކުރާ ފަލަސްތީނު ރައްޔިތުންނާ ދެކޮޅަށް ބޭނުންކުރާ ހަރުކަށި އަދި އަނިޔާވެރި އަމަލުތަކުގެ ސަބަބުން އިސްރާއީލަށް ދަނީ ބައިނަލްއަގްވާމީ ފާޑުކިޔުންތައް އަމާޒު ވަމުންނެވެ.

އެވޯޑް ހަފްލާ ރާވައި ފައުންޑޭޝަނުން ނެރުނު ބަޔާނުގައި އިތުރަށް ބުނެފައި ވަނީ، އިންސާނިއްޔަތައް ޕޯޓްމަން ކުރާ މަސައްކަތަށް ތަރުހީބުދޭ ކަމަށާއި އިސްރާއީލް ސަރުކާރުގެ ޕޮލިސީތަކާ ފާޅުގައި ދެކޮޅު ހެދުމުން އެކަމަށް ވެސް އިހްތިރާމް ކުރާ ކަމަށެވެ.

ނަމަވެސް ޖެރުސަލަމްގައި ބާއްވާ އެވޯޑް ހަފްލާގައި ސިޔާސީ ސަބަބަކަށް ޓަކައި ޕޯޓްމަން ބައިވެރި ނުވުމުން ހިތާމަ ކުރާ ކަމަށާއި ޕޯޓްމަންގެ އެ ނިންމުމާ ގުޅިގެން، ވެލްފެއާގެ މަގުސަދުގައި އެ ފައުންޑޭޝަނުން ބާއްވާ އެވޯޑް ހަފްލާ ސިޔާސީ ވެދާނެ ކަމަކަށް ޓަކައި ޖެހިލުންވާ ކަމަށް ވެސް ބުނެފައިވެ އެވެ.

ޖެނެސިސް ޕްރައިޒް އަކީ ޔަހޫދީ މުޖުތަމައުތަކަށް އެހީތެރިކަމާއި އެއްބާރުލުންދޭ ފަރާތްތަކަށް 2014 ވަނަ އަހަރުން ފެށިގެން ދެމުންދާ އެވޯޑެވެ.

infinity loading...
×
DB released 01.