ރާނީ އެލިޒަބަތަށްފަހު ކޮމަންވެލްތުގެ އެންމެ އިސްވެރިއަކަށް ވެވަޑައިގަންނަވާނީ ޕްރިންސް ޗާލްސް

އިނގިރޭސި ރާނީ އެލިޒަބަތު 2 އަދި އެކަމަނާގެ ފިރިހެން ދަރިކަނލުން އަދި އެކަމަނާއަށްފަހު އިނގިރޭސި ވެރިކަމުގެ ތަހުތައް ވަޑައިގަންނަވަން ހުންނެވި ޕްރިންސް ޗާލްސް (ކ) އެކުގައި ---

ކޮމަންވެލްތުގެ އެންމެ އިސްވެރިޔާގެ މަގާމުގައި މިހާރު ހުންނެވި އިނގިރޭސި ރާނީ އެލިޒަބަތު 2 އަށްފަހު އެ ޖަމިއްޔާގެ އިސްވެރިއަކަށް ވެވަޑައިގަންނަވާނީ ޕްރިންސް ޗާލްސް ކަމަށް ކޮމަންވެލްތުގެ ލީޑަރުން ނިންމައިފިކަމަށް މަސްދަރުތަކުން ބުނެފި އެވެ.

ކޮމަންވެލްތުގެ އެންމެ އިސްވެރިޔާގެ މަގާމަކީ ވާރުތަވާ މަގާމެއް ނޫނެވެ. އެހެންކަމުން ރާނީ އެލިޒަބަތު 2 އަށްފަހު އިނގިރޭސި ވެރިކަމުގެ ތަހުތައް ވަޑައިގަންނަވަން ހުންނެވި ޕްރިންސް ޗާލްސްއަށް ކޮމަންވެލްތުގެ މަގާމެއް ނުލިބޭނެއެވެ. އޭގެ ބަދަލުގައި ކޮމަންވެލްތުގެ 53 ގައުމެއްގެ ލީޑަރުންގެ މެދުގައި އެ މަގާމު ދައުރުވުން ގާތެވެ.

ނަމަވެސް ލަންޑަނުގައި މިހާރު ކުރިއަށްދާ ކޮމަންވެލްތުގެ އެންމެ އިސްވެރިންގެ ބައްދަލުވުމުގައި، އުމުރުފުޅުން 91 އަހަރުގެ ރާނީ އެލިޒަބަތު 2 ވަނީ، އެކަމަނާގެ ފިރިހެން ދަރިކަނލަކަށް ކޮމަންވެލްތުގެ އިސްވެރިޔާގެ މަގާމު ފުރުއްވުމަށް ލިބިވަޑައިގަތުމަކީ ވަރަށް ބޮޑު އުއްމީދެއް ކަމަށް ވިދާޅުވެފައެވެ.

ޝާހީ އާއިލާއާއި ކޮމަންވެލްތުގެ މަސްދަރުތަކާއި ހަވާލާދީ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި، އެކަމާ ގުޅޭގޮތުން ކޮމަންވެލްތު ގައުމުތަކުގެ ލީޑަރުން ވަނީ ވިންޑްސޯ ކާސަލްގައި ސިއްރު ބައްދަލުވުމެއް ބާއްވައިފައެވެ.

އަދި އެ ބައްދަލުވުމުގައި ރާނީ އެލިޒަބަތު 2 އަށްފަހު ކޮމަންވެލްތުގެ އެންމެ އިސްވެރިޔާގެ މަގާމަށް ދެން ވަޑައިގަންނަވާނީ ޕްރިންސް ޗާލްސް ކަމަށް ވަނީ ނިންމަވައިފައެވެ.

ކޮމަންވެލްތުގެ އެންމެ އިސްވެރިއަކަށް ޕްރިންސް ޗާލްސް އައްޔަން ކުރައްވަން އެ ޖަމިއްޔާގެ ގައުމުތަކުގެ ލީޑަރުން މިއަދު ތާއީދު ކުރެއްވިއިރު، އިނގިރޭވިލާތުގެ ބޮޑުވަޒީރު ތެރީސާ މޭ އަދި ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ ވަނީ އެކަމަށް މާކުރިން ތާއީދު ކުރައްވައިފައެވެ.

މަސްދަރުތަކާ ހަވާލާދީ ބީބީސީގެ ޑިޕްލޮމެޓިކް ކޮރެސްޕޮންޑެންޓް ޖޭމްސް ލަންޑޭލް ބުނީ، ލަންޑަނުގައި ކުރިއަށްދާ ކޮމަންވެލްތުގެ އިސްވެރިންގެ ބައްދަލުވުން ނިމުމުގެ ކުރީން، ކޮމަންވެލްތުގެ އިސްވެރިއަކަށް ޕްރިންސް ޗާލްސް އައްޔަން ކުރައްވަން ނިންމެވިކަން ރަސްމީކޮށް އިއުލާންކޮށް ބަޔާނެއް ނެރޭނެ އެވެ.

ކޮމަންވެލްތުގެ އެންމެ އިސްވެރިޔާގެ މަގާމަކީ ރަމްޒެއްގެ ގޮތުގައި އިންނަ މަގާމެކެވެ. އަދި އެ މަގާމުގައި ހުރެވޭނެ ވަކި މުއްދަތެއް ނޯވެއެވެ.

comment ކޮމެންޓް