35 އަހަރަށް ފަހު ސައުދީގައި ސިނަމާތައް ހުޅުވާލީ ބްލެކް ޕެންތާއާއެކު

ސައުދީ އަރަބިއާގެ ރިޔާދުގައި ބުދަ ދުވަހުގެ ރޭ ވަނީ ވީއައިޕީ ގެސްޓުންނަށް ބްލެކް ޕެންތާ ބަލާލުމަށް ފުރުސަތު ދީފައި -- ފޮޓޯ: ޑީޕީއޭ

ރިޔާޒު (އޭޕްރިލް 20): ސައުދީ އަރަބިއާގައި 35 އަހަރަށް ފަހު، ފުރަތަމަ ފަހަރަށް ސިނަމާއެއްގައި ފިލްމު ބަލާލުމުގެ ފުރުސަތު އާންމުންނަށް ހުޅުވާލައިފިއެވެ.

އެމެރިކާގެ އޭއެމްސީ އެންޓަޓެއިންމެންޓް ހޯލްޑިންސްއިން ވެރިރަށް ރިޔާޒުގައި ހިންގާ ސިނަމާއެއްގައި މިއަދު ދައްކަން ފަށާފައި ވަނީ ޑިޒްނީގެ ކާމިޔާބު ފިލްމު ބްލެކް ޕެންތާއެވެ.

މީގެ ކުރިން ބުދަ ދުވަހެގެ ރޭ އެ ސިނަމާގައި ވަނީ ސަރުކާރުން ދައުވަތު ދިން ވީއައިޕީ ގެސްޓުންތަކަކަށް އެފިލްމު ބަލާލުމުގެ ފުރުސަތު ދީފައެވެ. އޭގެ ތެރޭގައި ސަރުކާރުގެ މިނިސްޓަރުންނާއި ޑިޕްލޮމެޓުންނާއި މަޝްހޫރު އެހެނިހެން ފަރާތްތައް ހިމެނުނެވެ. އަދި އެސިނަމާގައި އަންހެނުންނާއި ފިރިހެނުން އިށީނދެ ތިބުމަށް ވަކި ގޮނޑިތަކެއް ޚާއްސަކޮށްފައި ނެތްކަމަށް ސައުދީއިން ބުނެއެވެ.

ސައުދީ ސަރުކާރުން އޭއެމްސީ އެންޓަޓެއިންމެންޓާއެކު ހަދާފައިވާ އެއްބަސްވުމުގެ ދަށުން ކުރިއަށް އޮތް ފަސް އަހަރު ތެރޭ އެގައުމުގެ 15 ސިޓީއެއްގައި 40 ތިއޭޓަރު ހުޅުވުމުގެ އިތުރުން، 2030 އަންނަންވާއިރަށް 25 ސިޓީއެއްގައި 100 ސިނަމާ ހުޅުވާނެއެވެ.

ސައުދީ އަރަބިއްޔާގެ ސިނަމާތައް 1970 ގެ އަހަރުތަކުގައި ބަންދު ކުރި ފަހުން އެގައުމުގައި ސިނަމާތައް ހުޅުވަން ހުއްދަ ދޭން ނިންމީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގައެވެ. އަދި އެ ސިނަމާތަކުގައި ދައްކާނީ އެގައުމުގެ ސަގާފަތާ، އިންފޮމޭޝަން ޕޮލިސީއާ ފުށުނާރާ ފިލްމުތައް ކަމަށް ސައުދީ އަރަބިއްޔާގެ ކަލްޗާ އެންޑް އިންފޮމޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ.

އެއީ އެ ގައުމު އިގުތިސާދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ކުރިއެރުވުމަށް ވަލީއަހުދު މުހައްމަދު ބިން ސަލްމާން އިސްވެ ހުންނަވައިގެން ކަނޑައަޅާފައިވާ ވިޝަން 2030ގެ ދަށުން ގައުމަށް ގެނައި އިސްލާހީ ބަދަލެކެވެ.

comment ކޮމެންޓް