އެންމެ ނުފޫޒުގަދަ މީހުންގެ ތެރޭގައި ދީޕިކާ ހިމެނިއްޖެ

ދީޕިކާ ޕަދުކޯން --

"ޓައިމްސް" އިން ހޮވި އަހަރުގެ އެންމެ ނުފޫޒުގަދަ 100 މީހުންގެ ތެރޭގައި ބޮލީވުޑްގެ ކުޅަދާނަ ތަރި ދީޕިކާ ޕަދުކޯން ހިމެނިއްޖެއެވެ.

ފިލްމު "ޕަދްމާވަތު"ގެ ކާމިޔާބީ ފާހަގަކުރަމުން އަންނަ ބަތަލާއަކީ އެ ލިސްޓުގައި ހިމެނުނު އިންޑިއާގެ ހަމައެކަނި އަންހެން ފަންނާނެވެ. އެ ލިސްޓުގައި ހިމެނުނު އެހެން ފަންނާނުންނަށް ބަލާލާއިރު ނިކޯލް ކިޑްމަން، ގަލް ގަޑޮޓް، ޕްރިންސް ހެރީ، މޭގަން މާކްލް، އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް، ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ، ސައުދީ އަރަބިއާގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން، ޗައިނާގެ ރައީސް ޝީ ޖިންޕިން އަދި އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގ އުން ފާހަގަކޮށްލެވެއެވެ.

އޭގެ އިތުރުން އެ ލިސްޓުގައި އިންޑިއާ ކްރިކެޓް ޓީމުގެ ކެޕްޓަން ވިރާޓް ކޯލީއާއި މައިކްރޯސޮފްޓުގެ ސީއީއޯ ސަތިޔާ ނަޑެއްލާ އަދި އޯލާ ގެ ކޯފައުންޑާ ބާވިޝް އަގަރްވާލްވެސް ވަނީ ހިމެނިފައެވެ.

ދީޕިކާ ވަނީ އެންމެ ނުފޫޒުގަދަ މީހުންގެ ތެރޭގައި ހިމެނުމުން އެކަމާ ވަރަށް ބޮޑަށް އުފާކުރާ ކަމަށް ބުނެ ޓައިމްސްއަށް ޝުކުރު އަދާކޮށްފައެވެ. އަދި ބޮލީވުޑާއި ހޮލީވުޑްގެ ފަންނާނުންވެސް އަންނަނީ ދީޕިކާއަށް މަރުހަބާ ކިޔަމުންނެވެ.

ދީޕިކާއަށް ތައުރީފުކުރަމުން އޭނާގެ ފުރަތަމަ ހޮލީވުޑް "ޓްރިޕްލް އެކްސް: ރިޓާން އޮފް ޒެންޑާ ކޭޖް”ގެ ކޯސްޓާ ވިން ޑީސަލް ޓައިމްސްއަށް ބުނެފައި ވަނީ ދީޕިކާއަކީ ތަފާތު ފަންނާނެއް ކަަމަށާއި، އެފަދަ ސިފަތަކެއް ހުރި އެކްޓަރެއް ފެންނާނީ މަދުން ކަމަށެވެ.

އެންމެ ނުފޫޒުގަދަ މީހުންގެ ލިސްޓުގައި ދީޕިކާ ހިމެނިފައި ވާއިރު، މި އަހަރު ރިލީޒް ކުރި "ޕަދްމާވަތު"ގައި އޭނާގެ ފަރާތުން ފެނުނު މޮޅު އެކްޓިންއަށް އަދިވެސް ގިނަ ބަޔަކު އަންނަނީ ތައުރީފު ކުރަމުންނެވެ. "ޕަދްމާވަތު"އަށް މިހާތަނަށް ހަ ބިލިޔަން ރުޕީސްގެ އާމްދަނީއެއް ލިބިފައި ވާއިރު، އެއީ މި އަހަރު ނުކުތް އެންމެ ކާމިޔާބު ފިލްމެވެ.

ދީޕިކާއަކީ މިވަގުތު ބޮލީވުޑްގައި ހުރި އެންމެ އަގުބޮޑު އަންހެން އެކްޓަރެވެ. އޭގެ އިތުރުން ދީޕިކާ 18 ބްރޭންޑެއް އެންޑޯސްކޮށްފައި ވާއިރު، ދީޕިކާގެ ސޯޝަލް މީޑިއާ ފޮލޮވަރ ބޭސް ވެސް ވަރަށް ބޮޑެވެ.

comment ކޮމެންޓް