އިންޑިއާގެ އުއްތަމަ ފަނޑިޔާރު މަގާމުން ދުރުކުރުމަށް އިދިކޮޅުން ޕެޓިޝަނެއް ހުށަހަޅައިފި

އިންޑިއާގެ އުއްތަމަ ފަނޑިޔާރު ދީޕަކް މިސްރާ --

ދިއްލީ (އޭޕްރިލް 20): އިންޑިއާގެ އުއްތަމަ ފަނޑިޔާރު ދީޕަކް މިސްރާ މަގާމުން ދުރުކުރަން އެގައުމުގެ އިދިކޮޅު ހަތް ޕާޓީއެއްގެ މެމްބަރުން ސޮއިކޮށް، ޕެޓިޝަނެއް ހުށަހަޅައިފިއެވެ.

ހަތްދިހައަށް ވުރެ ގިނަ މަޖިލިސް މެމްބަރުން ސޮއިކޮށްފައިވާ އެޕެޓިޝަން ހުށަހަޅާފައި ވަނީ ގައުމުގެ ނައިބު ރައީސް އަދި މަޖިލީހުގެ މަތީގޭގެ ޗެއާމަން ވެންކައިއާ ނައިޑޫއަށެވެ. އެ ޕެޓިޝަނުގައި ސޮއިކުރި ޕާޓީތަކުގެ ތެރޭގައި ނެޝަނަލް ކޮންގްރެސް، ނެޝަނަލިސްޓު ކޮންގްރެސް ޕާޓީ، ކޮމިއުނިސްޓު ޕާޓީ އޮފް އިންޑިއާ އަދި ސަމަޖްވާދީ ޕާޓީ ހިމެނެއެވެ.

އެ ޕެޓިޝަން ހުށަހެޅީ 2014 ވަނަ އަހަރު ފަނޑިޔާރު ބްރިޖްގޯޕާލް ހަރްކިޝަން ލޯޔާ އަވަހާރަވީ ގުދުރަތީ ސަބަބުތަކާ ހެދި ކަމަށާއި އެމައްސަލައިގެ މިނިވަން ތަހުގީގެއް ކުރުމުގެ ބޭނުމެއް ނެތް ކަމަށް ސުޕްރީމް ކޯޓުން އިއްޔެ ނިންމި ފަހުންނެވެ. އެމައްސަލަ ނިންމި ބެންޗުގައި އިސްކޮށް ހުންނެވީ އުއްތަމަ ފަނޑިޔާރު މިސްރާއެވެ.

ލޯޔާ އަވަހާރަވީ އިންޑިއާގެ ވެރިކަން ކުރާ ޕާޓީ ބާރަތިޔާ ޖަނަތަ ޕާޓީ (ބީޖޭޕީ)ގެ ރައީސް އަމިތު ޝާހްއާ ގުޅުންހުރި، މަރުގެ މައްސަލައެއް ބައްލަވަމުން ދަނިކޮށެވެ. ލޯޔާ ނިޔާވީ ހާޓްއެޓޭކެއް ޖެހިގެން ކަމަށް ކޯޓުން ނިންމި ނަމަވެސް އޭނާގެ އާއިލާގެ މެމްބަރުން ވަނީ އެމައްސަލައިގެ ޝައްކުކުރެވޭ ކަންތައްތަކެއް ހުރި ކަމަށް ބުނެފައެވެ.

އަދި އިދިކޮޅު ފަރާތްތަކުން މިއަދު އުއްތަމަ ފަނޑިޔާރާ ދެކޮޅަށް ހުށަހެޅި ޕެޓިޝަނުގައި ފަނޑިޔާރު ލޯޔާގެ މައްސަލަ ބެލުމަށް ވަކި ފަނޑިޔާރުންތަކެއް އައްޔަނުކުރުން ފަދަ މައްސަލަތައް ފާހަގަކޮށްފައި ވެއެވެ.

ސުޕްރީމް ކޯޓުން ބަލާ ބައެއް މައްސަލަތަކުގައި ފަނޑިޔާރުންގެ ބެންޗު އެކުލަވާލުމުގައި މިސްރާ ވަކި ބަޔަކަށް އިސްކަންދެއްވާކަން ސުޕްރީމް ކޯޓުގެ އިސް ހަތަރު ފަނޑިޔާރުން ވަނީ މިދިޔަ ޖެނުއަރީ މަހު ފާހަގަކުރައްވައި، މިސްރާއަށް ފާޑު ވިދާޅުވެފައެވެ. އެއީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންތަކެއް އިންޑިއާގެ އެންމެ މަތީ ކޯޓަށް ފާޑުވިދާޅުވެ ވާހަކަފުޅުދެއްކެވި ފުރަތަމަ ފަހަރެވެ.

އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ޗެއާމަން އަދި އެގައުމުގެ ނައިބު ރައީސް ނައިޑޫ އެ ޕެޓިޝަން ގަބޫލު ކުރައްވައިފި ނަމަ، އުއްތަމަ ފަނޑިޔާރާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން ކުރި ތުހުމަތުތައް ތިން މެމްބަރުންގެ ކޮމިޓީއަކުން ބަލާނެއެވެ. ދެން އެ މައްސަލައާ ބެހޭ ގޮތުން މަޖިލީހުގެ މަތީގެއާއި ތިރީގޭގައި މަޝްވަރާކުރެވޭނެއެވެ.

އުއްތަމަ ފަނޑިޔާރު މަގާމުން ވަކި ކުރެވޭނީ އެކަމަށް މަޖިލީހުގެ ތިން ބައި ކުޅަ ދެބައި މެމްބަރުންގެ ތާއިދު ކުރުމުންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް