ދީނާ ގުޅޭ މާއްދާތައް އިސްލާހުކުރަންދޭ ލަފާ ބަލައެއް ނުގަންނާނަން: ސަރުކާރު

އީޔޫ އިން ރާއްޖެ އައި ވަފުދަކާ އެކު ރައީސް ޔާމީން މީގެ ކުރިން ބައްދަލުކުރައްވަނީ --- ފޮޓޯ/ ރައީސް އޮފީސް

ދިވެހި ދައުލަތުގެ ދީނަކީ އިސްލާމް ދީން ކަމަށާއި އެކަން އެހެން ގޮތަކަށް ބަދަލުކުރުމަށް ބޭރުގެ ފަރާތްތަކުން ގޮވާލާ ގޮވާލުންތައް ބަލައި ނުގަންނާނެ ކަމަށް ދިވެހި ސަރުކާރުން ބުނެފި އެވެ.

ދެހާސަ ސާދަ ވަނަ އަހަރު ރާއްޖޭގައި އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ފަހު އީޔޫއިން މި އަހަރުގެ ޖެނުއަރީ މަހުގެ އަށަކުން 11 ވަނަ ދުވަހަށް ރާއްޖެއަށް ފޮނުވި އިލެކްޓޯރަލް ފޮލޯއަޕް މިޝަން (އީއެފްއެމް) އިން ކުރި މަސައްކަތްތަކާ ބެހޭ ރިޕޯޓު އާންމުކުރީ އިއްޔެ އެވެ. އެ ރިޕޯޓުގައި ވަނީ، 2014 ވަނަ އަހަރު އީޔޫގެ އިލެކްޝަންސް އޮބްޒަވޭޝަން މިޝަނުން ފާހަގަކުރާ ކަންކަމަށް ރިއާޔަތްކޮށް، ރާއްޖޭގައި އިންތިޚާބުތައް ބޭއްވުމުގައި އީޔޫ އިން ހުށަހެޅި އިސްލާހުތައް ތަންފީޒުކުރާ މިންވަރާ ގުޅޭ ކަންކަމެވެ.

އެ ރިޕޯޓުގައި އީޔޫ އިން ވަނީ ގާނޫނު އަސާސީގެ ނުވަ ވަނަ މާއްދާ މުރާޖާކޮށް، އިސްލާހުކުރަން ފެންނަ ކަމަށާއި އެގޮތުން ރާއްޖޭގެ ރައްޔިތަކަށްވެ، އިންތިހާބުގައި ވޯޓުލެވޭ މީހުންގެ ޝަރުތެއްގެ ގޮތުގައި މުސްލިމަކަށްވުން ނުހިމަނަން ލަފާ ދޭ ކަމަށާއި އިންތިޚާބުގައި ވާދަކުރުމަށް ސުންނީ މުސްލިމަކަށްވުން ލާޒިމުނުކުރާ ގޮތަށް ގާނޫނު އަސާސީގެ 73 ވަނަ މާއްދާ އިސްލާހުކުރަން ލަފާދޭ ކަމަށެވެ.

ދިވެހި ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ ނުވަވަނަ މާއްދާގެ (ރ)ގައި ބުނެފައި ވަނީ މުސްލިމަކަށް މެނުވީ ދިވެހި ރައްޔިތަކަށް ނުވެވޭނެ ކަމަށެވެ.

އެ ރިޕޯޓާ ގުޅިގެން ދިވެހި ސަރުކާރުގެ ފަރާތުން ފޮރިން މިނިސްޓްރީން ރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ދިވެހި ދައުލަތުގެ ދީނަކީ އިސްލާމްދީން ކަމަށާއި ރާއްޖޭގެ ހުރިހާ ގާނޫނެއްގެ އަސާސަކީ ވެސް އިސްލާމްދީން ކަމަށެވެ.

https://sun.mv/104389

"އެހެންކަމުން، މީގެ ކުރިން އެތައް ފަހަރަކު ބުނެވިފައިވާނެ ފަދައިން، ދިވެހިރާއްޖޭގެ ގާނޫނު އަސާސީގެ ނުވަވަނަ މާއްދާއާއި 73 ވަނަ މާއްދާ ރިވިއުކުރުމަށް ނުވަތަ އިސްލާހުކުރުމަށް ދޭ އެއްވެސް ލަފައެއް ދިވެހި ސަރުކާރުން ބަލައި ނުގަންނާން،" ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެ އެވެ.

ފޮރިން މިނިސްޓްރީން ބުނީ 2014 ވަނަ އަހަރުން ފެށިގެން ދިވެހި ސަރުކާރުން ދަނީ، މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވުމަށް ކަންކަން ތަންފީޒުކުރަމުން ކަމަށާއި އެކަންކަން ކުރިއަށް ދާ ގޮތް އީޔޫއާ ހިއްސާ ކުރަމުން ދިޔަ ނަމަވެސް ރިޕޯޓުގައި އެކަންކަން ފާހަގަކޮށްފައި ނުވާތީ ހިތާމަކުރާ ކަމަށެވެ.

"ޖެނުއަރީގައި އީޔޫގެ ޓީމަށް މައުލޫމާތު ދީފައިވާނެ ފަދައިން، ދިވެހި ސަރުކާރުން ދަނީ 2014ގައި އީޔޫ އިލެކްޝަންސް އޮބްޒަވޭޝަން މިޝަންގެ ރިކޮމެންޑޭޝަންތައް ތަންފީޒުކުރުމަށް ކަމާ ގުޅުން ހުރި އެކި ފަރާތްތަކާ އެކު މަސައްކަތް ކުރަމުން،" ފޮރިން މިނިސްޓްރީން ބުންޏެވެ.

އެގޮތުން، ރާއްޖޭގެ އިންތިޚާބީ އޮނިގަނޑަށް ގެންނަމުންދާ އިސްލާހުތަކަކާ އެކު ބިލެއް ޑްރާފްޓުކޮށްފައިވާ ކަމަށާއި އެ ބިލުގެ މަގްސަދަކީ އިލެކްޝަންސް ކޮމިޝަނާއި އެންޓި ކޮރަޕްޝަން ކޮމިޝަނާއި ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ އިތުރުން ފުލުހުންގެ ދައުރުތައް ކަނޑައެޅުން ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ. އަދި 2013 ވަނަ އަހަރު އިންތިޚާބު ބޭއްވުމަށް ސުޕްރީމް ކޯޓުން ނެރުނު ގައިޑްލައިންގައިވާ ކަންކަން ވެސް އެ ޑްރާފްޓު ބިލުގައި ހިމެނޭނެކަމަށް ފޮރިން މިނިސްޓްރިން ބުންޏެވެ.

"މި ބިލުގައި އިންތިޚާބުތަކުގައި މަނާ ކަންކަމާއި އެފަދަ ކަންކަމަށް އަޅާނެ ފިޔަވަޅުތަކާއި ވޯޓުލާ މީހުންގެ ރެޖިސްޓްރޭޝަނާއި ރީރެޖިސްޓްރޭޝަނުގެ އިތުރުން އިލެކްޝަންސް ކޮމިޝަނުން ވޯޓުލާ މީހުންގެ ލިސްޓް އާންމުކުރަން ޖެހޭ ޓައިމްލައިންތައް ހިމެނޭނެ. އަދި ކެމްޕޭންތަކަށް ހޭދަކުރާ ފައިސާއާއި ހުރިހާ ކެންޑިޑޭޓުންނަށް ހަމަހަމަކޮށް ކެމްޕޭނުކުރެވޭނެ ފުރުސަތުތަކާއި މީޑިއާގައި ކެމްޕޭން ކުރުމަށް ޓައިމް ސްލޮޓު ދޭނެ ގޮތުގެ ގައިޑްލައިން ވެސް ހިމެނޭނެ،" ފޮރިން މިނިސްޓްރީން ބުންޏެވެ.

comment ކޮމެންޓް