ފްރާންސަކީ އެމެރިކާގެ އަޅެއް ކަމަށް ބުނެ، އެގައުމުން އަސަދަށް އެރުވި ޝަރަފު އަނބުރާ ދީފި

ފްރާންސުން އެރުވި ޝަރަފު ރައްދުކޮށްފައި ވަނީ ރޯމޭނިއާގެ އެމްބަސީ މެދުވެރިކޮށް -- ފޮޓޯ: އޭއެފްޕީ

ދިމިޝްގު (އޭޕްރިލް 20): ސީރިއާގެ ރައީސް ބައްޝާރުލް އަސަދަށް ފްރާންސުން ދިން އެގައުމުގެ އެންމެ މަތީ ޝަރަފު އަނބުރާ ހަވާލުކޮށްފިއެވެ.

ސީރިއާގެ ފޮރިން މިނިސްޓްރީން ބުނި ގޮތުގައި އެޝަރަފު އަނބުރާ ހަވާލު ކުރީ "ޓެރަރިސްޓުންނަށް އެއްބާރުލުންދޭ އެމެރިކާއަށް އަޅުވެތިވެފައިވާ ގައުމަކުންދޭ ޝަރަފެއް" ރައީސް އަސަދު ބޭނުންފުޅު ނުވާތީއެވެ.

ދިމިޝްގުގައި ހުންނަ ރޯމޭނިއާގެ އެމްބަސީ މެދުވެރިކޮށް އެޝަރަފު ރައްދުކޮށްފައި ވަނީ، އެޝަރަފު އަތުލުމުގެ މަސައްކަތް ފްރާންސުގެ ސަރުކާރުން އިސްވެ ފަށާފައި ވަނިކޮށެވެ.

ރައީސް އަސަދަށް ލީޖަން އޮފް އޮނާގެ އެންމެ މަތީ ޝަރަފު އެރުވީ 2001 ވަނަ އަހަރު އޭނާ ވެރިކަމަށް ވަޑައިގަތުމުން، އޭރުގެ ފްރާންސުގެ ރައީސް ޜަކް ޝިރާކްއެވެ.

ސީރިއާގެ ދޫމާއަށް މިމަހުގެ ހަތް ވަނަ ދުވަހު އެގައުމުގެ ސަރުކާރުން ކެމިކަލް ހަމަލާއެއް ދިން ކަމުގެ ތުހުމަތުކޮށް އެމެރިކާ އާއި އިނގިރޭސިވިލާތުން ސީރިއާއަށް ދިން މިސައިލް ހަމަލާތަކުގައި ފްރާންސުންވެސް ބައިވެރިވެފައި ވެއެވެ. އެހަމަލާތަކުގައި ސީރިއާގެ ކެމިކަލް ހަތިޔާރު އުފައްދާ އަދި ރައްކާ ކުރާ ކާރުހާނާތަކެއް ސުންނާފަތިވެފައި ވާކަމަށް އެމެރިކާއިން ބުންޏެވެ.

ސީރިއާ ސަރުކާރުން ވަނީ ދޫމާއަށް ކެމިކަލް ހަމަލާ ދިން ކަމަށް ބުނެ ފަތުރަނީ ދޮގު ވާހަކަތައް ކަމަށް ބުނެފައެވެ.

(އަލްޖަޒީރާ)

comment ކޮމެންޓް