އަލީ ޒަފަރުގެ މައްޗަށް ޖިންސީ ފުރައްސާރަ ކުރުމުގެ ތުހުމަތު!

އަލީ ޒަފަރު އަދި މީޝާ ޝާފީ ---

ޕާކިސްތާނުގެ އަންހެން ލަވަކިޔުންތެރިއަކަށް ޕާކިސްތާން އަދި ބޮލީވުޑް އެކްޓަރު/ލަވަކިޔުންތެރިޔާ އަލީ ޒަފަރު، ޖިންސީ ފުރައްސާރަ ކުރި ކަމަށް ތުހުމަތު ކޮށްފިއެވެ.

ޒަފަރަށް އެފަދަ ތުހުމަތެއް ކޮށްފައި ވަނީ ލަވަކިޔުންތެރިޔާ މީޝާ ޝާފީއެވެ. އުމުރުން 36 އަހަރުގެ ލަވަކިޔުންތެރިޔާ ޓުވިޓާ މެދުވެރިކޮށް އާންމުކުރި ބަޔާނެއްގައި ބުނެފައި ވަނީ، ތަފާތު އެކި ފަހަރު މަތިން ޒަފަރު އޭނާއަށް ޖިންސީ ފުރައްސާރަ ކޮށްފައިވާ ކަމަށެވެ.

އަދި އެވާހަކަތައް ހާމަކުރަން ނިންމީ، ހަނު ހުރުމަށް އޭނާގެ ނަފްސު އިތުރަށް ފުރުސަތު ނުދޭތީ ކަމަށާއި އަމިއްލަ ތަޖުރިބާގެ ވާހަކަ ހިއްސާ ކުރުމުން، އޭނާ ފަދައިން ޖިންސީ ގޯނާއާއި ފުރައްސާރައިގެ ޝިކާރައަކަށް ވެފައިވާ މީހުންނަށް އެވާހަކަތައް ދައްކަން ހިތްވަރަކަށް ވާނެކަމަށް މީޝާ ބުންޏެވެ.

ލަވަކިޔުންތެރިޔާ މީޝާ ޝާފީ ---

މީޝާއަކީ ދެކުދިންގެ މަންމަ އެކެވެ. މީޝާ ބުނީ ކާމިޔާބު ފަންނާނެއްގެ އިތުރުން، ދެ ކުދިންގެ މަޔަކަށް ޖިންސީ ފުރައްސާރައާ ކުރިމަތިލާން ޖެހުމުން އެކަމުން ދޭހަވަނީ ކޮންމެ އަންހެނަކަށް ވެސް ޖިންސީ ގޯނާއާއި ފުރައްސާރަ ކުރިމަތިވެދާނެ ކަމެވެ.

"އަހަންނަށް ޖިސްމާނީ ގޮތެއްގައި ޖިންސީ ފުރައްސާރަ ކުރިމަތިވީ އިންޑަސްޓްރީގައި އެކުގައި މަސައްކަތް ކުރާ ފަންނާނެއް ކަމުގައިވާ އަލީ ޒަފަރުގެ ފަރާތުން. އަހަންނަށް އެކަންކަން ކުރިމަތިވީ ޒުވާން އުމުރުގައި ނުވަތަ މި ދާއިރާއާ އަލަށް ގުޅުނު ދުވަސްވަރަކު ނޫން. އަމިއްލަ ފައި މައްޗަށް ތެދުވެ، ގާބިލު އަންހެނަކަށް ވީ ފަހުން. ދެކުދިންގެ މަންމައަކަށް ވީ ފަހުން،" މީޝާގެ ބަޔާނުގައި ބުނެފައިވެއެވެ.

މީޝާއާއި ޒަފަރު މީގެ ކުރިން އެކުގައި މަސައްކަތް ކޮށްފައިވާ އިރު، ޒަފަރުގެ އަމަލުތަކުގެ ސަބަބުން އޭނާއަށް ވަރަށް ބޮޑަށް އަސަރުކޮށްފައިވާ ކަމަށް މީޝާ ބުންޏެވެ.

ފިލްމީ ތަރި އަލީ ޒަފަރު --

މީޝާގެ ތުހުމަތުތަކަށް ޒަފަރު ވަނީ ރައްދު ދީފައެވެ. ޓުވިޓާ މެދުވެރިކޮށް އަލީ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މީޝާ ކޮށްފައި ވަނީ ދޮގު ތުހުމަތުތަކެއް ކަމަށާއި، އެ މައްސަލަ ކޯޓަށް ހުށަހަޅާނެ ކަމަށެވެ.

ޒަފަރު ބުނީ އޭނާއަކީ ވެސް ދެ ކުދިންގެ ބައްޕައެއް ކަމަށާއި، މީހެއްގެ ފިރިއެއްގެ އިތުރުން އަންހެނެއްގެ ދަރިއެއް ކަމަށެވެ. އަދި އޭނާއަކީ އަބަދު ވެސް އޭނާގެ އާއިލާއާއި އެކުވެރިންނަށް ދިމާވާ ދަތި ކަންކަމުގައި އެހީވެދޭ މީހެއް ކަމަށާއި، އެއްވެސް ކަހަލަ ބޭއިންސާފަކަށް އޭނާ ތާއީދު ނުކުރާ ކަމަށެވެ.

ޒަފަރު ބުނީ އޭނާވެސް ހަނު ނުހުންނާނެ ކަމަށާއި، ފޮރުވާނެ އެއްވެސް އެއްޗެއް ނެތް ކަމަށެވެ. އަދި އަބަދުވެސް ދޮގުގެ މައްޗަށް ހައްގު ކުރި ހޯދާނެ ކަމަށް ޒަފަރު ބުނެފައިވެއެވެ.

މީޝާއަކީ ފިލްމީ ދާއިރާގައި ޖިންސީ ފުރައްސާރަ ކުރިމަތިވި ކަމަށް ބުނި ޕާކިސްތާނުގެ ފުރަތަމަ ފަންނާނެވެ.

"ތޭރޭ ބިން ލާދިން"އިން ފިލްމީ ދާއިރާއަށް ނުކުތް ޒަފަރު ފާހަގަކޮށްލެވޭ ބޮލީވުޑް ފިލްމުތަކެއްގައި މަސައްކަތް ކޮށްފައެވެ. އެގޮތުން ''މެރެ ބްރަދަރް ކީ ދުލްހަން''، އަދި ''ޗަޝްމޭ ބައްދޫރު'' ފާހަގަކޮށްލެވެއެވެ. އޭގެ އިތުރުން މިދިޔަ އަހަރު ރިލީޒްކުރި ކާމިޔާބު ފިލްމު ''ޑިއާ ޒިންދަގީ" ގައި ވެސް އޭނާ ފެނިގެން ދިޔައެވެ.

comment ކޮމެންޓް