ސީރިއާއަށް އެމެރިކާއިން ދިން ހަމަލާގައި ނުގޮވާ ހުރި މިސައިލްތައް ރަޝިއާއާ ހަވާލުކޮށްފި

އެމެރިކާއިން ސީރިއާއަށް މިސައިލުން ހަމަލާދެނީ--

ސީރިއާއަށް އެެމެރިކާއިން ދާދި ފަހުން ދިން ހަމަލާގައި ނުގޮވާ ހުރި މިސައިލްތައް، ސީރިއާގެ ސަރުކާރުން ރަޝިއާއާ ހަވާލުކޮށްފިއެވެ.

ސީރިއާ ސަރުކާރުން ބުނީ އެމެރިކާއިން މިދިޔަ ހޮނިހިރު ދުވަހު ދިން ހަމަލާގައި ބޭނުންކުރި މިސައިލްތަކުގެ ތެރެއިން ނުގޮވާ ހުރި މިސައިލްތައް އެއްވެސް ވަރަކަށް ހަލާކުނުވާ ކަމަށެވެ.

"މިދިޔަ އަންގާރަ ދުވަހު އޭގެން ދެ މިސައިލެއް ރަޝިއާއާ ވާނީ ހަވާލުކޮށްފައި،" ސީރިއާއިން ބުންޏެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިދިޔަ ހޮނިހިރު ދުވަހު ވިދާޅުވީ ސީރިއާގެ ކެމިކަލް ހަތިޔާރު އުފައްދާ އަދި ރައްކާކުރާ ކާރުހާނާތަކަށް އެގައުމުން ކާމިޔާބު ހަމަލާތަކެއް ދީފައިވާ ކަމަށެވެ.

ނަމަވެސް ރަޝިއާގެ ޑިފެންސް މިނިސްޓްރީން ބުނީ އެމެރިކާއިން ފޮނުވާލި 100 އަށް ވުރެ ގިނަ މިސައިލު ހަމަލާތަކުގެ ތެރޭން 71 މިސައިލެއް، ސީރިއާގެ މިސައިލް އައްޑަނަތަކުގެ އެހީގައި ވައްޓާލާފައިވާ ކަމަށެވެ.

އަދި ސީރިއާ ސަރުކާރުން ދޫމާގައި ކެމިކަލް ހަތިޔާރު ބޭނުންކުރި ކަމަށް ބުނެ ހުޅަނގުގެ ގައުމުތަކުން ކުރާ ތުހުމަތުތަކަކީ، ވަރަށް ބޮޑު އޮޅުވާލުމެއް ކަމަށާއި އެއީ ވަރަށް ބޮޑަށް ރާވައިގެން ދައްކާ ދޮގު ވާހަކަތަކެއް ކަމަށް ރަޝިއާއާއި ސީރިއާއިން ވެސް ބުނަމުން ދެއެވެ.

comment ކޮމެންޓް