ގްރީންއާއި ވެލެންސިއާ "މަރުގެ" މެޗަކަށް!

މިދިޔަ އަހަރު މާލޭ ލީގުގައި ވިކްޓަރީ އާއި ގުރީން ސްޓްރީޓް ބައްދަލުކުރި މެޗުގެ ތެރެއިން: އޭރު ސޮބާ ހުރީ ގްރީންގެ ކޯޗަކަށް، ސުޒޭން ހުރީ ވިކްޓަރީގެ ކޯޗަކަށް ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އެސްޓީއޯ މާލޭ ލީގުގައި ކްލަބު ވެލެންސިއާއި ކްލަބު ގްރީން ސްޓްރީޓްސް ވާދަކުރާ މެޗު މިއަދު ހަވީރު އޮންނާނެއެވެ.

މި ހަފްތާއަކީ މާލޭ ލީގުގެ ފުރަތަމަ ބުރުގެ އެންމެ ފަހު ހަފްތާއެވެ. ފުރަތަމަ ބުރުގެ ފަހު މެޗަށް ނުކުންނަ އިރު، ގަދަ ހަޔަކުން ބޭރުގައި މިވަގުތު އޮތް ދެ ޓީމަކީވެސް ވެލެންސިއާއާ ގްރީންއެވެ.

ކުޅުނު ހަ މެޗުން ގްރީންއަށް ލިބެނީ ފަސް ޕޮއިންޓެވެ. ތާވަލުގެ ފުލުގައި ވެލެންސިއާ އޮތީ ފަސް މެޗުން އެންމެ ޕޮއިންޓަކާ އެކުގައެވެ.

މެޗުގެ ކުރިން ވާހަކަ ދައްކަމުން ގްރީންގެ ކޯޗު އަލީ ސުޒޭން ބުނީ ދެ ޓީމުވެސް އޮތީ އެއް ހާލަތެއްގައި ކަމަށެވެ.

"މެޗަށް ނުކުންނަ އިރު ދެޓީމުވެސް މިއޮތީ އެއް ހާލަތެއްގައި. މެޗުން ބަލިވާ ޓީމު ވެއްޓެނީ. ގްރީންވެސް އެކަމަށް ވަރަށް ބޮޑަށް ފަރުވާތެރިވާނެ. ހާސްވާންޖެހޭ ހިސާބުގައި މި އޮތީ. މީގެ ތެރެއިން އަރައިގަންނަން ފަހު ޗާންސް މީ. މިއަދުގެ މެޗުން ތިން ޕޮއިންޓް ނެގިއްޖެއްޔާ އަށް ޕޮއިންޓު ހަމަވާނެ ގްރީންއަށް. ގާތް ގަނޑަކަށް ދެން ހުރި ޓީމުތަކާ ޕޮއިންޓެއް ދެ ޕޮއިންޓް އޭރުން އިންނާނީ. ހަމަ ގައިމުވެސް އަނެއް ބުރަށް ދާއިރު ތިން ހަތަރު ޕޮއިންޓް ވެއްޖެއްޔާ އުނދަގޫވާނެ. ތަފާތު ބޮޑުކޮށް ފުލުގައި އޮތުމަކީ ޕްރެޝަރެއް ލިބޭނެ ކަމެއް. އެހެންވީމަ އެ ޕްރެޝަރު ކަނޑުވާލަން މެޗު މުހިންމު،" މެޗުގެ މުހިންމު ކަމާ ގުޅިގެން ސުޒޭން ބުންޏެވެ.

ގްރީންގެ ކޯޗު އަލީ ސުޒޭން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ސުޒޭން ދެކޭ ގޮތުގައި ގްރީން މިހާލަތަށް ދިޔައީ ގިނަ ކަންތައްތަކެއް ދިމާވެގެންނެވެ. އޭގެ ތެރޭގައި ކުޅުންތެރިން އަދި ސަޕޯޓަރުންވެސް ރަނގަޅު ކުރަން ޖެހޭ ކަންކަން ހުރިކަން ސުޒޭން ފާހަގަ ކުރިއެވެ.

"ގްރީން ކަހަލަ ޓީމަކަށް ދެ ކުޅުންތެރިއަކު، ނޫނީ އެއް ކުޅުންތެރިއަކު ރިޕްލޭސް ކޮށްލަން ޖެހުނަސް އެ ތަން ފޫބައްދަން ވަރަށް އުނދަގޫވާނެ. ހަމަ އެ ތިބޭ 11 އެއް ގަވާއިދުން ކުޅެން ފުރުސަތު ލިބިއްޖެއްޔާ އެބަ އޮތް ފުރުސަތު ގްރީން ކަހަލަ ޓީމަކަށް ރަނގަޅު ނަތީޖާއެއް ނެރެން،" ސުޒޭން ބުންޏެވެ.

ސުޒޭން އިތުރަށް ބުނީ ގްރީންއަށް ސަސްޕެންޝަންގެ މައްސަލަ ވަރަށް ބޮޑަށް ދިމާވި ކަމަށާއި، ކޫސަނި ކަންކަމުގައި ސަސްޕެންޑް ވާން ޖެހުމަކީ ޓީމުގެ "މެޗުއާރިޓީ" ނެތިގެން ދިމާވާ ކަންކަން ކަމަށެވެ.

ގްރީންއިން އެންމެފަހުން ލީގުގައި ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅުނު މެޗުގައި ޓީމުގެ ޑިފެންޑަރު މުހައްމަދު ސާއިފް އަދި ސޮބުލް އިލިއާވެސް ހުރީ ސަސްޕެންޝަނުގައެވެ.

ގްރީންގެ ސަޕޯޓަރުންގެ ފަރާތުން ބައެއް މެޗުތަކުގައި ރެފްރީއަށް ވަރަށް ހޫނު ބަހުގެ ހަމަލާތައް ދިންތަން ފެނިފައިވާ އިރު، ސުޒޭން ބުނީ އެއީ ފާޑުކިޔުން ނޫން ކަމަށާއި އެއަށްވުރެ ކަންކަން ދަނީ ހަޑިކޮށް ކަމަށާއި އެކަން ހައްލުކުރަން ޖެހޭ ކަމަށެވެ.

"ގްރީންގެ ސަޕޯޓަރެއް ވިޔަސް، އެހެން ޓީމެއްގެ ސަޕޯޓަރެއް ވިޔަސް މެޗުގައި ދިމާވާ ކަމަކުން ތެދުވެ ހަޅޭލަވައި ގަނެވިދާނެ. އެކަމަކު އާންމުކޮށް ބޭނުން ކޮށްގެން ނުވާ ބަހުރުވަ އެއްވެސް ސަޕޯޓަރެއް ބޭނުންކުރުން އެއީ ގަބޫލުކުރެވޭ ކަމެއް ނޫން،" ސުޒޭން ބުންޏެވެ.

ސުޒޭން ބުނީ ރާއްޖޭގެ ފުޓުބޯޅަ އަދި ކްލަބުވެސް ބްރޭންޑް ކުރުމަށް އެ ކަންކަން ރަނގަޅުކުރަން ޖެހޭ ކަމަށެވެ.

މިދިޔަ އަހަރު މާލޭ ލީގްގައި ވެލެންސިއާ އާއި ގްރީން ސްޓްރީޓް ބައްދަލުކުރި މެޗުގެ ތެރެއިން: ސޮބާ މިއަދުގެ މެޗުގައި ނުކުންނާނީ އޭނާ މިދިޔަ އަހަރު ކޯޗުކޮށްދިން ގްރީންއާ ދެކޮޅަށް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިއަދުގެ މެޗާ ގުޅިގެން ވެލެންސިއާގެ ކޯޗު، ސޮބާހު މުހައްމަދު (ސޮބާ) ބުނީ ބަލިވުމުގެ ސިލްސިލާ ނިންމާލަން ޖެހޭ ކަމަށާއި މިއަދުގެ މެޗުން ކޮންމެހެންވެސް ޕޮއިންޓެއް ބޭނުންވާނެ ކަމަށެވެ.

"ވެލެންސިއާއަށް ވަރަށް ދަށްކޮށް މިދަނީ. ބަލިވުމުގެ ސިލްސިލާ ނިންމާލުމަށް ކޮންމެހެންވެސް އެބަ ޖެހޭ ޕޮއިންޓެއް ހޯދަން. ވިކްޓަރީ މެޗަށް ބަލާ އިރު ޓީމުން ހިތްހަމަ ޖެހޭ ކަންތައްތަކެއް ފެނުނު. ތަންކޮޅެއް ރަނގަޅަށް ކުޅެވުނު އެ މެޗުގައި. ނަތީޖާ އެ މެޗުގައި ނުނެރެވުނަސް އުންމީދަކީ ކުޅުންތެރިން މި މެޗުގައި ނަތީޖާ ނެރެން ވިސްނާނެ ކަމަށް،" ސޮބާ ބުންޏެވެ.

ސޮބާ ބުނީ މާ ގިނައިން ބަލިވުމުގެ ސަބަބުން ކުޅުންތެރިންގެ ކޮންފިޑެންސްއަށް ވަރަށް ބޮޑަށް އަސަރުކޮށްފައިވާ ކަމަށާއި މިރޭގެ މެޗަކީ ވެލެންސިއާއަށް ނޭވައެއް ލާން ލިބޭނެ އެންމެ ފަހު ފުރުސަތު ކަމަށެވެ.

"ވެލެންސިއާއަށް ވުރެ ރަނގަޅު ސްކޮޑެއް ގްރީންގައި އޮތީ. އެހެންވީމަ މެޗު ހަމަ ވަރަށް އުނދަގޫ މެޗަކަށް ވެގެންދާނެ. ހާލަތަށް ބަލާ އިރު، މެޗަކަށްފަހު މެޗެއް ބަލިވަމުން ދާތީ ކުޅުންތެރިން މޮޅު ނުވެގެން ކޮންފިޑެންސް ގެއްލިފައި ތިބޭ ގޮތަކަށް މި ފެންނަނީ. އަނެއް ބުރަށް ދާން މިއީ މުހިންމު މެޗަކަށް ވެގެންދާނެ. ކިރިޔާވެސް ނޭވާއެއް ލުމަށް ޕޮއިންޓެއް ބޭނުންވާނެ ގްރީން މެޗުން،" ސޮބާ ބުންޏެވެ.

ވެލެންސިއާއާއި ގްރީން ވާދަކުރާ މެޗު އޮންނާނީ މިއަދު ހަވީރު 4:00 ގައެވެ.

comment ކޮމެންޓް