އީޔޫގެ ލަފަޔާ ދެކޮޅަށް ކޮންމެ ދިވެހި ދަރިޔަކު ވެސް އަޑުއުފުލަންޖެހޭ: އިލްޔާސް

އައްޝައިޅް އިލްުޔާސް ހުސައިން --- ސަން ފައިލް ފޮޓޯ: މުހައްމަދު އަފްރާހް

އިސްލާމްދީން ނޫން އެހެން ދީންތަކުގެ މީހުންނަށް ދިވެހި ރައްޔިތަކަށް ވެވޭނެ ކަމަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ދިވެހި ސަރުކާރަށް ދިން ލަފަޔާ ދެކޮޅަށް ދިވެހި ކޮންމެ ދަރިޔަކު ވެސް އަޑުއުފުލަންޖެހޭ ކަމަށް ދީނީ އިލްމުވެރިޔާ އިލްޔާސް ހުސައިން ވިދާޅުވެއްޖެއެވެ.

ޝައިޚް އިލްޔާސް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިސްލާމްދީން ނޫން އެހެން ދީންތަކަށް ފުރުސަތު ލިބޭގޮތަށް ރާއްޖޭގެ ގާނޫނު އަސާސީ އިސްލާހު ކުރަންޖެހޭ ކަމަށް އެއްވެސް ބަޔަކަށް ލަފާ ނުދެވޭ ކަމަށެވެ.

"މި ލަފަޔާ ދެކޮޅަށް ދިވެހި ކޮންމެ ދަރިއަކު ވެސް އަޑުއުފުލަންޖެހޭ،" އިލްޔާސް ވިދާޅުވިއެވެ.

ދިވެއްސަކު އިސްލާމުދީން ދޫކޮށްލިޔަސް ދިވެހި ރައްޔިތުކަން ނުގެއްލޭގޮތަށް ގާނޫނު އަސާސީ އިސްލާހުކުރަން އީޔޫ އިން ވަނީ ދިވެހި ސަރުކާރަށް ލަފާދީފައެވެ.

އެގޮތަށް އީޔޫއިން ލަފާދީފައިވަނީ އެ ޔޫނިއަންގެ ފަރާތުން މިއަހަރުގެ ޖެނުއަރީ މަހުގެ އަށަކުން 11 އަށް ރާއްޖެ ފޮނުވި ވަފުދުގެ ބޭފުޅުންގެ ދަތުރަށްފަހު މިއަދު އާންމު ކުރި ރިޕޯޓުގައި ރާއްޖޭގައި މިނިވަން އިންތިހާބަކަށް ހުރި ކަންބޮޑުވުންތައް ފާހަގަ ކުރައްވަމުންނެވެ.

އެ ރިޕޯޓުގައި ބުނެފައިވަނީ ގާނޫނު އަސާސީގެ ނުވަ ވަނަ މާއްދާ މުރާޖާކޮށް، އިސްލާހުކުރަން ފެންނަ ކަމަށާއި އެގޮތުން ރާއްޖޭގެ ރައްޔިތަކަށްވެ، އިންތިހާބުގައި ވޯޓުލެވޭ މީހުންގެ ޝަރުތެއްގެ ގޮތުގައި މުސްލިމަކަށްވުން ނުހިމަނަން ލަފާ ދޭ ކަމަށާއި އިންތިޚާބުގައި ވާދަކުރުމަށް ސުންނީ މުސްލިމަކަށްވުން ލާޒިމުނުކުރާ ގޮތަށް ގާނޫނު އަސާސީގެ 73 ވަނަ މާއްދާ އިސްލާހުކުރަން ލަފާދޭ ކަމަށެވެ.

ދިވެހި ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ ނުވަވަނަ މާއްދާގެ (ރ)ގައި ބުނެފައިވަނީ މުސްލިމަކަށް މެނުވީ ދިވެހި ރައްޔިތަކަށް ނުވެވޭނެ ކަމަށެވެ.

ރާއްޖޭގައި ދީނީ މިނިވަންކަން ދިނުމަށް އީޔޫއިން ގޮވާލާފައި މިވަނީ މިދިޔަ މަހުގެ ތެރޭގައި އީޔޫގެ ކައުންސިލުން ރާއްޖެއާ ދެކޮޅަށް ފާސްކުރި ގަރާރެއްގައިވެސް ރާއްޖޭގައި ދީނީ މިނިވަންކަން ނޯންނާތީ ރާއްޖެއަށް ފާޑުކިޔުމުން، އެކަމާ މެދު ދިވެހި ސަރުކާރުން ކަންބޮޑުވުން ފާޅުކޮށްފައި ވަނިކޮށެވެ.

އީޔޫގެ ރިޕޯޓުގައި އިތުރަށް ހުށަހަޅާފައިވާ ކަންތަކުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް ވުމުގެ ޝަރުތުގައި ހިމެނޭ "ސުންނީ ޖަމާއަތުގެ މުސްލިމަކަށް ވުމުގެ" ޝަރުތު އުނިކުރުމަށްވެސް ވަނީ ހުށަހަޅައިފައެވެ.

ސަރުކާރު ހިންގާ ޕީޕީއެމާއި ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްޑީއޭ އިން ވެސް ވަނީ އީޔޫގެ އެ ރިޕޯޓުގައިވާ ކަންތައްތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.

comment ކޮމެންޓް