ސުޕްރިންޓެންޑެންޓެއްގެ މަގާމަށް ޑިމޯޓް ކުރި ޖަމްޝީދަށް އަލުން އޭސިޕީގެ މަގާމް ދެއްވައިފި

މުހައްމަދު ޖަމްޝީދު -- ސަންފޮޓޯ/ ފަޔާޒު މޫސާ

ސުޕްރިންޓެންޑެންޓެއްގެ މަގާމަށް މީގެ ކުރިން ޑިމޯޓް ކުރި މުހައްމަދު ޖަމްޝީދަށް އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމް ދެއްވައިފިއެވެ.

ފުލުހުންގެ އިންޓެލިޖެންސް ޑައިރެކްޓަރޭޓްގެ ހެޑްކަން ވެސް ކުރައްވަމުން ގެންދަވާ ޖަމްޝީދަށް އަލުން އެ މަގާމް ދެއްވާފައިވަނީ މިއަދުއެވެ.

ޖަމްޝީދު މީގެކުރިން އޭސީޕީގެ މަގާމުގައި ހުންނަވަނިކޮށް އޭނާ ޗީފް ސުޕްރިންޓެންޑެންޓެއްގެ މަގާމަށް ބަދަލުކޮށްފައިވަނީ ކުރީގެ ކަމިޝަނަރ އޮފް ޕޮލިސް އަހްމަދު އަރީފް ހުންނަވަނިކޮށެވެ. އަދި ޖަމްޝީދު އެ މަގާމަށް ބަދަލުކުރިތާ ހަފްތާއެއް ފަހުން އިތުރު މައްސަލަތަކެއް ފެންމަތިކޮށް އޭނާ ވަނީ ސުޕްރިންޓެންޑެންޓެއްގެ މަގާމަށް ޑީމޯޓްކޮށްފައެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި ޖަމްޝީދަށް ޑަބަލް ޑިމޯޝަން އޭރު ދިނީ ކުރީގެ ސީޕީ އަހްމަދު އަރީފާއި ޚިޔާލު ތަފާތުވެގެންނެވެ. އަދި އެނގިފައިވާ ގޮތުގައި ޖަމްޝީދު ޑަބަލް ޑިމޯޝަން ދިނީ ސީދާ އަރީފްގެ އެންގުވުމަށެވެ.

ޖަމްޝީދު ޑީމޯޓްކޮށް އޭނާ އޭރު ވަނީ އިންޓެގްރޭޓެޑް ސާވިސް ކޮމާންޑްގެ ވެރިޔާގެ މަގާމުން ދުރުކޮށް ޕްރޮޖެކްޓްސް އޮފިސަރެއްގެ ގޮތުގައި އައްޑޫ ސިޓީއަށް ފޮނުވާލަން ނިންމާފައެވެ.

މިދިޔަ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހުގެ ރޭ ހިނގާދިޔަ ކަންކަމަށް ފަހު ޖަމްޝީދުވަނީ އަލުން ފުލުހުންގެ އިންޓެލިޖެންސްގެ ވެރިޔާގެ މަގާމަށް ހަމަޖައްސާފައެވެ. ޖަމްޝީދަކީ މިހާރު ފުލުހުންގެ ތެރޭގައި ތިބި އޮފިސަރުންގެ ތެރެއިން އިންޓެލިޖެންސްގެ ދާއިރާގައި އެންމެ ތަޖުރިބާކާރު އެއް އޮފިސަރެވެ.

ޖަމްޝީދު އަލުން އޭސީޕީއެއްގެ މަގާމަށް ޕްރޮމޯޓް ކުރިއިރު މިއަދު ވަނީ އޭސިޕީއެއްގެ މަގާމަށް އިތުރު ބޭފުޅަކުވެސް އައްޔަންކޮށްފައެވެ. އޭސީޕީއެއްގެ މަގާމަށް ޕްރޮމޯޓްކުރި ދެވަނަ އޮފިސަރަކީ ޗީފް ސުޕްރިންޑެންޓެއްގެ މަގާމުގައި ހުންނެވި އަހްމަދު އަބްދުއް ރަހުމާނެވެ.

ދެ އޭސީޕީއެއް ފުލުހުންގެ އިދާރާއަށް އައްޔަންކޮށްފައިވާއިރު މިއަދު ވަނީ ސުޕްރިންޓެންޑެންޓްގެ މަގާމުގައި ތިއްބެވި ބައެއް ފުލުހުންނަށްވެސް ކުރިއެރުންދީފައެވެ. ނަމަވެސް އެކަމާ ގުޅޭ އިތުރު ތަފްސީލްވަނީ ލިބޭ ގޮތް ނުވެފައެވެ.

comment ކޮމެންޓް