މޯލްޑިވިއަން ބަލިކޮށް، ޓީސީއެލްއިން ޗެމްޕިއަންކަން ހޯދައިފި

ކްލަބު މޯލްޑިވްސް ކަޕްގެ ޗެމްޕިއަން ކްލަބު ޓީސީއެލް --- ސަން ފޮޓޯ/ ފަޔާޒް މޫސާ

ކްލަބު މޯލްޑިވްސް ކަޕްގެ ފައިނަލުގައި މޯލްޑިވިއަން ރެކްރިއޭޝަން ކްލަބު ބަލިކޮށް، ކްލަބު ތިލަފުށި ކޯޕަރޭޝަން ލިމިޓެޑް (ކްލަބު ޓީސީއެލް) އިން ޗެމްޕިއަންކަން ހޯދައިފިއެވެ.

އެ މުބާރާތުގެ ޗެމްޕިއަންކަން ކްލަބު ޓީސީއެލްއިން ހޯދީ މާފަންނު ސްޓޭޑިއަމް މިނީ ދަނޑުގައި މިރޭ ކުޅުނު ފައިނަލް މެޗުގައި މޯލްޑިވިއަންގެ މައްޗަށް 4-1ގެ ނަތީޖާއަކުން ކުރި ހޯދައިގެންނެވެ.

ކްލަބު މޯލްޑިވްސް ކަޕްގެ ފައިނަލްގައި ކްލަބު ޓީސީއެލްއާއި މޯލްޑިވިއަން ބައްދަލުކުރި މެޗުގެ ތެރެއިން: އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ޓީސީއެލް --- ސަން ފޮޓޯ/ ފަޔާޒް މޫސާ

އެ މެޗުގައި މޮޅު ކުޅުމެއް ދައްކަމުންދިޔަ ޓީސީއެލްއިން ޖެހި ހަތަރު ލަނޑުގެ ތެރެއިން ތިން ލަނޑު މުހައްމަދު ލިޔާހު ކާމިޔާބުކޮށްދިން އިރު، އެޓީމުގެ އަނެއް ލަނޑު ކާމިޔާބުކޮށްދިނީ މުހައްމަދު ރިއްފަތެވެ. މޯލްޑިވިއަންގެ ހަމައެކަނި ލަނޑު، އެޓީމަށް ކާމިޔާބުކޮށްދިނީ ހުސައިން އަފްސަލްއެވެ.

މުބާރާތުގެ ފައިނަލް މެޗު ޝަރަފުވެރި ކޮށްދެއްވީ ގްރޭޓާ މާލޭ ރީޖަން އިންޑަސްޓްރިއަލް ޒޯންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ނާސިފެވެ. ނާސިފްގެ އިތުރުން އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރު ޖޭން ވަންލީއާއި ކްލަބު މޯލްޑިވްސްގެ އިސްވެރިން އިނާމުދިނުމުގެ ރަސްމިއްޔާތުގައި ބައިވެރިވަޑައިގެންނެވިއެވެ.

ކްލަބު މޯލްޑިވްސް ކަޕްގެ ފައިނަލްގައި ކްލަބު ޓީސީއެލްއާއި މޯލްޑިވިއަން ބައްދަލުކުރި މެޗުގެ ތެރެއިން: އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ޓީސީއެލް --- ސަން ފޮޓޯ/ ފަޔާޒް މޫސާ

އެ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޓީސީއެލްގެ މުހައްމަދު ލިޔާހުއެވެ. އެ މުބާރާތުގެ ފެއާޕްލޭ ޓީމަކަށް ކްލަބު އެމްޓީސީސީ ހޮވުނު އިރު، މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވުނީ ޓީސީއެލްގެ ކޯޗު އަހްމަދު އިރުފާނެވެ.

އެ މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔަކަށް ހޮވުނީ ވެސް މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނު ޓީސީއެލްގެ ލިޔާހުއެވެ. އެ މުބާރާތުގެ ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ވެސް ހޮވުނީ ލިޔާހުއެވެ. މުބާރާތުގެ ފެއާޕްލޭ ކުޅުންތެރިޔަކަށް އުރީދޫގެ މުހައްމަދު ފާސިރު ހޮވުނު އިރު، އުންމީދު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ދިރާގުގެ ނާއިފް ޝަފީގެވެ.

ކްލަބު މޯލްޑިވްސް ކަޕްގެ އެންމެ މޮޅު ކުޅުންތެރިޔާ އަދި އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާ ޓީސީއެލްގެ މުހައްމަދު ލިޔާހު(ވ) --- ސަން ފޮޓޯ/ ފަޔާޒް މޫސާ

އެ މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނުނީ ޓީސީއެލްގެ މުހައްމަދު ރިއްފަތާއި، އެޓީމުގެ މުހައްމަދު ލިޔާހާއި، އެޓީމުގެ ގޯލްކީޕަރު އިސްމާއިލް ފާތިހާއި، މޯލްޑިވިއަންގެ ހުސައިން އަފްޒަލް އަދި އެޓީމުގެ އަބްދުﷲ ޝައްފާނެވެ.

މިއަހަރުގެ ކްލަބު މޯލްޑިވްސް ކަޕްގެ އަންހެން ބައި، 18/30 ވިމެންސް ފުޓްސަލް ފިއެސްޓާގެ ފައިނަލުގައި ޕޮލިސް ކްލަބު ބަލިކޮށް ޗެމްޕިއަންކަން ހޯދީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އެވެ. މިއީ މެދުކެނޑުމެއްނެތި ކްލަބު މޯލްޑިވްސް ކަޕް ބޭއްވި 13 ވަނަ އަހަރެވެ.

comment ކޮމެންޓް